ބޮޑެތި ތުހުމަތުތަކާއެކު ހދ. ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް މުހައްމަދު މައުސޫމް ސަސްޕެންޑް ކޮށްފިއެވެ.
ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނީ ކޮމިޝަންގެ މި އަހަރުގެ 40 ވަނަ ބައްދަލުވުން ބުދަ ދުވަހު އޯޑިއޯ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބޭއްވުނު ކަމަށެވެ. މިބައްދަލުވުން ބާއްވާފައިވަނީ މައިކްރޯ ސޮފްޓް ޓީމްސް މެދުވެރިކޮށެވެ.
ޖޭއެސްސީން ބުނީ ހދ. ޖުޑީޝަލް ދާއިރާގެ ދާއިރާ އިސްމެޖިސްޓްރޭޓް މުހައްމަދު މައުސޫމް ފާޅުގައި ރިޝްވަތު ނަގާކަމަށް ސޯޝަލް މީޑިއާގައި ފެތުރެމުން ދިޔަ ޕޯސްޓްތަކަކާއި ގުޅޭ މައްސަލައަކާއި، ޖިންސީ ފުރައްސާރައިގެ މައްސަލައަކާއި، އެ ނޫން ވެސް މައްސަލަތަކެއް އިސްމެޖިސްޓްރޭޓް މައުސޫމްއާ ގުޅޭގޮތުން ކޮމިޝަނުން ތަހުގީގު ކުރަމުންދާ ކަމަށެވެ.
ޖޭއެސްސީން ބުނީ އެތަހުގީގު މިވަގުތު ކުރިއަށް ގޮސްފައިވާ ހިސާބަށް ރިއާޔަތްކޮށް، ތަހުގީގު ކޮމިޓީން މައްސަލައިގެ ތަހުގީގު ފުރިހަމަކޮށް، ކޮމިޝަނުން ވަކިގޮތެއް ކަނޑައަޅަންދެން، ޖޭއެސްސީ ގާނޫނުގެ 25 ވަނަ މާއްދާގެ (ބ) އަދި (ބ) ގެ ދަށުން އިސް މެޖިސްޓްރޭޓް މައުސޫމް ވަޒީފާއަށް ނުނިކުމެ 60 ދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް މަޑުކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި އެކަން ހދ. ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް މައުސޫމަށް އެންގުމަށް ކޮމިޝަނުން ވަނީ ނިންމާފައެވެ.
މި ނިންމުން ނިންމާފައިވަނީ މިބައްދަލުވުމުގައި ބައިވެރިވެޑައިގެންނެވި ކޮމިޝަންގެ 8 މެމްބަރުންނެވެ.