ކޮވިޑް-19 އާއި ގުޅިގެން ވަޒީފާއަށް އަސަރުކޮށްފައިވާ ފަރާތްތަކަށް އެހީވުމުގެ ގޮތުން ރާއްޖެއަށް 12.8 މިލިއަން ޑޮލަރު ދިނުމަށް ނިންމައިފިއެވެ.
ވަރލްޑް ބޭންކުން ބުނީ މިއެހީ އަކީ ކޮވިޑް-19 އާއި ގުޅިގެން އިގްތިސާދަށް ކުރާ އަސަރުތައް ކުޑަކުރުމުގެ ގޮތުން ކުރިއަށް ގެންދާ ޕްރޮޖެކްޓެއްގެ ދަށުން ދެވޭ އެހީއެއްކަމަށެވެ. މި ޕްރޮޖެކްޓު ޚާއްސަ ކުރެވިފައިވަނީ މާލީ ގޮތުން އަސަރުކޮށްފައިވާ އާއިލާތަކަށާއި މަސައްކަތްތެރިންނަށް އެހީވުމަށެވެ. ވަރލްޑް ބޭންކުން އިތުރަށް ބުނީ މި ޕްރޮޖެކްޓުގެ ސަބަބުން ގައުމުގައި ހިންގޭ އިޖުތިމާއީ ރައްކާތެރިކަމާއި ގުޅޭ ޕްރޮގްރާމްތައް އިތުރު ކުރެވިގެންދާނެ ކަމަށެވެ.
ވަރލްޑް ބޭންކުން ބުނީ މި ޕްރޮޖެކްޓުން ސަރުކާރުގެ އިންކަމް ސަޕޯޓު އެލަވަންސް ސްކީމް އަށް އިތުރު އެހީއެއް ލިބިގެންދާނެ ކަމަށެވެ. އެގޮތުން ވަޒީފާ ގެއްލިފައިވާ ފަރާތަކަށް ކޮންމެ މަހަކު 5000 ރުފިޔާގެ އިނާޔަތެއް ލިބިގެންދާނެ ކަމަށެވެ.
ވޯލްޑް ބޭންކުން ރާއްޖެއަށާއި، ނޭޕާލް އަދި ސްރީލަންކާއަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ ޑިރެކްޓަރ އައިޑަހް ސްވަރާއީ-ރިޑީހޯ ވިދާޅުވެފައިވަނީ ކޮވިޑް-19 ގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވަނީ ފަތުރުވެރިކަމުގެ ސިނާއަތުން އާމްދަނީ ހޯދަމުންދާ އާއިލާތަކަށް ކަމަށެވެ. އަދި މި ޕްރޮޖެކްޓުގެ ދަށުން އެންމެ ހާލުގައި ޖެހިފައިވާ ފަރާތްތަކަށް ކާބޯތަކެއްޗާއި ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ތަކެތި ފޯރުކޮށްދިނުމަށް ސަރުކާރަށް ފަސޭހަވެގެންދާނެ ކަމަށެވެ. އޭގެއިތުރުން މިފަދަ ދެވަނަ ކާރިސާއަކަށް ރާއްޖެއަށް ތައްޔާރުވުމަށް ލިބޭ ބާރަކަށް ވެގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
މިދިޔަ ހޯމަ ދުވަހުގެ ރޭ އެންއީއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތަރުޖަމާން މަބްރޫކް ވިދާޅުވީ، އިންކަމް ސަޕޯޓް އެލަވެންސްގެ ގޮތުގައި މިހާތަނަށް 488 ބޭފުޅަކަށް ޖުމްލަ 1،967000ރ (އެއް މިލިއަން ނުވަލައްކަ ފަސްދޮޅަސް ހަތް ހާސް) ރުފިޔާ ދީފައިވާކަމަށެވެ.
އިންކަމް ސަޕޯޓް އެލަވަންސް ދޭން ފަށާފައި ވަނި މެއި މަހުގެ 20 ވަނަ ދުވަހު އެވެ. މެއި މަހުގެ 13 ވަނަ ދުވަހު ދިވެހި ސަރުކާރުގެ ގެޒެޓުގައި އާންމުކޮށްފައިވާ،އިންކަމް ސަޕޯޓް އެލެވެންސްދިނުމާއި ގުޅޭ އުސޫލުގައި ވާގޮތުން، މި އެލެވަންސް ދިނުމަށް ހަމަޖެހިފައި ވަނީ 1 މާރޗް 2020ގެ ފަހުން ވަޒީފާއިން ވަކިކޮށް ނުވަތަ ސަސްޕެންޑް ކޮށްފައިވާ ފަރާތްތަކަށާއި، މުސާރަ ނުލިބޭ ގޮތަށް ޗުއްޓީ (ނޯޕޭ ލީވް) އަށް ފޮނުވާފައިވާ ފަރާތްތަކާއި މުސާރައިގެ ގޮތުގައި ލިބޭ އަދަދުން ބައެއް އުނިިކޮށްފައިވާ ފަރާތްތަކަށެވެ.