ކ. މާލެ
|
10 ޖޫން 2020 | ބުދަ 19:10
މިނިސްޓަރ ޝާހީދު އޯއައިސީ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތުން
މިނިސްޓަރ ޝާހީދު އޯއައިސީ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތުން
ފޮރިން މިނިސްޓްރީ
ދިވެހިރާއްޖެ- ފަލަސްތީން
ފަލަސްތީނުގެ ބިންތައް ހިފުމަށް އިސްރާއިލުން ކުރާ މަސައްކަތް ރާއްޖެއިން ކުށްވެރިކޮށްފި!
 
ބިންތައް ހިފުމަކީ އިސްރާއީލާއި ފަލަސްތީނުގެ ވަކި ދެ ދައުލަތެއް ޤާއިމްކުރުމަށް ކުރެވޭ މަސައްކަތަށް އެޅޭ އިތުރު ހުރަހެއް
 
އިސްރާއީލުން ފަލަސްތީނުގެ ބިންތަކަށް ވެރިވެފައި އޮންނަ އޮތުން ހުއްޓުވަން މިނިސްޓަރ ވަނީ ގޮވާލާފައި
 
ހިފާފައިވާ ހުޅަނގު އައްސޭރީގެ ބިންތަކަކީ އިސްރާއީލުގެ އަމިއްލަ ބިންކަމުގައި ކަނޑައެޅުމަކީ ދިވެހިރާއްޖެއިން ވަރަށް ހަރުކަށިކޮށް ކުށްވެރިކުރާ ކަމެއް

ފަލަސްތީނުގެ ބިންތަކުގެ ބޮޑު ބައެއް އިސްރާއީލުން އަނެއްކާވެސް ހިފުމަށް ކުރަމުންދާ މަސައްކަތާ ގުޅިގެން ދިވެހިރާއްޖެ އިން އެކަން ކުށްވެރިކޮށްފިއެވެ.

އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ)ގެ އެގްޒެކެޓިވް ކޮމިޓީގެ ޚާރިޖީ ވަޒީރުންގެ ފެންވަރުގެ ބައްދަލުވުމުގައި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ބައިވެރިވެވަޑައިގެންފައިވާއިރު ބައްދަލުވުމުގައި މިނިސްޓަރ ޝާހިދު ވަނީ އިސްރާއީލުން ހުޅަނގުގެ އައްސޭރީގެ އިތުރު ބިންތަކަކަށް ވެރިވުމަކީ ސަރަހައްދީ ހަމަޖެހުން ނަގާލުމަށް އިސްރާއީލުން ސިލްސިލާކޮށް ކުރަމުންދާ މަސައްކަތުގެ ބައެއް ކަމަށް ވިދާޅުވެފައެވެ.

އަދި ހިފާފައިވާ ހުޅަނގު އައްސޭރީގެ ބިންތަކަކީ އިސްރާއީލުގެ އަމިއްލަ ބިންކަމުގައި ކަނޑައެޅުމަކީ ދިވެހިރާއްޖެއިން ވަރަށް ހަރުކަށިކޮށް ކުށްވެރިކުރާ އަދި އެކަމާ ދެކޮޅު ހަދާ ކަމެއްކަމަށް މިނިސްޓަރ ވިދާޅުވެފައިވެއެވެ. މިކަމާއި ގުޅޭ އިތުރު ތަފްސީލް ހިއްސާކުރަމުން ފޮރިން މިނިސްޓްރީން ބުނެފައިވަނީ، ކޮވިޑް-19 ގެ ބަލިމަޑުކަމާ ދެކޮޅަށް މުޅި ދުނިޔެއިން މަސައްކަތްކުރަމުންދާ މި ދަނޑިވަޅުގައި، އިސްރާއީލުގެ މި އަމަލުތަކުގެ ސަބަބުން ފަލަސްތީނުގެ ރައްޔިތުން އިތުރަށް ނިކަމެތިވެގެން ދާނެކަން މިނިސްޓަރ ބައްދަލުވުމުގައި ފާހަގަކުރައްވާފައިވާކަމަށެވެ.

އިސްރާއީލުގެ މިއަމަލަކީ ބައިނަލްއަޤްވާމީ ހަމަތަކާ ގާނޫންތަކާ ޚިލާފް ކަމެއްކަމަށްވެސް ފާހަގަކުރައްވައި މިނިސްޓަރ ވަނީ އިސްރާއީލުން ފަލަސްތީނުގެ ބިންތަކަށް ވެރިވެފައި އޮންނަ އޮތުން ހުއްޓުވުމާއި، ކުރިއަށް އޮތްތަނުގައި އިތުރު ބިންތަކަށް ވެރިވުން ހުއްޓުވުމަށްޓަކައި އދ އިން ފާސްކޮށްފައިވާ ޤަރާރުތައް ތަންފީޒުކުރުމަށް ބައިނަލްއަޤްވާމީ މުޖްތަމައަށް ގޮވާލައްވާފައެވެ.

ފަލަސްތީނުގެ މައްސަލައިގައި ދިވެހިރާއްޖެއިން އަބަދުވެސް ޤަބޫލުކުރަނީ 1967 ވަނަ އަހަރު އެކުލަވާލި ފަލަސްތީނުގެ ސަރަހައްދީ އިމުގެ ތެރޭގައި ފަލަސްތީނުގެ މިނިވަން ދައުލަތެއް ޤާއިމްކޮށް، އެދައުލަތުގެ ވެރިރަށަކީ އިރުމަތީ ޤުދުސްކަމަށް ހެދުންކަން ފާހަގަކުރައްވައި، ރާއްޖެއިން ދެކޭ ގޮތް މިނިސްޓަރ ތަކުރާރުކުރެއްވިއެވެ.

އަދި އިސްރާއީލުން ފަލަސްތީނުގެ އިތުރު ބިންތަކަށް ވެރިވުމަކީ އިސްރާއީލާއި ފަލަސްތީނުގެ ވަކި ދެ ދައުލަތެއް ޤާއިމްކުރުމަށް ކުރެވޭ މަސައްކަތަށް އެޅޭ އިތުރު ހުރަހެއްކަމަށާއި، އެކަން ހާސިލްކުރެވޭނީ އިޚްލާސްތެރިކަމާއެކު މަސައްކަތްކޮށްގެންކަމަށް މިނިސްޓަރ ޝާހިދު ވަނީ ވިދާޅުވެފައެވެ. މިނިސްޓަރ ޝާހިދުގެ ވާހަކަފުޅު ނިންމަވާލައްވަމުން، ފަލަސްތީނުގެ ރައްޔިތުން އިންސާފާއި ސުލްހަ އަދި މިނިވަންކަން ހޯދުމަށް ކުރަމުންދާ މަސައްކަތުގައި މުޅި އިސްލާމީ އުއްމަތް އެކަތިގަނޑެއްގެ ގޮތުގައި ފަލަސްތީނުގެ ރައްޔިތުންނާއެކު ދެމިތިބުމަށް ގޮވާލެއްވިއެވެ.

(އޯ.އައި.ސީ)ގެ އެގްޒެކެޓިވް ކޮމިޓީގެ ޚާރިޖީ ވަޒީރުންގެ ފެންވަރުގެ ބައްދަލުވުމުގައި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ބައިވެރިވެ ވަޑައިގަތުން

ސަޢޫދީ ޢަރަބިއްޔާއިން ރިޔާސަތު ބެލެހެއްޓި މި ވަރޗުއަލް ބައްދަލުވުމަކީ ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ އިތުރު ބިންތަކެއް އިސްރާއީލުން ހިފާ، އެގައުމުގެ ބަޔަކަށް ހެދުމަށް މަސައްކަތްކުރަމުންދާތީ، އެކަމާ ބެހޭ ގޮތުން މަޝްވަރާކުރުމަށް ބޭއްވި ބައްދަލުވުމެކެވެ. 57 މެމްބަރު ޤައުމުގެ މައްޗަށް އެކުލެވޭ އޯ.އައި.ސީއިން ގެންދަނީ ފަލަސްތީނުގެ ރައްޔިތުންގެ ހައްޤުތަކަށާއި ފަލަސްތީނުގެ މިނިވަންކަމަށް މެދުނުކެނޑި ވަކާލާތުކުރަމުންނެވެ.

އަދި 1976 ވަނަ އަހަރު އެޖަމާޢަތުގެ މެމްބަރަކަށް ދިވެހިރާއްޖެވި ފަހުން ރާއްޖެއިންވެސް ގެންދަނީ މިމައްސަލައިގައިވެސް އަދި އޯއައިސީގެ އެހެން މައްސަލަތަކުގައިވެސް ހަރަކާތްތެރި ގޮތެއްގައި ބައިވެރިވަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
100%
0%
0%
0%
0%
ކޮމެންޓް