ކ. މާލެ
|
10 ޖޫން 2020 | ބުދަ 17:44
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް
އިންޓަރނެޓް އަގުހެޔޮކުރުމަށް ކުރެވޭ މަސައްކަތްތަކުގެ މައުލޫމާތު 30 ދުވަހުގެ ތެރޭގައި މަޖިލީހަށް ފޮނުވުމަށް ފާސްކޮށްފި
 
މިރިޕޯޓްގައި ސަރުކާރުގެ ފަރާތުން ހަތަރު ކަމެއް ކުރުމަށްވެސް ވަނީ ހިމަނާފަ
 
30 ދުވަހުގެ ތެރޭގައި އިންޓަރނޭޝަނަލް ޕޭމަންޓް ގޭޓްވޭ ނުވަތަ ކްރޮސް ބޯޑަރ އީ ކޮމާސް ޚިދުމަތްތައް ރާއްޖޭގައި ފެއްޓޭނެ ކަމަށް ލަފާކުރާ ތާރީޚު ހޯދުމަށްވެސް ވަނީ ފާސްކޮށްފައި
 
މިރިޕޯޓް ފާސްކޮށްފައިވަނީ 67 މެމްބަރުންގެ ވޯޓުން

މިވަގުތު އިންޓަރނެޓް އަގުހެޔޮކުރުމަށާއި ދެވޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށް ކުރެވިދާނެ ކަންކަމުގެ ތަފްސީލު އެކުލެވޭ ޓެކްނިކަލް ރިޕޯޓެއް 30 ދުވަސް ތެރޭގައި މިނިސްޓްރީ އޮފް ކޮމިޔުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީން މަޖިލީހަށް ފޮނުވުމަށް ފާސްކޮށްފިއެވެ.

މާފަންނު މެދު ދާއިރާގެ މެމްބަރ އިބްރާހީމް ރަޝީދު ހުށަހަޅުއްވާފައިވާ ރަށުގެ އުފެއްދުންތަކާއި ވިޔަފާރިތައް ރަށު ބަންދުން މިނިވަންކޮށް ޒަމާނީ ތަރައްޤީ ގެނުވައިދިނުމަށް ގޮވާލާ ޤަރާރު އިޤްތިޞާދީ ކޮމިޓީން ދިރާސާ ކޮށް ނިންމިގޮތުގެ ރިޕޯޓަށް އިބްރާހީމް ރަޝީދު ތަޅުމުން ހުށަހެޅުއްވި އިސްލާހުތަކާއެކު ވަނީ ފާސްކޮށްފަ އެވެ. އެއީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 67 މެމްބަރުންގެ ވޯޓުންނެވެ.

މިރިޕޯޓަށް ތަޅުމުން ގެނައި އެއް އިސްލާހުގައި ބުނަނީ ރާއްޖޭގެ އެތެރޭގެ ފައިބަރ އޮޕްޓިކް ކޭބަލް މިހާރު ގުޅާ ނިމިފައިވާ ރަށްރަށަށް ލެވިފައިވާ ފައިބަރ ކަނެކްޝަން މައުލޫމާތާއި ފައިބަރ ކަނެކްޝަންގެ ޚިދުމަތް ގާއިމުކޮށްފައިނުވާ ރަށްރަށުގެ ތަފްސީލީ މައުލޫމާތު ތަކާއި އެރަށްރަށުގައި ފައިބަރ ކަނެކްޝަންގެ ޚިދުމަތް ދެމުންނުދާ ސަބަބު ބަޔާންކުރަންވާނެ ކަމަށެވެ. އަދި ފައިބަރ ކަނެކްޝަން އެކި ރަށްރަށަށް ގުޅުމުގައި ބަލާ މިންގަޑުތަކަކީ ކޮބައިތޯ އާއި މިނިސްޓްރީ އޮފް ކޮމިޔުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީން ކަނޑައަޅާފައިވާ އެއްވެސް ގައުމީ ފައިބަރ ވިއުގައެއްގެ ތަސައްވުރެއް ނުވަތަ ރެގިޔުލޭޓަރީ ގަވާއިދެއްވާނަމަ އެމައުލޫމާތެއް އަދި ސަރވިސް ޕްރޮވައިޑަރއެއް ރާއްޖޭގެ ހުރިހާ ރަށަކަށް ފައިބަރ ކަނެކްޝަން ދޭން އެއްބަސްވެފައިވާނަމަ އެ މުއްދަތުގެ ތަފްސީލުތަކާއި މަސައްކަތް ކުރިޔަށްދާނެ ގޮތުގެ ތާވަލެއް ހިމެނޭ ރިޕޯޓެއް ގަރާރު ފާސްކުރާ ދުވަހުން 5 ދުވަސް ތެރޭގައި ހުށަހަޅަންވާނެ ކަމަށްވެސް ވަނީ ހުށަހަޅާފަ އެވެ.

މީގެއިތުރުން މިރިޕޯޓް މަޖިލީހުން ފާސްކުރާތާ 30 ދުވަހުގެ ތެރޭގައި އިންޓަރނޭޝަނަލް ޕޭމަންޓް ގޭޓްވޭ ނުވަތަ ކްރޮސް ބޯޑަރ އީ ކޮމާސް ޚިދުމަތްތައް ރާއްޖޭގައި ފެއްޓޭނެ ކަމަށް ލަފާކުރާ ތާރީޚާއި މަސައްކަތަށް ހޭދަވާނެ މުއްދަތު ތާވަލެއް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އެކުލަވާލާ މަޖިލީހަށް ފޮނުވުމަށްވެސް ވަނީ ފާސްކޮށްފަ އެވެ.

މިރިޕޯޓްގައި ސަރުކާރުގެ ފަރާތުން ހަތަރު ކަމެއް ކުރުމަށްވެސް ވަނީ ހިމަނާފަ އެވެ. އޭގެތެރޭގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ކުރިއަށްގެންދާ މޯލްޑިވްސް ޕޭމަންޓް ސިސްޓަމް ޑިވެލޮޕްމަންޓް ޕްރޮޖެކްޓުގެ މަސައްކަތް ވީއެންމެ އަވަސް މުއްދަތެއްގެ ތެރޭގައި ނިންމައި، އެ ސިސްޓަމް ބޭނުންކުރަން ފެށުމަށް ވަނީ ހުށަހަޅާފަ އެވެ. އަދި ޤައުމީ ބިޒްނަސް-ޓު-ބިޒްނަސް އަދި ބިޒްނަސް-ޓު-ކޮންސިއުމަރ ޕްލެޓްފޯމުގެ ނިޒާމެއް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓުގެ ލަފަޔާއި މަޝްވަރާއާއެކު މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީގެ އިސްނެގުމުގެ ދަށުން ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީ މެދުވެރިކޮށް ޤާއިމްކޮށް، ތަރައްޤީކުރުމަށްވެސް ވަނީ ހުށަހަޅާފަ އެވެ.

ސަރުކާރުގެ ގުޅުންހުރި އިދާރާތަކާއި މޯލްޑިވްސް ޕޯސްޓް ލިމިޓެޑާއި މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީގެ އިސްނެގުމުގެ ދަށުން ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީ މެދުވެރިކޮށް ޕޯސްޓާއި ޕާރުސަލު ޑެލިވަރީގެ ދާއިރާގެ ރެގިއުލޭޓަރީ ނިޒާމު ޒަމާނީކޮށް ހަރުދަނާކުރުމަށާއި "އާރް.އެފް.އައި.ޑީ" އަދި "ބްލޮކްޗެއިން" ފަދަ ޓެކްނޮލޮޖީ ބޭނުންކޮށްގެން "ސަޕްލައި ޗެއިން މެނޭޖްމަންޓް" ގެ ނިޒާމެއް ޤާއިމުކުރުމަށްވެސް ވަނީ ހުށަހަޅާފަ އެވެ.

މީގެއިތުރުން އިލެކްޓްރޯނިކް ވަޞީލަތްތައް މެދުވެރިކޮށް ކުރެވޭ މުޢާމަލާތް ހަރުދަނާ އުސޫލުތަކެއްގެ މަތިން ހިންގުމަށް ބޭނުންވާ ބިލުތަކުގެ މަސައްކަތް ހަލުވިކަމާއެކު ނިންމެވުމަށްފަހު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްވެސް ވަނީ ކޮމިޓީން ހުށަހަޅާފަ އެވެ.

މި ޤަރާރުގެ މަޤްޞަދަކީ، ދިވެހިރާއްޖޭގައި ޢަމަލުކުރަމުންދާ ޤާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށް ފަސޭހަކަމާއެކު ވިޔަފާރިތައް ބެލެހެއްޓޭނެ އޮންލައިން ނިޒާމެއް ޤާއިމްކުރުމަށް ގޮވާލައި، ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކަށް މިކަމަށް ބޭނުންވާ އިދާރީ އޮނިގަނޑާއި ވަޞީލަތްތައް އެކުލަވާލައި، ލުއި ފަސޭހަކޮށް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ބާރުއެޅުމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
100%
0%
0%
0%
0%
ކޮމެންޓް