ކ. މާލެ
|
10 ޖޫން 2020 | ބުދަ 15:46
ރައްޔިތުންގެ މަޖިލީހުގެ 2020 ވަނަ އަހަރުގެ ދެވަނަ ދައުރުގެ ފަސް ވަނަ ޖަލްސާގެ ތެރެއިން
ރައްޔިތުންގެ މަޖިލީހުގެ 2020 ވަނަ އަހަރުގެ ދެވަނަ ދައުރުގެ ފަސް ވަނަ ޖަލްސާގެ ތެރެއިން
ރައްޔިތުންގެ މަޖިލިސް
ޤާނޫނީ ފަންނުގެ ޤާނޫނަށް އިސްލާހު ހުށަހެޅުން
ބާ އިމްތިހާން ފުރިހަމަކުރުން އަންނަ ޖެނުއަރީ އަށް ފަސްކުރުމަށް ހުށަހެޅި އިސްލާހު ބަލައިގަނެ އިތުރަށް ދިރާސާކުރަން ކޮމިޓީއަށް
 
މި ޤާނޫނުގެ 30 ވަނަ މާއްދާގެ ހ ގެ 4 ވަނަ މާއްދާ އާއި މި ޤާނޫނުގެ 31 އަދި 32 ވަނަ މާއްދާ އަށް އަމަލުކުރަން ފަށާތާރީޚަކީ 1 ޖެނުއަރީ 2021 ށް ބަދަލުކުރުމަށް ވަނީ ހުށަހަޅާފައި
 
ބިލް ބަލައިގަތުމަށް 67 މެމްބަރުން ވަނީ ވޯޓު ދެއްވާފައި

ޤާނޫނީ ވަކީލުކަމުގެ ހުއްދަ ދޫކުރުމުގެ ޝަރުޠުތަކުގެ ތެރޭގައި ހިމެނޭ ތަމްރީނާއި ބާ އިމްތިހާނު ފުރިހަމަކުރުން އަންނަ ޖެނުއަރީ މަހަށް ފަސްކުރުމަށް ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނަށް އިޞްލާޙޫ ގެނައުމުގެ ބިލު ބަލައިގަނެ އިތުރަށް ދިރާސާކުރުމަށް ޖުޑީޝަރީ ކޮމިޓީއަށް ފޮނުވައިފި އެވެ.

ބުދަ ދުވަހުގެ ޖަލްސާގައި މި ބިލު ބަލައިގަތުމަށް ނެގި ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި 67 މެންބަރުންވެސް ވަނީ މި ބިލު ބަލައިގަތުމަށް ފެންނަކަމަށް ވޯޓު ދެއްވާފަ އެވެ. މި ބިލު ހުށަހެޅުއްވީ ދަނގެތި ދާއިރާގެ މެންބަރ މުޙައްމަދު ނާޒިމެވެ. ބިލު ހުށަހަޅުއްވަމުން ނާޒިމް ވިދާޅުވީ ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނަށް މިދިޔަ އަހަރު ޢަމަލުކުރަން ފަށާފައި ވާއިރު މި ޤާނޫނުގެ ދަށުން ވަކީލެއްގެ ގޮތުގައި މަސައްކަތްކުރުމުގެ ހުއްދަ ދޫކުރުމުގެ އުޞޫލުތައް ކުރިން ޢަމަލުކުރަމުންދިޔަ ގޮތާއި ވަރަށް ތަފާތުކަމަށެވެ. އެގޮތުން ޤާނޫނަށް މިހާރު އޮންނަގޮތުން ޤާނޫނީ ވަކީލުކަމުގެ ހުއްދަ ދޫކުރެވެނީ އެ ޤާނޫނުގެ 30 ވަނަ މާއްދާގެ ހ ގައި ބަޔާންކޮށްފައިވާ ޝަރުޠުތައް ފުރިހަމަވާ ފަރާތްތަކަށް ކަމަށްވެފައި، އެ ޤާނޫނުން މުޅިން އަލަށް ތަޢާރަފުކުރި ދެ ޝަރުޠުކަމަށްވާ ޤާނޫނީ ޚިދުމަތްދޭ ތަނެއްގައި އެއް އަހަރު ދުވަހުގެ ތަމްރީނު ފުރިހަމަކުރުމާއި ބާ އިމްތިހާނު ފުރިހަމަކުރުން ހިމެނޭ ކަމަށެވެ.

މި ދެ ޝަރުޠަށް ބަލާއިރު މިވަގުތު މުޅި ދުނިޔެއަށާއި ރާއްޖެއަށް ދިމާވެފައިވާ ކޮވިޑް-19 ގެ ސަބަބުން ހުރިހާ ކަމެއްހެން ހުއްޓުމަކަށް އައިސްފައިވާކަމަށް ނާޒިމް ވިދާޅުވި އެވެ. އެހެންކަމުން ޤާނޫނީ ވަކީލުކަމުގެ ހުއްދަ ހޯދުމަށް ފުރިހަމަކުރަންޖެހޭ އެއް އަހަރުގެ ތަމްރީނު ފުރިހަމަކުރުމަށް މި ދާއިރާއިން ކިޔަވާ ނިމިފައިވާ ދަރިވަރުންނަށް ހުރަސް އެޅިފައިވާ ކަމަށް ނާޒިމް ވިދާޅުވި އެވެ.

މީގެއިތުރުން ނާޒިމް ވިދާޅުވީ ބާ އިމްތިހާނަކީ ރާއްޖޭގެ ބާ ކައުންސިލުގެ ފަރާތުން އެމެރިކާގެ ނެޝަނަލް ސެންޓަރ ފޮރ ބާ އެގްޒިމިނަރސް (އެން.ސީ.ބީ.އީ) އާ ގުޅިގެން ކުރިޔަށް ގެންދިޔުމަށް ތައްޔާރުވަމުންދާ އިމްތިހާނަކަށް ވާއިރު އެކަން ކުރުމަށް ބާ ކައުންސިލަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށާއި އެ އިމްތިހާން މިއަހަރު ކުރިޔަށް ނުގެންދެވުން ގާތް ކަމަށް ބާ ކައުންސިލުން މަޢުލޫމާތު ދީފައިވާ ކަމަށް ނާޒިމް ވިދާޅުވި އެވެ.

ނާޒިމް ހުށަހަޅުއްވާފައިވާ އިސްލާހުގައި ބުނެފައިވަނީ މި ޤާނޫނަށް 78 ވަނަ މާއްދާ އިތުރު ކުރުމަށެވެ. އެ މާއްދާގައި ބުނަނީ މި ޤާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވީނަމަސް މި ޤާނޫނުގެ 30 ވަނަ މާއްދާގެ ހ ގެ 4 ވަނަ މާއްދާ އާއި މި ޤާނޫނުގެ 31 އަދި 32 ވަނަ މާއްދާ އަށް އަމަލުކުރަން ފަށާތާރީޚަކީ 1 ޖެނުއަރީ 2021 ށް ފެށިގެން ކަން އިތުރުކުރަން ހުށަހަޅުއްވާކަމަށް ނާޒިމް ވިދާޅުވި އެވެ. އަދި ހަމަ މިޤާނޫނަށް އަމަލުކުރަން ފަށަނީ މި ޤާނޫނު ގެޒެޓްގައި ޝާޢިއުކުރާ ދުވަހުން ފެށިގެންކަމަށް ބަދަލުކުރަން ހުށަހަޅާކަމަށް ނާޒިމް ވިދާޅުވި އެވެ.

މި ޤާނޫނުގެ 31 ވަނަ މާއްދާ އަކީ ބާ އިމްތިހާން ހެދުމާއި ތަމްރީން ފުރިހަމަކުރުމާއި ބެހޭ މާއްދާ އެވެ. އަދި 32 ވަނަ މާއްދާ އަކީ ބާ އިމްތިހާނާ ގުޅޭ މާއްދާ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
100%
0%
0%
0%
0%
ކޮމެންޓް