ކ. މާލެ
|
10 ޖޫން 2020 | ބުދަ 12:51
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު
މަޖިލިސް
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ
ސިޔާސީ ނިޒާމަކީ ވާދަވެރިންނާއެކު ހިންގަންޖެހޭ ނިޒާމެއް، މަޖިލިސް ހިންގަން ބޭނުމީ މައިނޯރިޓީ އާއެކު: ރައީސް ނަޝީދު
 
ވާދަވެރި ކަމާއެކީގައި މަސައްކަތްކުރުމަކީ ރާއްޖޭގެ ކުރިއެރުމަށާއި ތަރައްޤީއަށް ކޮންމެހެން ބޭނުންކަމެއް
 
މިއީ އެއް ޕާޓީ ގައުމެއް ނޫން ކަމަށް ރައީސް ނަޝީދު ވިދާޅުވި
 
މަޖިލީހުގެ ނިޒާމު ހިފެހެއްޓުމަށް ކުރަންޖެހޭ ކަންކަން ކުރަންޖެހޭ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ރައީސް ނަޝީދު ވިދާޅުވި

ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ކުރިޔަށް ގެންދަން ބޭނުންފުޅުވަނީ މަޖިލީހުގައި ހިމެނޭ ބައިމަދު ޕާޓީތަކާއެކު ކަމަށާއި ސިޔާސީ ނިޒާމަކީ ވާދަވެރިންނާއެކު ހިންގަންޖެހޭ ނިޒާމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ވަނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ބޮއިކޮޓް ކޮށްފަ އެވެ. އެއީ ކުރީ ކައުންސިލަރުންގެ ދައުރު ދަންމާލުމަށް ޤާނޫނު އަސާސީއަށް ބަދަލު ގެނައުމަށް ބޭއްވި ޖަލްސާގައި ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމުގެ ނަން އިއްވާ ތަޅުމުން ނެރެން އުޅުމުގެ ތެރޭގައި ހިންގި ހަމަނުޖެހުންތަކަށް ފަހުގަ އެވެ. އެކަމުގައި އެމްޑީޕީގެ މެންބަރުން ޝިޔާމަށް ޙަމަލާދިން ކަމަށް ތުހުމަތުކޮށް މައްސަލަ ތަޙުޤީޤުކުރަން ފުލުހުންނަށް ވެސް ވަނީ ހުށަހަޅާފަ އެވެ. އެކަމާއި ގުޅިގެން އިދިކޮޅު މެންބަރުން ޖަލްސާތަކަށް ވަޑައިނުގަންނަވާއިރު، އެ މެންބަރުން ހުށަހަޅުއްވާފައިވާ ޤަރާރުތަކާއި ބިލުތަކުގެ މަސައްކަތްތައް އަންނަނީ ޖަލްސާތަކަށް އެޖެންޑާ ކުރަމުންނެވެ.

އެގޮތުން އަންގާރަ ދުވަހުގެ ޖަލްސާގައި ފެލިދޫ ދާއިރާގެ ޕީއެންސީ މެންބަރ ފަޒުލް ރަޝީދު ހުށަހަޅުއްވާފައިވާ ޤަރާރެއް އެޖެންޑާކޮށްފައިވެ އެވެ. ނަމަވެސް ފަޒުލް ޖަލްސާއަށް ވަޑައިނުގަންނަވާތީ އާއި އަދި އެޕާޓީގެ އެހެން މެންބަރަކުވެސް ޖަލްސާއަށް ވަޑައިނުގަންނަވާތީ އެ ޤަރާރު ހުށަހަޅާ ބަހުޘް ކުރިޔަށް ގެންދަވާފައެއް ނުވެއެވެ. އެކަމާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން އަންގާރަ ދުވަހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އިދިކޮޅު ޕާޓީތަކުގެ މަޖިލިސް މެންބަރުން މަޖިލީހަށް ވަޑައިނުގެންނެވި ނަމަވެސް އެކަން ފާހަގަ ނުވަނީ އެއީ ކުރިން ވެސް އެ މެންބަރުން އެހާ ގިނައިން މަޖިލީހަށް ވަޑައިނުގަންނަވާތީ ކަމަށް ވެދާނެ ކަމަށެވެ.

ބުދަ ދުވަހުގެ ޖަލްސާ ފަށްޓަވަމުން ރައީސް ނަޝީދު ވިދާޅުވީ މަޖިލިސް ހިންގަން ބޭނުންފުޅުވަނީ ބައި މަދު ޕާޓީތަކާއެކުގައި ކަމަށެވެ. އަދި އެޕާޓީތަކަށް ލިބިދޭ ޙައްޤުތަކާއެކު ކަމަށާއި މަޖިލީހުގެ ނިޒާމު ހިފެހެއްޓުމަށް ކަންކަން ކުރަންޖެހޭ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. އެހެންނަމަވެސް އެއީ ތާ އަބަދު އެކަން އޮންނަ ގޮތްކަމަށް ދެކިވަޑައިނުގަންނަވާ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

އަޅުގަނޑު ޚާއްޞަގޮތެއްގައި ޕީޕީއެމް އާއި ޕީއެންސީގެ މެންބަރުންގެ އަރިހުން އެދެން މަޖިލީހަށް ވަޑައިގަތުމަށް. އެބޭފުޅުން މަޖިލީހުގައި ނެތުނީމާ ގޮނޑީގެ ޢަދަދުން ހުސްމިން ހުސް މިންވަރު އަޅުގަނޑުމެންނަށް އަދި އެހެން ފާހަގަ ނުވިއަސްވެސް މުޅި ސިޔާސީ ނިޒާމަކީ ވާދަވެރިންނާ އެކީގައި ހިންގަންޖެހޭ ނިޒާމެއް. އެނިޒާމު ހިންގެން ރަނގަޅަށް ހިންގޭނީ އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ ވާދަވެރިންނާ އެކުގައި ވާދަވެރި ކަމާއެކީގައި މަސައްކަތް ކުރެވުނީމާ. މިމަޖިލީހުގެ މެޖޯރިޓީ ޕާޓީ އާއި އަދި މައިނޯރިޓީ ޕާޓީ މަސައްކަތްކުރަމުން ގެންދާއިރުގައި މައިނޯރިޓީ ޕާޓީ އެދިވަޑައިގަންނަވާ ކަންކަން ހުންނާނެ. އެއީ މެޖޯރިޓީ ޕާޓީ އާއި ވާހަކަ ދައްކައިގެން ޙައްލުކުރުމަށް މަސައްކަތްކުރަންޖެހޭނެ ކަންކަން. ދެން އެކަންކަމުގެ ތެރޭގައި ބައެއް ސިޔާސީ ކަންކަން ހިމެނިފައި ހުންނާނެ.
ރައީސް މުހައްމަދު ނަޝީދު/ ރައްޔިތުންގެ މަޖިލީހުގެ ރައީސް

ރައީސް ނަޝީދު ވިދާޅުވީ ޕާޓީތައް އެކުގައި މަސައްކަތް ކުރުމަކީ ނުވަތަ ވާދަވެރި ކަމާއެކީގައި މަސައްކަތްކުރުމަކީ ރާއްޖޭގެ ކުރިއެރުމަށާއި ތަރައްޤީއަށް ކޮންމެހެން ބޭނުންކަމެއްގެ ގޮތުގައި ދެކެވަޑައިގަންނަވާ ކަމަށެވެ. އަދި މިއީ'އެއް ޕާޓީ' ޤައުމެއް ނޫން ކަމަށާއި ރާއްޖޭގައި މަލްޓި ޕާޓީ ޑިމޮކްރަސީ ތަޢާރަފު ކުރެވުނު ފަހުން ހައެއްކަ އިންތިޚާބު ކުރިޔަށް ގެންގޮސްފައިވާ ކަމަށެވެ.

މީގެން އެއްވެސް އިންތިޚާބެއްގައި މެޖޯރިޓީ ވޯޓު ޕޮޕިއުލަރ ވޯޓު ރާއްޖޭގެ ރައްޔިތުން އެއް ބަޔަކަށް ޖުމުލަކޮށް ދީފައެއް ނެތް. އެއީ ރާއްޖޭގެ ސިޔާސީ ޠަބީޢަތް. އެޠަބީއަތް ބަލައިގަނެގެން ރާއްޖޭގައި ކަންކަން ކުރަމުން ގެންދިޔުން ބުއްދިވެރި. އެހެންވީމާ އަޅުގަނޑު ތަކުރާރުކޮށް އެދޭނަން އަދި އަޅުގަނޑު ނިކަމެތިވާންވީ ވަރަކަށް ނިކަމެތިވެސް ވާނަން މިދެންނެވި ހަމަ މިރާއްޖޭގެ ސިޔާސީ މަޝްރަހުގައި ދެމެހެއްޓުމަށްޓަކައި. އެއީ އަޅުގަނޑު ނިކަމެތިވާން ޖެހޭ ކަމެއްކަމުގައި ވަނީނަމަ އިރާދަކުރައްވިއްޔާ އެކަންވެސް އަޅުގަނޑު ކުރާނަން. އަޅުގަނޑު އެދެނީ ޕީޕީއެމް އައި ޕީއެންސީ ކޯލިޝަން ބައިވެރިވެ ވަޑައިގެންނެވުމަށް.
ރައީސް މުހައްމަދު ނަޝީދު/ ރައްޔިތުންގެ މަޖިލީހުގެ ރައީސް

ރައްޔިތުންގެ މަޖިލީހުގައި 87 މެންބަރުން ތިއްބަވާއިރު ވެރިކަން ހިންގާ މައި ޕާޓީ އެމްޑީޕީގެ 65 މެންބަރުން މަޖިލީހުގައި ތިއްބަވަ އެވެ. އިދިކޮޅު ޕީޕީއެމް ޕީއެންސީ އަށް ނިޞްބަތްވެ ވަޑައިގަންނަވާ 9 މެންބަރުން ތިއްބަވައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ޒިހްނަތު ހަސަން
50%
50%
0%
0%
0%
0%
ކޮމެންޓް