ކ. މާލެ
|
10 ޖޫން 2020 | ބުދަ 10:20
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގެ ހާޒިރީ
އަންގާރަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެމްޑީޕީގެ 57 މެންބަރުން ބައިވެރިވެވަޑައިގެންނެވި
 
އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ވަނީ ޖަލްސާތައް ބޮއިކަޓް ކޮށްފައި
 
ރައީސް ނަޝީދު ވިދާޅުވީ ޚާޒިރީ ރިކޯޑް ކުރާއިރު އެއީ ކޮން ގަނޑިއެއްތޯ ބަލަންޖެހޭ ކަމަށް
 
އެއްވެސް ޕާޓީއަކަށް ނިސްބަތްވެ ވަޑައިނުގަންނަވާ 5 މެމްބަރުން އަދި ޖުމްހޫރީ ޕާޓީގެ 2 މެމްބަރުން ބައިވެރިވެވަޑައިގެންނެވި

އަންގާރަ ދުވަހު އޮތް މިއަހަރުގެ ދެ ވަނަ ދައުރުގެ ހަތަރު ވަނަ ޖަލްސާގައި އެމްޑީޕީގެ 57 މެންބަރުން ބައިވެރިވެވަޑައިގެންނެވި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އަންގާރަ ދުވަހުގެ ޖަލްސާގައި އެމްޑީޕީގެ 40 މެންބަރުން ބައިވެރިވެ ވަޑައިނުގަންނަވާ ކަމަށް ބުނެ މީޑިއާއަކުން ރިޕޯޓުކޮށްފައި ވެއެވެ. ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ފައްޓަވަމުން އެވަގުތަކު ޖަލްސާގެ ތަޅުމުގައި ހާޟިރުވެވަޑައިގެން ތިއްބަވާ މެންބަރުންގެ ޢަދަދާއި ސަލާމުގައި ތިއްބަވާ މެންބަރުންގެ ޢަދަދު، އަދި ރަސްމީ ދަތުރުފުޅެއްގައި އުޅުއްވާ މެންބަރުންގެ ޢަދަދު ރިޔާސަތުން ކޮންމެ ދުވަހަކުވެސް އިއްވަވަ އެވެ. ނަމަވެސް އެއީ އެދުވަހުގެ މުޅި ޖަލްސާއަށް ހާޟިރުވެވަޑައިގެން ތިއްބަވާ ނުވަތަ ޖަލްސާގެ ހާޟިރީއެއް ނޫނެވެ.

މިކަމާއި ގުޅޭގޮތުން ބުދަ ދުވަހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ހާޟީރީ ރިކޯޑު ކުރާއިރު އެއީ ކޮން ގަނޑިއެއްތޯ ބަލަންޖެހޭ ކަމަށެވެ. ޖަލްސާ ފެށޭއިރު ރަނގަޅަށް މެންބަރުން ހާޒިރުވެ ވަޑައިގަންނަވާ ދުވަހަކު 40 ކަށް މެންބަރުން ތިއްބަވާ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. އެހެންނަމަވެސް ވޯޓަށް އަހާގަޑީގައި 60ށް ވުރެ ގިނަ މެންބަރުން ތަޅުމުގައި ގިނަފަހަރަށް ތިއްބަވާ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. މިކަން ސާފުކޮށް ދެއްވަނީ ބައެއް ފަރާތްތަކުން ރިޕޯޓު ކުރަމުންދާ ގޮތުން ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

މިދިޔަ ހަފުތާގެ ހޯމަ ދުވަހުގެ ރޭ ދަންވަރު ކުރިޔަށްދިޔަ މި ދައުރުގެ ދެ ވަނަ ޖަލްސާގައި ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމުގެ ނަން އިއްވުމާއެކު ހިނގި ހަމަނުޖެހުންތަކުގައި ޝިޔާމަށް އަނިޔާވިކަމަށް ބުނެ، އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ވަނީ ޖަލްސާތައް ބޮއިކޮޓްކޮށްފަ އެވެ. އެހެންކަމުން ޖަލްސާތަކުގައި އިދިކޮޅު ކޯލިޝަންގެ މެންބަރުން ބައިވެރިވެ ވަޑައިނުގަންނަވަ އެވެ.

އަންގާރަ ދުވަހުގެ ޖަލްސާގައި އެމްޑީޕީގެ 57 މެންބަރުން ބައިވެރިވެ ވަޑައިގަންނަވާފައި ވާއިރު އެއްވެސް ޕާޓީއަކަށް ނިޞްބަތްވެ ވަޑައިނުގަންނަވާ 5 މެންބަރުން އަދި ޖުމްހޫރީ ޕާޓީގެ 2 މެންބަރުން ބައިވެރިވެ ވަޑައިގަންނަވާފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގައި މިހާރު އެމްޑީޕީގެ 65 މެންބަރުން، ޖޭޕީގެ 5 މެންބަރުން، އަމިއްލަ 6 މެންބަރުން އަދި އެމްޑީއޭގެ 2 މެންބަރުން އަދި އިދިކޮޅު ޕީޕީއެމް، ޕީއެންސީގެ 9 މެންބަރުން ތިއްބަވަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
0%
0%
ކޮމެންޓް