ކ. މާލެ
|
10 ޖޫން 2020 | ބުދަ 03:30
ވެލާނާ އިންޓަނެޝަނަލް އެއަރޕޯޓް
ވެލާނާ އިންޓަނެޝަނަލް އެއަރޕޯޓް
ރާއްޖެއެމްވީ
ދިވެހިން ރާއްޖެ ގެނައުން
ލަންކާގައި ތާށިވެފައި ތިބި 200ށްވުރެ ގިނަ ދިވެހިން މިއަދު ރާއްޖެ ގެންނަނީ
 
ފްލައިޓުން އަންނަ މީހުން ކަރަންޓީން ކުރެވޭނެ
 
ފްލައިޓް ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ ބުދަ ދުވަހުގެ ހެނދުނު 8:25 ގައި
 
މި ފްލައިޓުން 262 ދިވެހިން އަންނާނެ

އަވަށްޓެރި ސްރީލަންކާގައި ތާށިވެފައި ތިބި 200ށް ވުރެ ގިނަ ދިވެހިން ބުދަ ދުވަހު ރާއްޖެ ގެންނާނެ ކަމަށް ނެޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ) އިން ބުނެފި އެވެ.

ކޮވިޑް-19 އާ ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު ޙިއްސާ ކުރުމަށް އަންގާރަ ދުވަހުގެ ރޭ ބެއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް -19 ޓާސްކްފޯސްގެ ތަރުޖަމާނު މަބްރޫކް ޢަޒީޒް ވިދާޅުވީ ކޮވިޑް-19 ގެ ސަބަބުން އެކި ޤައުމުތަކުގައި ތާށިވެފައި ތިބި ދިވެހިން ރާއްޖެ ގެނައުމަށް ފޮރިން މިނިސްޓްރީން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ސްރީލަންކާގައި ތާށިވެފައި 262 ދިވެއްސަކު ބުދަ ދުވަހު މާލެ ގެނައުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ދިވެހިން ގޮވައިގެން އަންނަ ސްރީލަންކަންގެ އެއަރލައިގެ ފްލައިޓް ރާއްޖެ އައުމަށް ހަމަޖެހިފައި ވަނީ ބުދަ ދުވަހުގެ ހެނދުނު 8:25 ގައެވެ.

މަބްރޫކް ވިދާޅުވީ މި ޕްލައިޓުން ރާއްޖެ ގެންނަ ފަރާތްތައް ކަނޑައަޅާފައި ވަނީ ވަކި އުޞޫލަކުން ކަމަށާއި، އޭގެތެރޭގައި ހިމެނެނީ އާސަންދަ މެދުވެރިކޮށް ބޭސް ކުރުމަށް ސްރީލަންކާއަށް ދަތުރުކޮށްފައިވާ ފަރާތްތަކާއި، ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކާއި، ޓުއަރިސްޓް ވިސާގައި ދަތުރުކޮށް އަދި މާލީ އެހީތެރިކަމަށް ބޭނުންޖެހިފައިވާ ފަރާތްތަކާއި، ލޮކްޑައުން އާ ގުޅިގެން ފްލައިޓް ކެންސަލްވި ފަރާތްތަކާއި އަދި އެހެން ސަބަބުތަކަށް ޓަކައި ވެސް ޓުއަރިސްޓުންގެ ގޮތުގައި ދަތުރުކޮށް އާދެވޭނެ ގޮތެއް ނެތިފައި ތިބި ފަރާތްތައް ކަމަށެވެ.

އެފަރާތްތައް މާލެ އައުމުން ކަރަންޓީން ކުރެވޭނެ ކަމަށާއި ކަރަންޓީންވާނެ ގޮތެއް ބެލުމަށްޓަކައި އެޗްޕީއޭއިން ވަނީ ހުރިހާ ފަރާތްތަކަށް ފޯމެއް ފޮވުވާފައިވާ ކަމަށް މަބްރޫކް ވިދާޅުވި އެވެ.

އޭގެ ތެރެއިން 153 މީހެއްގެ ފޯމުގައި ހޯމް ކަރަންޓީން ވެވޭނެ ކަމަށް ބުނެފައިވާ ކަމަށާއި 13 އަތޮޅެއްގައި ކަރަންޓީން ވުމަށް އެދިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ކަރަންޓީން ވާ ފަރާތްތައް އަތޮޅުތަކަށް ފޮނުވުމުގެ މަސައްކަތް ކުރަމުންދާނީ މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯރސް (އެމްއެންޑީއެފް)ގެ ފަރާތުން ކަމަށް މަބްރޫކް ވިދާޅުވި އެވެ.

އެފޯމުތަކާއި ގުޅޭގޮތުން ފެސިލީޓީ މެނޭޖްމަންޓާއި މިއަދު ވާހަކަ ދައްކާލިން . އެބޭފުޅުން ވިދާޅުވަނީ 153 ބޭފުޅެއް ފޯމުގައި ހޯމް ކަރަންޓީން ވެވޭނެ ކަމަށް ދަންނަވާފައިވާ ކަމަށް 13 އަތޮޅެއްގައި ކަރަންޓީން ވުމަށް އެބޭފުޅުން އެދިވަޑައިގެންފައި ވަނީ އަދި އެބޭފުޅުން އެ އަތޮޅުތަކަށް ފޮނުވުމުގެ މަސައްކަތް އެމްއެންޑީއެފްގެ ފަރާތުން ކުރައްވަމުން ގެންދަވާނެ
އެންއީއޯސީގެ ތަރުޖަމާން މަބްރޫކް އަޒީޒް

މަބްރޫކް ވިދާޅުވީ ވަރަށް ގިނަ ފަރާތްތަކުން މި ފޯމު ފުރާފައި ނުވާކަމަށާއި ފުރާފައިވާ ފޯމުތަކުގެ ތެރެއިންވެސް ބައެއް ފޯމުތަކުގައި އެފަރާތްތަކަށް ހޯމް ކަރަންޓީން ވެވޭކަން ފާހަގަ ކޮށްފައި ނުވާކަމަށެވެ. އަދި ބައެއް ފޯމުގައިވާ ލިޔުން ސާފު ނުވާކަންވެސް މަބްރޫކް ފާހަގަ ކުރެއްވި އެވެ.

ގިނަ ފަރާތްތަކުން ފޯމު ފުރިހަމަކޮށްފައި ނުވުމުގެ ސަބަބުން ދަތުރުގެ އިންތިޒާމު ހަމަޖެއްސުމުގައި ކޮންމެވެސް ވަރެއްގެ ލަސްތަކެއް ހުރެދާނެ ކަމަށް އެމްއެންޑީއެފުން ފާހަގަ ކޮށްފައިވާ ކަމަށް މަބްރޫކް ވިދާޅުވި އެވެ.

13 އަތޮޅަކަށް ދަތުރުކުރުމަށް މިހާރުވެސް އޮތީ ހަމަޖެހިފައި. އެ އަތޮޅުތަކުގައި ހޯމް ކަރަންޓީންވެވަޑައިގަންނަވާ ބޭފުޅުން އެ ރަށްރަށަށް ގެންދިއުމަށްޓަކައި. ދެން ބާކީ ފޯމު ފުރުއްވާފައި ނެތް ބޭފުޅުންގެ ތެރެއިން ވެސް ރާއްޖޭގެ އަތޮޅުތަކަށް ވަޑައިގަންނަވާނެ ބޭފުޅުން ތިބެދާނެ. އެހެންވީމާ އެހުރިހާ ކަމެއް ސާފުކޮށް އެދަތުރުތަކުގެ އެރޭންޖްމަންޓް ކުއްލިއަކަށް ހަމަޖެހޭނެ. އެބޭފުޅުން ރާއްޖެ އައުމަށް ފަހު މާދަމާ އިންތިޒާމުތައް ރާވަން. އެހެންވީމާ މިކަމުގައި ލަސްތަކެއް ހުރެދާނެ ކަމަށް އެމްއެންޑީއެފުން ފާހަގަ ކުރޭ.
އެންއީއޯސީގެ ތަރުޖަމާން މަބްރޫކް އަޒީޒް

ކުރިއަށް ހުރި ފްލައިޓުތަކުގައި އަންނަ ފަރާތްތަކުން ދުރާލާ އެ ފޯމް ފުރުމަށް ފަހު ފޯމު ފޮނުވުމަށް މަބްރޫކް ވަނީ އެދިފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
0%
0%
ކޮމެންޓް