ކ. މާލެ
|
10 ޖޫން 2020 | ބުދަ 03:36
ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު
ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު
ރާއްޖެއެމްވީ
ފުލުހުންގެ ޚިދުމަތުގެ ބިލު
ފުލުހުންގެ ޚިދުމަތުގެ ބިލަކީ ފުލުހުންގެ މުއައްސަސާ ރިފޯމް ކުރަން ބޭނުންވާ ކަމުގެ ހެއްކެއް: ސީޕީ
 
ފުލުހުން މުއައްސަސާ ރިފޯމްކުރުމުގެ މަޝްވަރާތައްކުރިއަށް ގެންދިއުމަށް މިއީ ރަނގަޅު ދަޑިވަޅެއްކަން ފާހަގަކުރެއްވި
 
ބިލަށް ބަހުސްކުރައްވަމުން މެމްބަރުން ވަނީ ފުލުހުންނަށް ފާޑުވިދާޅުވެފައި

ފުލުހުންގެ ޚިދުމަތުގެ ބިލަކީ ފުލުހުންގެ މުއައްސަސާ ރިފޯމް ކުރަން ބޭނުންވާ ކަމުގެ ހެއްކެއް ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.

އަންގާރަ ދުވަހުގެ ޖަލްސާގައި ވަނީ ސަރުކާރުގެ ފަރާތުން ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރ ޙަސަން ލަޠީފު ހުށަހަޅުއްވާފައިވާ ފުލުހުންގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލަށް ބަހުޘްކުރައްވާފަ އެވެ. މި ބިލުގެ ބަހުޘްގައި ގިނަ މެންބަރުން ވަނީ ފުލުހުންގެ ފުށުން ފެންނަމުންދާ ނުރަނގަޅު ކަންކަން އަދި އެ މުއައްސަސާގައި ހުރި ގިނަ މައްސަލަތަކެއް ފާހަގަކުރައްވާ ވާހަކަ ދައްކަވާފަ އެވެ.

އަންގާރަ ދުވަހުގެ ރޭ މި ބިލާއި ގުޅޭގޮތުން ސީޕީ ކުރައްވާފައިވާ ޓްވީޓްގައި ވަނީ ފުލުހުން މުއައްސަސާ ރިފޯމްކުރުމުގެ މަޝްވަރާތައް ކުރިއަށް ގެންދިއުމަށް މިއީ ރަނގަޅު ދަނޑިވަޅެއް ކަމަށެވެ.

މި ބިލަކީ ފުލުހުން ޚިދުމަތް ޒަމާނާ އެއްގޮތަށް ތަރައްޤީ ކުރުމަށް ފުލުހުން ކުރާ މަސައްކަތް ދައްކުވައިދޭ ކަމެއް ކަމަށް ސީޕީ ވިދާޅުވި އެވެ.

ސީޕީގެ މި ޓްވީޓާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވަނީ އޭނާ އަށް ޝުކުރު އަދާކުރައްވާ އެންމެން ގުޅިގެން އެކަން ކުރެވޭނެ ކަމަށް ވިދާޅުވެފަ އެވެ.

ބިލަށް ބަހުޘްކުރުމުގެ ފުރުޞަތު ހުޅުވާލައްވަމުން ދެއްކެވި ވާހަކަފުޅުގައި ރައީސް ނަޝީދު ވިދާޅުވީ ބިލާގުޅޭ ގޮތުން މެންބަރުން ބަހުޘް ކުރައްވާއިރު ފުލުހުންގެ މުއައްސަސާ އިންތިޒާމުވެފައި އޮންނަންވީ ގޮތް ވިސްނެވުން މުހިންމު ކަމަށެވެ. އެގޮތުން ލާމަރުކަޒު ވެފައި އޮންނަންވީ ގޮތާއި ފުލުހުންގެ ވެރިން ކަނޑައެޅެންވީގޮތާއި، ޕްރޮމޯޝަން ލިބެންވީ ގޮތާ މެދު މެންބަރުން ވިސްނުން ގެންގުޅުއްވަންޖެހޭ ކަމަށް ވިދާޅުވި އެވެ.

މިހާރު ފުލުހުންގެ ބޯޑުތަކާއި ނުވަތަ މުއައްސަސާގެ އެތެރޭގެ ކަންކަން އިންތިޒާމު ކޮށްފައި ހުރި ގޮތް ދެނެގަނެ އެ އިންތިޒާމުތަކަށް ބަދަލު ގެންނަންޖެހޭ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. އަދި މިހާރުވެސް މަޖިލީހުގެ ކޮމިޓީތަކުން ފުލުހުންގެ ބައެއް ތަހުޤީޤުތައް ބަލަމުންދާކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. އޭގެތެރޭގައި އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ މައްސަލަ ހިމެނޭއިރު އެކަމުގައި ޝާމިލުވާ ފުލުހުން ސަސްޕެންޑް ކުރެވެން ޖެހޭކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ ފުލުހުންނާއި އެކިކަހަލަ ކުށްތަކަށް އަރައިގަންނަ މީހުންނާ ދެމެދު އޮންނަ ގުޅުންތައް ބެލުމަކީ މުހިންމު ކަމެއް ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ ފުލުހުންގެ ފަރާތުން ނުޙައްޤުން އަނިޔާ ލިބިފައި ވަނީ ހަމައެކަނި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ނޫންކަމަށެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެކި ގޮތްގޮތަށް މިކަން ކުރިޔަށްދާ ކަމަށާއި އެކަންކަން ރަނގަޅަށް ތަޙުޤީޤު ނުކުރެވުމަކީ ގެއްލުމެއްގެ ގޮތުގައި އެބަ ފާހަގަކުރެވޭ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ މިހާރު ހުށަހެޅިފައިވާ އިޞްލާޙުތަކާއެކު ފުލުހުންގެ ތެރޭގައި ހުރި ގިނަ މައްސަލަތަކަކަށް ޙައްލު ލިބިގެންދާ ކަަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
100%
0%
0%
0%
0%
ކޮމެންޓް