މިއީ ރައްޔިތުން އެދޭފަދަ ބަދަލު ފުލުހުންގެ މުއައްސަސާ ގެނެސް ފުލުހުން ރިފޯމް ކުރަންވީ މުހިންމު ވަގުތު ކަމަށް ހޯމް މިނިސްޓަރު ޝައިޚް އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެ އެވެ.
ސަރުކާރުގެ ފަރާތުން ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަޠީފް ރައްޔިތުންގެ މަޖިލީހަށް ހުށައަޅުއްވާފައިވާ ފުލުހުންގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލަށް އިޝާރާތް ކުރައްވާ ހޯމް މިނިސްޓަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެ ބިލު ޤާނޫނަކަށް ވާއިރު މޯލްޑިވްސް ޕޮލިސް ސަރވިސްއާ ގުޅޭ ކަންކަން ފުރިހަމަ އަށް ތަރުތީބު ކުރެވިގެންދާނެ ކަމަށެވެ.
އަދި ރައްޔިތުން އިންތިޚާބުކުރާ ސަރުކާރަށް ފުލުހުންގެ ކަންކަން ފުރިހަމަ އަށް ބެލެހެއްޓޭނެ އިންތިޒާމު ހަމަޖެހި ރައްޔިތުން އެދޭފަދަ ޚީދުމަތްދޭ ފުލުހުންގެ މުއައްސަސާ އިތުރަށް ހަރުދަނާ ވެގެންދާނެ ކަމެއް ކަމަށް ޔަޤީންކުރައްވާ ކަމަށް އިމްރާން ވިދާޅުވި އެވެ.
ޓްވީޓް ނިންމަވާލައްވަމުން އިމްރާން ވިދާޅުވީ، މިއީ ރައްޔިތުން އެދޭ ބަދަލު ފުލުހުންގެ މުއައްސަސާ އަށް ގެނެސް ފުލުހުން ރިފޯމް ކުރަންވީ މުހިންމު ވަގުތު ކަމަށެވެ. މަޖިލީހަށް ހުށައަޅާފައިވާ ފުލުހުންގެ ބިލުގެ ފުރަތަމަ ކިޔުން ވަނީ އަންގާރަ ދުވަހު އޮތް މަަޖިލީހުގެ ޖަލްސާގައި ކުރިޔަށް ގެންގޮސްފަ އެވެ.
އެ ބިލު ހުށައެޅުމުގެ ބޭނުމެއް ކަމަށް ބުނެފައި ވަނީ، ދިވެހި ފުލުހުންގެ ޚިދުމަތުގެ އެންމެހައި ކަންކަމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީއާ އެ ޤާނޫނު އަސާސީގަ އި ބަޔާންކުރެވިފައިވާ ދުސްތޫރީ ހަމަތަކާއި، އިންސާނީ ޙައްޤުތަކަށް އިޙުތިރާމު ކުރުމާއެކު ޤާނޫނުގެ ޙުކުމަތުގެ ތެރެއިން ދެވޭ ޚިދުމަތެއްކަން ކަށަވަރުކުރުމަށްޓަކައި، މިހާރު ޢަމަލު ކުރެވެމުންދާ ޤާނޫނު ނަންބަރު 5/2008 (ފުލުހުންގެ ޤާނޫނު) ގެ ބަދަލުގައި ޤާނޫނެއް ތަޢާރަފުކޮށް، ފުލުހުންގެ ޚިދުމަތް ޤާއިމުކުރެވިގެންވާ ގޮތާއި، ފުލުހުންގެ ޚިދުމަތް ފޯރުކޮށް ދިނުމުގެ މައިގަނޑު އަސާސްތަކާއި އުޞޫލުތަކާއި، ފުލުހުންގެ ޚިދުމަތުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި، ބާރުތަކާއި، އެ ޚިދުމަތާ ގުޅޭ އެނޫންވެސް ކަންކަން އެ ޤާނޫނު މެދުވެރިކޮށް އަލުން ކަނޑައެޅުމެވެ.