ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް އަލުން ހުޅުވިގެން އަންނަ އިރު، ރިސޯޓު ވަޒީފާތައް ދިނުމުގައި ވަޒީފާ ގެއްލިފައިވާ ދިވެހިންނަށް އިސްކަން ދިނުމަށާއި، ދިވެހި މުވައްޒަފުންގެ ރޭޝިއޯ ގަވައިދުގައިވާ އަދަދަށް ކަށަވަރުކުރުމަށް ގޮވާލާ މަޖިލިހަށް ޕެޓިޝަން ހުށައަޅައިފިއެވެ.
ހޯމަ ދުވަހުގެ ވަގުތެއްގައި ރައްޔިތުންގެ މަޖިލިހަށް މި ޕެޓިޝަން ވަނީ ހުށައަޅާފައެވެ. ޕެޓިޝަން ސްޕޮންސަރކޮށްދެއްވީ މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު އަހުމަތު ހައިތަމްއެވެ. މި ޕެޓިޝަން ތައްޔާރުކުރުމުގައި އިސްކޮށް ހަރަކާތްތެރިވީ ފަތުރުވެރިކަމުގެ ސިނާއަތުގެ މާހިރެއް ކަމުގައިވާ މުހައްމަދު ރިޔާޒްއެވެ.
ޕެޓިޝަނާއި ގުޅޭގޮތުން ރާއްޖެ.އެމްވީއަށް މައުލޫމާތު ދެއްވަމުން ރިޔާޒް ވިދާޅުވީ، ޕެޓިޝަން ހުށައެޅުމުގެ މައިގަނޑު މަގުސަދަކީ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ދިވެހިންގެ ހައްގުތައް ކަށަވަރުކުރުން ކަމަށެވެ. އެގޮތުން ރާއްޖޭގެ ބޯޑަރުތައް އަލުން ހުޅުވިގެން އަންނައިރު މިދެކަންތައް ފުރިހަމަކުރެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ރިޔާޒް ވިދާޅުވިއެވެ.
މި ޕެޓިޝަންގައި ބަޔާންކޮށްފައިވާ ރޭޝިއޯއަކީ، ރިސޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނާއި ގުޅިގެން 2012 ވަނަ ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ސަރކިއުލަރގައި ބަޔާންކޮށްފައިވާ ރޭޝިއޯއެވެ. އެ ސަރކިއުލަރގައި ކަނޑައަޅާފައިވަނީ ކޮންމެ ރިސޯޓެއްގައި މަދުވެގެން %45 ދިވެހި މުވައްޒަފުން ތިބެން ޖެހޭނެ ކަމަށެވެ. ރިޔާޒް ވަނީ އެ އަދަދަށް ދިވެހި މުވައްޒަފުން ނެތް ރިސޯޓުތަކަށް ދިވެހި މުވައްޒަފުން ލައިދެއްވަން ސަރުކާރަށް ގޮވާލައްވާފައެވެ.
ފަތުރުވެރިކަމުގެ ސިނާއަތަށް ރާއްޖެ ހުޅުވިގެން އަންނައިރު، މި ރޭޝިއޯ ތެރެއިން 45 އިންސައްތަ ދިވެހިން ތިބެން ޖެހޭނެ ކަމަށް ބުނާ ބުނުން ކަށަވަރުކޮށްދެއްވާށޭ. މިސާލަކަށް 45 އިންސައްތަ ދިވެހި މުވައްޒަފުން ނެތް ރިސޯޓުތަކަށް، އެ އަދަދަށް ދިވެހި މުވައްޒަފުން ލައިދެއްވާށޭ.ޕެޓިޝަން ހުށައެޅުމުގައި އިސްކޮށް ހަރަކާތްތެރިވި މުހައްމަދު ރިޔާޒް
ޕެޓިޝަން ހުށައެޅުމުގެ މަސައްކަތުގައި، ފަތުރުވެރިކަމުގެ ސިނާއަތުގެ މުވައްޒަފުންގެ ހައްގުތަކަށް މަސައްކަތްކުރާ ޓޫރިޒަމް އެމްޕްލޯޔީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް) އަދި މޯލްޑިވްސް އެސޯސިއޭޝަން އޮފް ހިއުމަން ރިސޯސް ޕްރޮފެޝަނަލްސް (މާޕް) ގެ ފަރާތުން ލިބުނު އެހީއަށް ރިޔާޒް ވަނީ ޝުކުރުއަދާކުރައްވާފައެވެ.
ޕެޓިޝަނާއި ގުޅޭގޮތުން ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން އެމްޕީ ހައިތަމް ވިދާޅުވީ، ކޮވިޑުގެ ހާލަތާއި ގުޅިގެން ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ އެތައް ދިވެހިންނެއްގެ ވަޒީފާ ގެއްލިފައިވާ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލިހުގެ މެމްބަރެއްގެ ޒިންމާއަކީ މަޖިލިހުގެ ތަޅުމުގައި ދިވެހި ރައްޔިތުންގެ އަޑުއުފުލުން ކަން ފާހަގަކޮށް ހައިތަމް ވަނީ، ގެންދެވޭ ހިސާބަކަށް ޕެޓިޝަންގެ މަސައްކަތް ގެންދަވަން ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވެފައެވެ.
ކޮވިޑް-19އާ ގުޅިގެން ފަތުރުވެރިކަމުގެ ސިނާއަތަށް އައި ހީނަރުކަމާއިއެކު، އެ ސިނާއަތުގައި މަސައްކަތްކުރާ ގިނަ ބައެއްގެ ވަޒީފާތައް ވަނީ ގެއްލި، އާމްދަނީއަށް ވަނީ ބޮޑު ހީނަރުކަމެއް އައިސްފައެވެ. އެގޮތުން މިހާތަނަށް 18،000 މީހެއްގެ ވަޒީފާއަށް އެކި ގޮތްގޮތުން މިކަމުގެ ނޭދެވޭ އަސަރުކޮށްފައިވާ ކަމަށް ވިދާޅުވެފައެވެ.