މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން (ބްރޯޑްކޮމް) އިން ހުސްވެފައިވާ މަޤާމަށް ޢާއްޔަނުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ނަންފުޅުތައް ދިރާސާކުރުމަށް ފަހު މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ތަޅުމަށް ރިޕޯޓް ހުށަހަޅައިފިއެވެ.
ހޯމަ ދުވަހު ކުރިއަށްދިޔަ ޖަލްސާގައި މިރިޕޯޓް ހުށަހަޅުއްވާފައިވަނީ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީގެ މުޤައްރިރު އައްޑޫ މީދޫ ދާއިރާގެ މެމްބަރ ރޮޒައިނާ އާދަމްއެވެ. ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ނަންފުޅުތައް ދިރާސާކުރުމަށް ފަހު ތަޅުމަށް ހުށަހެޅި ލިސްޓުގެ ކުރީގައި އުޅެނީ ވީޓީވެ ނޫސްވެރިޔާ އަމިނަތު އަމީނާ އަދި ރާއްޖެޓީވީގެ ނޫސްވެރިޔާ މުހައްމަދު ފަޒީންއެވެ.
ކޮމިޓީ ރިޕޯޓްގައި ބުނެފައިވަނީ ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގެ 3 ވަނަ މާއްދާގެ ދަށުން އުފައްދާފައިވާ މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނަށް އެއް މެންބަރަކު ޢައްޔަނު ކުރެއްވުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ނަންފުޅު ފޮނުއްވާފައިވާ ފަރާތްތަކާ ކޮމިޓީން އިންޓަރވިއު ކުރެއްވުމަށްފަހު، ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދުގެ 201 ވަނަ މާއްދާގެ (ޅ) ގައިވާ ގޮތުގެމަތިން ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ފޮނުއްވާނެ ނަންފުޅު ކަނޑައެޅުއްވުމަށްޓަކައި ކޮންމެ ނަންފުޅަކަށް ވަކިވަކިން ވޯޓަށް އަހާފައިވާ ކަމަށެވެ. އެގޮތުން ބްރޯޑްކޮމްގެ މެންބަރުކަމަށް ޢައްޔަންކުރެއްވުމަށް ރުހުން ދިނުމަށް ފެންނަކަމަށް، މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ބައްދަލުވުމަށް ހާޒިރުވެވަޑައިގެން ވޯޓު ދިން މެންބަރުންގެ 2/3 (ތިންބައިކުޅަ ދެބައި) އަޣުލަބިއްޔަތުން ފާސްވެފައިވާ ފަރާތްތައް ތަޅުމަށް ފޮނުވާކަމަށެވެ.
ކޮމިޓީން ފާސްކުރި ހަތް މީހުން :
- އަލްފާޟިލާ އާމިނަތު އަމީނާ
- އަލްފާޟިލް މުޙައްމަދު ފަޒީން
- އަލްއުސްތާޛު ޒުބައިރު އަޙްމަދު މަނިކު
- އަލްއުސްތާޛް ޢަބްދުލްޢަޒީޒް ޖަމާލު އަބޫބަކުރު
- އަލްފާޟިލް އިސްމާޢީލް ސާޖިދު
- އަލްފާޟިލް އަޙްމަދު ޚަލީލް
- އަލްފާޟިލް އަޙްމަދު ފައިރޫޒް
ކޮމިޓީ ރިޕޯޓް ހުށަހަޅުއްވަމުން ކޮމިޓީގެ މުގައްރިރު ރޮޒައިނާ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ނަންފުޅުތައް ދިރާސާކޮށް އެފަރާތްތަކާއި އިންޓަރވިއު ކުރުމުގެ މަރުހަލާގައި މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މީގެކުރިން ކުރަމުން އައި އިންޓަވިއުތަކުގައި ދިމާވެފައިވާ ބައެއް މައްސަލަތައް މިފަހަރުވެސް ދިމާވެފައިވާކަން ފާހަގަކުރެއްވޭ ކަމަށެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ ނަންފުޅުތައް ފޮނުއްވާފައިވާ ލިސްޓުގެ އެއް ވަނާގައިވާ ޝިފްލާ އިބްރާހީމްގެ އިންޓަރވިއުގައި ކޮމިޓީގެ 8 މެމްބަރުން ބައިވެރިވެ ވަޑައިގެންނެވިއިރު ކޮމިޓީ މަރުހަލާއިން ނަމެއް ތަޅުމަށް އައުމަށް ފާސްވަނީ މަދުވެގެން 8 ވޯޓުން ކަމަށްވާއިރު މި އިންޓަރވިއުގައި ބައިވެރިވި 1 މެމްބަރަކު އެ ނަންފުޅު ތަޅުމަށް ގެނައުމަށް ފެންނަކަމަށް ވޯޓު ދެއްވާފައިނުވުމުން އެބޭފުޅާއަށް ލިބިވަޑައިގަތީ 7 ވޯޓު ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.
އެހެންކަމުން ޝިފްލާގެ ނަން ތަޅުމަށް ފޮނުވަން ފާހެއް ނުވި. މިހާރު އިންޓަރވިއު މަރުހަލާގައި އަމަލުކުރުމަށް މަޖިލީހުގެ ގަވާއިދުގައި އޮންނަ އުސޫލުތަކުގެ ސަބަބުން އެންމެ އިންސާފުވެރިކޮށް އިންޓަރވިއުގެ މަރުހަލާ ނުގެންދެވޭކަން ފާހަގަކޮށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ވަނީ މީގެކުރިންވެސް މަޖިލީހުގެ ތަޅުމުގައި އެކަން ފާހަގަކޮށްފައި. އަދި އޭގެއިތުރުން އިންޓަރވިއުގެ މަރުހަލާ މިހާރަށްވުރެ އިންސާފުވެރިކޮށް ގެންދިޔުމަށް މަޖިލީހުގެ ގަވާއިދަށް ގެންނަން ފެންނަ އިސްލާހުތައް ފާހަގަކޮށް މިކޮމިޓީގެ ފަރާތުން 27 އޮކްޓޯބަރ 2019 ވަނަ ދުވަހު ވަނީ އާންމު ކޮމިޓީއަށް ފޮނުވާފައި. ވީމާ އަދިވެސް އެއް ފަހަރު މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މިއެދެނީ ވީހާވެސް އަވަހަކަށް ގަވާއިދަށް ގެންނަންޖެހޭ އިސްލާހު ގަވާއިދު ކޮމިޓީން ގެނެސް މިއިސްލާހު ފާސްކޮށް މިނިޒާމު ފުރިހަމަ ކޮށްދެއްވުމަށް.މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީގެ މުޤައްރިރު އައްޑޫ މީދޫ ދާއިރާގެ މެމްބަރ ރޮޒައިނާ އާދަމް
މިނިވަން މުއައްސަސާތަކަށް މެމްބަރުން އައްޔަނުކުރުމުގައި މީގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދުގައި އޮންނަނީ މިނިވަން މުއައްސަސާތަކަށް މެމްބަރުން ޢައްޔަނު ކުރުމަށްޓަކައި ކޮމިޓީން މާކްސްދޭ ގޮތަށެވެ. އަދި އެއަށްފަހު ކޮމިޓީން އިސްކަންދޭ ތަރުތީބުން މަޖިލީހުގެ ތަޅުމަށް ހުރިހާ ނަންތައް ފޮނުވާގޮތަށެވެ. 19 ވަނަ ރައްޔިތުންގެ މަޖިލީހުން ޤަވާއިދަށް ގެނައި އިޞްލާޙާއެކު ޤަވާއިދުގެ 201 ވަނަ މާއްދާގެ (ޅ) ގައި ބުނަނީ މަޤާމުގެ ޝަރުޠުހަމަވާ ކަމަށް ކޮމިޓީއަށް ނަން ހުށަހަޅާފައިވާ ކޮންމެ ފަރާތެއް އެ މަޤާމަށް ޢައްޔަނުކުރުމާމެދު ނުވަތަ ރުހުން ދިނުމަށް ފެންނަކަމާމެދު ކޮމިޓީގެ މެމްބަރުންގެ މެދުގައި ވޯޓު ނަގަންވާނެކަމަށެވެ. އަދި މަޖިލީހުގެ ތަޅުމަށް ފޮނުވަން ފާސްވާނީ ކޮމިޓީގެ ތިންބައިކުޅަ ދެބައިގެ ވޯޓުން ފާސްވާ ނަންތަކެވެ. އަދި ކޮމިޓީ ރިޕޯޓުގައި އެކަން ފާހަގަކުރަންވާނެއެވެ.
މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީގައި ތިއްބަވަނީ 12 މެމްބަރުންނެވެ. އެކޮމިޓީގެ އަޣްލަބިއްޔަތަކީ 8 މެމްބަރުންނެވެ. މިހެން މިގޮތަށް އޮތުމުން 8 މެމްބަރުން ތިއްބަވާ ވަގުތެއްގައި އެންމެ މެމްބަރަކު ވޯޓު ނުދިންކަމުގައި ވިޔަސް ވެސް އެބޭފުޅެއްގެ ނަން ތަޅުމާ ހަމައަށް އައުމުގެ ފުރުޞަތު ގެއްލޭއިރު 12 މެމްބަރުން ތިއްބަވައިގެން އިންޓަރވިއު ކުރާ ގަޑިއެއްގައި އެއް މެމްބަރަކަށް އަދި ނުފެނުނު ކަމުގައިވިޔަސް އެފަރާތެއްގެ ނަން ތަޅުމަށް އައުމުގެ ފުރުޞަތު ލިބިގެންދާތީ އެކަމުގެ ކަންބޮޑުވުން މީގެކުރިންވެސް ރޮޒައިނާ ވަނީ ފާޅުކުރައްވާފައެވެ.
މި ރިޕޯޓަށް ހޯމަ ދުވަހުގެ ޖަލްސާގައި މެމްބަރުން ބަހުސްކުރައްވާ ނިންމަވާފައިވާއިރު ރިޔާސަތުން ވިދާޅުވެފައިވަނީ ދެން އޮންނަ ޖަލްސާއެއްގައި މިނަންތަކަށް ވޯޓަށް އައްސަވާނެކަމަށެވެ. ބްރޯޑްކޮމްއަށް މެމްބަރަކު މިއައްޔަނުކުރަނީ އެ ކޮމިޝަނުގެ ނައިބު ރައީސްގެ މަޤާމުގައި ހުންނެވި ފާތިމަތު ޒައިނާ ވަކިކުރަން މަޖިލީހުން ފާސްކުރުމުން އެމަގާމް ހުސްވެފައިވާތީއެވެ.