ފަސް މިލިއަން މީހުން ދިރިއުޅެމުން އަންނަ ނިއުޒިލެންޑްގައި ދުނިޔޭގައި މިވަގުތު 7 މިލިއަން މީހުންނަށް ޖެހިފައިވާ ކޮވިޑް-19، އަލަށް ޖެހިގެން މީހަކު ނުފެންނަތާ މިއީ 17 ވަނަ ދުވަހެވެ. ނިއުޒިލެންޑުގައި ފުރަތަމަ ފަހަރަށް ކޮވިޑް-19 މީހަކަށް ޖެހިގެން ރިޕޯޓުކޮށްފައި ވަނީ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އެވެ.
ނިއުޒިލެންޑްގައި ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެން ފެށުމާއެކު އެޤައުމުގެ ބޮޑުވަޒީރު ޖެސިންޑާ އާޑާން ނިއުޒިލެންޑް ލޮކްޑައުން ކުރީ މަރޗް މަހުގެ 25 ވަނަ ދުވަހު އެވެ. އެޤައުމު ލޮކްޑައުން ކުރިއިރު ވައިރަސް ޖެހިފައި ވަނީ 205 މީހުންނަށެވެ. އޭގެ ދެ މަސް ދުވަސް ފަހުން އާޑާން މިވަނީ ޖޫން މަހުގެ 8 ވަނަ ދުވަހު އެޤައުމުގެ ލޮކްޑައުން އުވާލާނެކަން އިޢުލާނު ކުރައްވާފަ އެވެ.
ހޯމަ ދުވަހު އެޤައުމުގެ ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުން އާޑާން ވިދާޅުވީ އެޤައުމުގައި އެންމެ ފަހުން ވައިރަސް ޖެހިގެން ރިޕޯޓުކުރި މީހާ އެ ވައިރަސް އިން ރަނގަޅުވެފައިވާ ކަމަށް ޞިއްޙީ އޮފިޝަލުން ވިދާޅުފައިވާ ކަމަށެވެ. އެހެންކަމުން އެ ޤައުމުގައި އަޅާފައިވާ 'ލޮކްޑައުން' ގެ ހުރިހާ ފިޔަވަޅުތަކެއް އަންގާރަ ދުވަހުން ފެށިގެން އުވާލައްވާނެ ކަމަށް އާޑާން ވިދާޅުވި އެވެ.
އެއާއެކު އެޤައުމުގެ އެލަރޓް ލެވެލްވެސް މިވަނީ 1ށް ތިރިވެފަ އެވެ. އާޑާން ވިދާޅުވީ ނިއުޒިލެންޑުގައި މިވަގުތު ވައިރަސް ޖެހިފައިވާ އެއްވެސް މީހަކު ނެތްކަމަށް އެކަމަނާ އަރިހު އޮފިޝަލުން ވިދާޅުވުމުން 'އުފާފުޅުން ނައްޓުވާލެއްވުނު' ކަމަށެވެ. އެކަމަނާއެކު ނޫސްވެރިންގެ ބައްދަލުވުމުގައި އެޤައުމުގެ ޑިރެކްޓަރ ޖެނެރަލް އޮފް ހެލްތު ޑރ އަޝްލޭ ބްލޫމްފީލްޑް ބައިވެރިވެވަޑައިގެންނެވިއިރު ޑރ އަޝްލޭ ވިދާޅުވީ މި ލިބުނު ކުރިއެރުމާއެކު ހިނިތުންވުމެއް ގެނައުން ޙައްޤު ކަމަށެވެ.
އާޑާން ވިދާޅުވީ ވައިރަސް އިން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި އަދިވެސް ސަރުކާރު ދެމިއޮންނާނެ ކަމަށާއި ވައިރަސްއާ ގުޅިގެން އިނދަ ޖެހުނު އިޤުތިޞާދު ނަގާކޮށްޅަށް ޖައްސަވާނެކަމަށް ވަޢުދުވެ ވަޑައިގަންނަވާ ކަމަށެވެ.
އަހަރުމެންނަށް މިއޮތީ ވައިރަސް މިހާރަށް ނައްތާލެވިފައި. ނަމަވެސް އަދިވެސް މިކަން އެއްކޮށް ނުނިމޭ. އެހެންނަމަވެސް މިއީ ޙާޞިލު ކުރެވުނު ވަރަށް ބޮޑު ކާމިޔާބީ އެއް.ބޮޑުވަޒީރު ޖެސިންޑާ އާޑާން
ލޮކްޑައުން އުވާލުމާއެކު އެޤައުމުގެ ފިހާރަތަކާއި، ރެސްޓޯރެންޓްތައް އަދި އޮފީސްތަކުގައި ވައިރަސް އިން ރައްކާތެރިވުމަށް އަޅާފައިވާ އިޖުތިމާޢީ ގައިދުރުކަން ގެންގުޅުންފަދަ ހުރިހާ ފިޔަވަޅުތަކަކަށް ނިމުން އައީއެވެ. މިހާރު ކޮންމެހެން އިޖުތިމާޢީ ގައިދުރުކަން ގެންގުޅުން މަޖުބޫރެއް ނޫނެވެ. ނަމަވެސް އެކަން ކުރަން ސަރުކާރުން ހިތްވަރު ދެއެވެ.
'ލޮކްޑައުން' އުވާލިނަމަވެސް އަދިވެސް ދުނިޔޭގެ އެކި ހިސާބުތަކުގައި ވައިރަސް ފެތުރެމުންދާތީ އެޤައުމުގެ ބޯޑަރު އޮންނާނީ ބަންދުކޮށްފަ އެވެ. އެޤައުމަށް ހަމައެކަނި އެތެރެ ވެވޭނީ ޤައުމުގެ ރައްޔިތުންނަށާއި ޤައުމުގައި ދިރިއުޅެމުންދާ މީހުންނަށެވެ. ނަމަވެސް އެއީވެސް އަދި ވަކި ޚާއްޞަ ހުއްދަ ތަކަކާއެކު އެވެ.
ނިއުޒިލެންޑުގައި އެންމެ ފަހުން ވައިރަސް ޖެހިފައިވާ މީހާ ރަނގަޅުވެފައި ވީނަމަވެސް އަދިވެސް މިއީ އެމީހުންނަށް މިކަމުން ހިންދެމިލެވޭނެ ކަމެއްކަމަކަށް އެޤައުމުގެ ސަރުކާރުން ނުދެކެ އެވެ. ވަކިން ޚާއްޞަކޮށް އެންމެ ފަހުން ވައިރަސް ޖެހުނު މީހާ އެކަހެރިކުރިތާ 28 ދުވަސް ނުވަނީސް މިކަން އަދި އެއްކޮށް ޔަޤީން ނުވާނެ ކަމަށް ސަރުކާރުން ބުނެ އެވެ. އެމީހާ އެކަހެރިކުރި ފަހުން 28 ދުވަސް ހަމަވަނީ ޖޫން މަހުގެ 15 ވަނަ ދުވަހަށެވެ.
ވައިރަސް އިން ރައްކާތެރިވުމަށް އެޅި ޚަރުދަނާ ފިޔަވަޅުތައް
ނިއުޒިލެންޑަކީ މިވަގުތު ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ޖެހިފައިވާ އެއްވެސް މީހަކު ނެތްކަމަށް އިޢުލާނުކުރި މަދު ޤައުމުތަކުގެ ތެރެއިން އެއް ޤައުމެވެ. މިހިސާބަށް ނިއުޒިލެންޑް އައުމުގައި އެޤައުމު އޮތް ހިސާބާއި، ސަރުކާރުން އެޅި ފިޔަވަޅުތައް ވަކިން ޚާއްޞަކޮށް އާޑާންގެ ޒަޢާމަތުގެ ދަށުން އެޅުއްވި ފިޔަވަޅުތައް އެއީ ވައިރަސް އިން އަވަހަށް ޤައުމު ރައްކާތެރިވުމަށް މެދުވެރިވި ސަބަބުތައް ކަމަށް ގިނަ ބަޔަކު ޤަބޫލުކުރެ އެވެ.
މަރޗް މަހުގެ 25 ވަނަ ދުވަހު ލޮކްޑައުން ކުރިއިރު އެޤައުމުގައި ހަތަރު އެލަރޓް ލެވެލް އެއް ވަނީ ކަނޑައަޅާފަ އެވެ. އެގޮތުން ހަތަރު ވަނަ އެލަރޓް ލެވެލްގައި ހުރިހާ ވިޔަފާރިތަކާއި ސްކޫލްތައް ބަންދުކޮށް މީހުން ގޭގައި ތިބުމަށް އެންގި އެވެ. ފަސް ހަފުތާ ވަންދެން އެލަރޓް ލެވެލް ހަތަރެއްގައި އޮތުމަށް ފަހު އެލަރޓް ލެވެލް ތިނަކަށް ނިއުޒިލެންޑް ދިޔައީ އޭޕްރީލް މަހު އެވެ. އެއާއެކު ކާބޯތަކެތި ވިއްކާ ތަންތަނުން ޓޭކްއަވޭ ހެދި ބައެއް ކަހަލަ ވިޔަފާރިތައް ހުޅުވާލުމަށް ފުރުޞަތު ދިނެވެ.
ކޮވިޑް-19 ޖެހޭ މީހުންގެ ޢަދަދު ދަށަށްދާން ފެށުމާއެކު އެލަރޓް ލެވެލް ދޭކަށް ބަދަލުކުރީ މެއި މަހުގެ މެދުތެރޭގަ އެވެ. އެލަރޓް ލެވެލް އެކަކަށް ދަށް ކުރުމަށް ސަރުކާރުން ފުރަތަމަ ނިންމާފައި ވަނީ ޖޫން މަހުގެ 22 ވަނަ ދުވަހު އެވެ. އެހެންނަމަވެސް ވައިރަސް އަލަށް މީހަކަށް ނުޖެހޭތާ 17 ދުވަސް ފާއިތު ވެގެންދިޔުމާއެކު އެލަރޓް ލެވެލް 1ށް ބަދަލުކޮށް 'ލޮކްޑައުން' އޭގެކުރިން އުވާލުމަށް ސަރުކާރުން ނިންމި އެވެ.
މިއާއެކު ސްކޫލްތަކާއި އޮފީސްތައް ވަކި ގަޑިއަކަށް ހުޅުވުމަށް ހުއްދަ ލިބޭނެ އެވެ. ކައިވެނި ޕާޓީތަކާއި ޖަނާޒާތަކުގައި ބައިވެރިވުމުގެ އިތުރުން، ދަތުރު ފަތުރުކުރުމުގައި މީހުންނަށް އެއްވެސް ހުރަހެއް ދެނެއް ނޯންނާނެ އެވެ. ނިއުޒިލެންޑް މިހޯދި ކާމިޔާބީ އާއެކު ބޮޑުވަޒީރު އާޑާން ވަނީ އެޤައުމުގެ ރައްޔިތުންނަށް ޝުކުރު އަދާކުރައްވާފަ އެވެ.
ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހުން ފެށިގެން ޖޫން މަހުގެ 8 ވަނަ ދުވަހާ ހަމައަށް ނިއުޒިލެންޑް ގައި ކޮވިޑް-19 ޖެހިފައި ވަނީ 1154 މީހުންނަށެވެ. ވައިރަސް ޖެހިގެން އެޤައުމުގައި މަރުވެފައި ވަނީ 22 މީހުންނެވެ.