ކޮވިޑް-19 ރޯގާ ރާއްޖޭގައި ފެތުރެން ފެށުމާއި ގުޅިގެން އިއުލާންކުރި އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި ވެބް ކޮންފަރެންސް މެދުވެރިކޮށް، ބާއްވަމުންދިޔަ ޖަލްސާތައް، ނިމުމަކަށް ގެނެސް، މަޖިލީހުގެ އިދާރާގައި ޖަލްސާތައް ބާއްވަން ނިންމައި، ހޯމަ ދުވަހުގެ ޖަލްސާއަށް ގިނަ ކަންކަން އެޖެންޑާ ކޮށްފިއެވެ.
އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރިފަހުން މަޖިލީހުގެ ޖަލްސާއެއް މަޖިލީހުގައި ބާއްވާފައިވަނީ، ރާއްޖޭގައި ކޮވިޑް-19 ރޯގާ ފެތުރެން ފެށުމާއި ގުޅިގެން ފަސްކުރަންޖެހުނު ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ފަސްކުރަން ޖެހުމުން، ކައުންސިލްތައް ގާނޫނީ ހުސްކަމަށް އަޔަނުދިނުމަށް ގާނޫނުއަސާސީ އިސްލާހު ކުރުމަށް ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުން ކަށަވަރު ކުރުމުގެ ހާއްސަ ބިލް 2020، މަޖިލީހުގައި ދިރާސާކުރުމާއި، އެ ދެބިލް ފާސްކުރުމަށް ބޭއްވި ޖަލްސާތަކެވެ.
މިދިޔަ އަންގާރަ ދުވަހު އެ މަސައްކަތް ނިންމާފައިވާއިރު، އޭގެފަހުން މަޖިލީހުގެ ޖަލްސާއެއް މިބާއްވަނީ ހޯމަ ދުވަހުއެވެ. މިޖަލްސާގެ އެޖެންޑާގައި، މަޖިލީހަށް ތައާރަފް ކުރަންޖެހޭ ބިލްގެ އެޖެންޑާގެ ދަށުން، ސަރުކާރުގެ ފަރާތުން، ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދުދީދީ ހުށަހަޅުއްވާފައިވާ، ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ބިލު 2020 ގެ ފުރަތަމަ ކިޔުން އިއްވުން ހިމެނޭއިރު، ހިތަދޫ މެދު ދާއިރާގެ މެންބަރު އަޙްމަދު ރަޝީދު ހުށަހަޅުއްވާފައިވާ، ކޮރޯނާވައިރަހުގެ ސަބަބުން އިޤްތިޞާދަށް ކުރިމަތިވެފައިވާ ގޮންޖެހުމާ ކުރިމަތިލުމަށް "ނިއު ނޯމަލް" ގެ ތެރެއިން "ކޮވިޑް ފްރީޒޯން" އެއް ކަނޑައަޅައި، އިޤްތިޞާދީ ޙަރަކާތްތައް ހިންގޭނެ ގޮތަކަށް ޤައުމު ހުޅުވާލުމަށް ހުށަހަޅާ ޤަރާރުގެ ފުރަތަމަ ކިޔުން އިއްވުން ވެސް ހިމެނެއެވެ.
މީގެ އިތުރުން، ސަރުކާރުގެ ފަރާތުން، ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ޙަސަން ހުށަހަޅުއްވާފައިވާ، ދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ބިލުގެ ފުރަތަމަ ކިޔުން އިއްވުން ހިމެނޭއިރު، ދާންދޫ ދާއިރާގެ މެންބަރު ޔަޢުޤޫބު ޢަބްދުالله ހުށަހަޅުއްވާފައިވާ، އޮޑިޓް ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލުގެ ފުރަތަމަ ކިޔުން އިއްވުން ވެސް ހިމެނެއެވެ.
މަޖިލީހުގެ ރައީސްގެ މޭޒުން ހުށަހަޅާ ކަންކަމުގެ އެޖެންޑާގެ ދަށުން، ސިވިލް ސަރވިސް ކޮމިޝަން (ސީއެސްސީ)ގެ މެންބަރަކު މަޤާމުން ވަކިކުރުމުގެ މައްސަލަ، މަޖިލީހުގެ ގަވާއިދުގެ 210 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން މަޖިލީހުގައި އިޢުލާންކުރުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފޮނުވާފައިވާ މައްސަލަ ހިމެނޭއިރު، މިއީ ސީއެސްސީގެ މެމްބަރު ފާތިމަތު އާމިރާ މަގާމުން ވަކިކުރުމުގެ މައްސަލަ ކަމަށް ބެލެވެއެވެ.
މީގެއިތުރުން، "ފްރީ ޓްރޭޑް އެގްރީމަންޓް ބިޓްވީން ދަ ގަވަރމަންޓް އޮފް ދަ ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ އެންޑް ދަ ގަވަރމަންޓް އޮފް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް" އާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 179 ވަނަ މާއްދާގެ (ހ) ގެ ދަށުން މަޖިލީހުގެ މެޖޯރިޓީ ލީޑަރ ފޮނުއްވާފައިވާ މައްސަލަ މައްސަލަަ ހިމެނޭއިރު، މި އެގްރީމަންޓަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ނިމިދިއަ 18 ވަނަ ވަނަ މަޖިލީހުގެ ކުއްލި ގޮތަކަށް، ވަރަށް އަވަސް އަރުވާލައިގެން ނިންމުމަށްފަހު، މަޖިލީހުން ރުހުންދިން އެގްރީމަންޓެކެވެ. އޭޕޯ ރީމެއްގެ ކަރުދާސްހުރި އެބޮޑު އެގްރީމަންޓް ދިރާސާކުރުމަށް މާލިއްޔަތު ކޮމެޓީން ދިރާސާ ކުރުމަށް ނެގީ އެންމެ 10 ވަރަކަށް މިނެޓެވެ.
ހޯމަ ދުވަހުގެ ޖަލްސާގައި އިބްތިދާއީ ބަހުސް ކުރުމަށް އެޖެންޑާ ކޮށްފައިވަނީ، ސަރުކާރުގެ ފަރާތުން، ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަޙްމަދު ޢީސާ ހުށަހަޅުއްވާފައިވާ، ވަޒީފާއާބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލެވެ.
ނުނިމި ހުރި މަސައްކަތްތަކުގެ ތެރެއިން އެޖެންޑާގައި، ސަރުކާރުގެ ފަރާތުން ހުށަހަޅުއްވާފައިވާ، ދިވެހިރާއްޖޭގެ ހަކަތައިގެ ބިލްގެ ބަހުސް ކުރުމާއި، ދިވެހިރާއްޖޭގެ މަތީ މައުލީމުގެ ބިލްގެ ބަހުސް ކުރެއްވުމުގެ އިތުރުން، ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުالله ޖާބިރު ހުށަހަޅުއްވާފައިވާ، ރާއްޖޭގެ ކަނޑުތަކުގެ އުޅޭ ނުރައްކާ ތެރި މިޔަރުތަކުގެ ސަބަބުން މަސްވެރިންނަށް ލިބޭ ގެއްލުންތަކާއި، އަނިޔާތައް ހުއްޓުވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާބެހޭ ގޮތުން ހުށަހަޅާ ޤަރާރުގެ ބަހުސް ކުރިއަށް ގެންދެވުން ހިމެއެވެ. އަދި ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ، ދިވެހި ފުލުހުންގެ ހިދުމަތުގެ ބިލަށް ބަހުސްކުރުމާއި، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސްކުރުމުގެ އިތުރުން، ދިވެހިރާއްޖޭގެ އިމިގްރޭޝަން ޤާނޫނަށް އިސްލާހު ބިލަށް ބަހުސް ކުރުން ހިމެނެއެވެ.
ކޮމެޓީތަކުން ހުށަހަޅާ ކަންކަމުގެ އެޖެންޑާގެ ދަށުން، 5 ރިޕޯޓެއް ހިމެނެއެވެ. ހޯމަ ދުވަހުގެ ޖަލްސާ ފެށުމަށް ހަމަޖެހިފައިވަނީ މަޖިލީހުގެ ޖަލްސާތައް އާންމު އުސޫލުން ބާއްވަމުން އަންނަ ގަޑި ކަމަށްވާ ހެނދުނު 09:00 ގައެވެ.