ކ. މާލެ
|
7 ޖޫން 2020 | އާދީއްތަ 21:55
ހުޅުމާލެ މަގުމަތިން ދުއްވާފައިދާ ޓެކްސީއެއް: އޮޅުވާލުމުގެ ގޮތުން އިންޖީނު ނަމްބަރު ބަދަލުކުރޭ
ހުޅުމާލެ މަގުމަތިން ދުއްވާފައިދާ ޓެކްސީއެއް: އޮޅުވާލުމުގެ ގޮތުން އިންޖީނު ނަމްބަރު ބަދަލުކުރޭ
ރާއްޖެއެމްވީ
އެއްގަމު ދަތުރުފަތުރުގެ ގާނޫނު
ގަވައިދާ ހިލާފަށް ނަމްބަރު ބޯޑު ބަދަލުކުރުމުން 10000ރ. ގެ ޖޫރިމަނާއެއް އަންނަ ގޮތަށް ބަދަލުކުރަނީ
 
އެއްގަމު ދަތުރުފަތުރުގެ ގާނޫނު އިސްލާހުކުރުމަކީ މި ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގެ ބައެއް
 
އުޅަނދު ހިފަހައްޓާއިރު ދުއްވަން ހުރި ފަރާތަށް 1000ރ. ގެ ޖޫރިމަނާއެއް އަންނާނެ
 
ކޮމެޓީން ވަނީ އަދަބުތައް އިތުރަށް ތަފްސީލުކޮށްފަ

ގާނޫނާއި ގަވާއިދާއި ޚިލާފަށް އުޅަނދެއްގެ އިންޖީނު ނަންބަރަށް ނުވަތަ ނަމްބަރު ބޯޑަށް ބަދަލު ގެނެސްފިނަމަ، އެފަރާތެއް 10،000ރ. އިން ޖޫރިމަނާކުރާގޮތަށް 'އެއްގަމު ދަތުރުފަތުރުގެ ގާނޫނު' އިސްލާހު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމެޓީން ފާސްކޮށްފިއެވެ.

އާދީއްތަ ދުވަހުގެ ކޮމެޓީ ބައްދަލުވުމުގައި އެއްގަމު ދަތުރު ފަތުރުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ދިރާސާކޮށްފައިވާއިރު، މި ބިލުގެ 29 ވަނަ މާއްދާގެ (ށ) ބަދަލު ކުރުމަށް ކޮމެޓީން ނިންމިއެވެ.

ސަރުކާރުގެ ފަރާތުން ހުށަހެޅި ބިލުގައި ވަނީ ޓްރާންސްޕޯޓް މިނިސްޓްރީން އުޅަނދަކަށް ދީފައިވާ ރަޖިސްޓަރީ ނަންބަރު ފިޔަވައި އެހެން ނަންބަރެއް އުޅަނދުގައި ހަރުކުރުމާއި، ރަޖިސްޓަރީ ނުކުރާ އެއްގަމު އުޅަނދެއްގައި މި ޤާނޫނާ ޚިލާފަށް ރަޖިސްޓަރީ ނަންބަރެއް ހަރުކުރުމާއި، ހުއްދަ ނެތި އެއްގަމު އުޅަނދެއްގެ އިންޖީނު ނަންބަރަށް ނުވަތަ ޗެސިސް ނަންބަރަށް ބަދަލު ގެނައުމަކީ މަނާކަމެއް ކަމަށެވެ. އަދި މިފަދަ ކަމެއް ކުރާ މީހެއްގެ އަދަބަކީ 5000ރ. އިން ޖޫރިމަނާކުރުން ކަމަށެވެ.

ކޮމެޓީން ވަނީ މި މާއްދާއަށް ބަދަލު ގެނެސް، އަދަބުތައް އިތުރަށް ތަފްސީލުކޮށްފައެވެ. ކޮމެޓީން ގެނައި އިސްލާހުގައި އެފަދަ އުޅަނދެއް އެވަގުތު ދުއްވަން ހުރި ފަރާތާއި، ބަދަލު ގެނައި ފަރާތްވެސް ޖޫރިމަނާކުރެވޭނެއެވެ. ސަރުކާރުން ހުށައެޅި ގޮތަށް، އެފަދަ އުޅަނދެއް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ބެލުމުގެ ދަށަށް ގެނައުމުގެ އިޚްތިޔާރު އެ ސަރވިސްއަށް ލިބިގެންވާ ކަމަށް ކޮމިޓީން ވަނީ ނިންމާފައެވެ.

މިނިސްޓްރީން ނުވަތަ މިނިސްޓްރީން ކަނޑައަޅާ ފަރާތަކުން، އުޅަނދަކަށް ދީފައިވާ ރަޖިސްޓަރީ ނަންބަރު ފިޔަވައި އެހެން ނަންބަރެއް އުޅަނދުގައި ހަރުކުރުމާއި، ރަޖިސްޓަރީ ނުކުރާ އެއްގަމު އުޅަނދެއްގައި މި ޤާނޫނާ ޚިލާފަށް ރަޖިސްޓަރީ ނަންބަރެއް ހަރުކުރުމާއި، މިނިސްޓްރީން ނުވަތަ މިނިސްޓްރީން ކަނޑައަޅާ ފަރާތެއްގެ ހުއްދަ ނެތި އެއްގަމު އުޅަނދެއްގެ އިންޖީނު ނަންބަރަށް ނުވަތަ ޗެސިސް ނަންބަރަށް ބަދަލު ގެނައުމަކީ ކުށެކެވެ. އަދި އެފަދަ ކުށެއް ކުރި މީހެއް ނުވަތަ ފަރާތެއްގެ އަދަބަކީ: 1) އެފަދަ އުޅަނދެއް އެވަގުތު ދުއްވަން ހުރި ފަރާތް -/1,000 (އެއްހާސް) ރުފިޔާއިން ޖޫރިމަނާކުރެވޭނެ 2) އެފަދަ ކަމެއް ސާބިތުވެއްޖެ ނަމަ އެކަމެއް ކުރި މީހެއްގެ ނުވަތަ ފަރާތެއް 10،000 ރުފިޔާއިން ޖޫރިމަނާ ކުރުމުގެ އިތުރުން، އެކަން ކުރީ ވިޔަފާރިކުރާތާކުން ނަމަ އެތަނެއްގެ ވިޔަފާރި ހުއްދަ 1 (އެކެއް) އަހަރުގެ މުއްދަތަށް ހިފަހައްޓަން ވާނެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީގެ މުގައްރިރު، ބާރަށު ދާއިރާގެ މެމްބަރު އަހުމަދު އަބްދުﷲ

29 ވަނަ މާއްދާގެ (ށ) ގެ ތިންވަނަ އަކުރާއި މެދު ކޮމެޓީން ގޮތެއް ނިންމަން ޖެހޭއިރު މިކަމާއި ގުޅިގެން މަޝްވަރާ ކުރުމަށް ނިންމާފައިވަނީ ދެން އަންނަ ކޮމެޓީގެ ބައްދަލުުވުމެއްގައެވެ.

އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އިސްލާހު ގެނައުމަކީ، ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގެ ދަށުން ކުރަން ނިންމާފައިވާ މުހިއްމު މަސައްކަތެކެވެ. އަދި މި ގާނޫނު އިސްލާހުކުރަން ނިންމީ މި ގާނޫނު ތަންފީޒުކުރުމުގައި ހުރި ހުރަސްތައް ނައްތާލާ، ޓްރާންސްޕޯޓް މިނިސްޓްރީއާއި ކަމާއިބެހޭ އެހެނިހެން އިދާރާތަކުގެ ދައުރު އަދާކުރަން މަގުފަހިކޮށްދިނުމުގެ ބޭނުމުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަމަން ހަލީމް
0%
100%
0%
0%
0%
0%
ކޮމެންޓް