ކ. މާލެ
|
7 ޖޫން 2020 | އާދީއްތަ 18:42
ލޯކަލް މާރުކޭޓްގައި ވިއްކާ ދިވެހި ދަނޑުވެރިކަމުގެ ބާވައްތަކެއް: ކޮވިޑުގެ ހާލަތާއި ގުޅިގެން ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ބަހުސް ވަނީ ހޫނުވެފައި
ލޯކަލް މާރުކޭޓްގައި ވިއްކާ ދިވެހި ދަނޑުވެރިކަމުގެ ބާވައްތަކެއް: ކޮވިޑުގެ ހާލަތާއި ގުޅިގެން ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ބަހުސް ވަނީ ހޫނުވެފައި
މުހައްމަދު ޝަރުހާން
ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަސް
ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމުން ބަލި ޖެހިގެން މަރުވާ މީހުންގެ އަދަދު މަދުކުރެވޭނެ
 
އެކަށީގެންވާ ފިޔަވަޅު އެޅިއްޖެނަމަ އޭގެ ސަބަބުން ގެއްލިގެންދާ ފުރާނައިގެ އަދަދު އިންތިހާއަށް މަދުކުރެވޭނެ
 
ކާބޯތަކެތީގެ ސަބަބުން އެންމެ އާދައިގެ ރޯގާއިން ފެށިގެން ގޮސް ކެންސަރު ޖެހުމަށް މަގުފަހިވޭ
 
މިއީ މި ދުވަސް ބައިނަލްއަގްވާމީ ފެންވަރުގައި ފާހަގަކުރާ ފުރަތަމަ ފަހަރު

ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެކަށީގެންވާ ފިޔަވަޅު އެޅިއްޖެނަމަ ކާބޯތަކެތީގެ ޒަރިއްޔާއިން ޖެހޭ ބަލިން ރައްކާތެރިވެ އޭގެ ސަބަބުން ގެއްލިގެންދާ ފުރާނައިގެ އަދަދު އިންތިހާއަށް މަދުކުރެވޭނެ ކަމަށް ހެލްތް މިނިސްޓްރީން ބުނެފައެވެ.

ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ނެރުނު ބަޔާނެއްގައި އެ މިނިސްޓްރީން ބުނެފައިވަނީ، ކާބޯތަކެތީގެ ޒަރިއްޔާއިން އެންމެ އާދައިގެ ބޭރަށް ހިނގުމުން ފެށިގެންގޮސް، ކެންސަރުފަދަ ނުރައްކާތެރި ބަލިތައް ޖެހޭ ކަމަށެވެ. އަދި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެކަށީގެންވާ ފިޔަވަޅު އެޅިއްޖެނަމަ އެފަދަ ބަލިން ރައްކާތެރިވެ އޭގެ ސަބަބުން ގެއްލިގެންދާ ފުރާނައިގެ އަދަދު އިންތިހާއަށް މަދުކުރެވޭނެ ކަމަށާއި، މިއީ އާއްމު ޞިއްޙަތަށާއި އިގްތިސާދަށް އޮތް ބޮޑު ގޮންޖެހުމެއްކަމަށް ތަޖުރިބާކާރުން ފާހަގަކުރެއެވެ.

މިނިސްޓްރީން ބުނީ، މި ދުވަސް ފާހަގަ ކުރުމުގެ މައިގަނޑު މަޤްޞަދަކީ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެ މަސައްކަތް އިތުރަށް ހަރުދަނާކޮށް، އާއްމުން ހޭލުންތެރިކުރުވައި، ކާބޯތަކެތީގެ ޒަރީއާއިން ދިމާވާ އިޤްތިޞާދީ އަދި ޞިއްޙީ މައްސަލަތަކުން ސަލާމަތްވެ ދުޅަހެޔޮ އުފާވެރި މުޖުތަމައެއް ބިނާކުރުމެވެ. ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ އެންމެ ފަހުގެ ތަފާސް ހިސާބު ދައްކާ ގޮތުން، ޖަރާސީމާއި ތަފާތު ކެމިކަލުން ތަޣައްޔަރުވެފައިވާ ކާބޯތަކެތީގެ ނުރައްކާ އަހަރަކު 600 މިލިއަނަށް ވުރެ ގިނަމީހުން ތަހައްމަލުކުރެއެވެ. މީގެތެރެއިން އަހަރަކު ގާތްގަޑަކަށް 420،000 މީހުންގެ ފުރާނަ ގެއްލިގެންދެއެވެ.

ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ހެލްތް މިނިސްޓަރ އަބްދުﷲ އަމީން (ކ-2) -- ފޮޓޯ: މިނިސްޓްރީ އޮފް ހެލްތް

ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ރާވާފައިވާ ހަރަކާތްތައް ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ މިނިސްޓްރ އޮފް ހެލްތް އަބްދުﷲ އަމީންއެވެ. މި ރަސްމިޔާތުގައި މިނިސްޓަރ އަމީންގެ އިތުރުން، ޑަބްލިއު.އެޗް.އޯ އިން ރާއްޖެއަށް ކަނޑައަލާފައިވާ ރެޕްރެސެންޓޭޓިވް، ޑރ. އަރްވިންދު މާތުރުގެ އިތުރުން މިނިސްޓްރީ އޮފް ހެލްތު އަދި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ އިސް ބޭފުޅުން ވަނީ ބައިވެރިވެ ވަޑައިގެންނެވިއެވެ.

ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޑރ. އަރްވިންދް މާތުރް ވާހަކަ ދައްކަވަނީ -- ފޮޓޯ: މިނިސްޓްރީ އޮފް ހެލްތް

މިއީ މިކަމަށް ވަކި ދުވަހެއް ކަނޑައަޅާ މި ދުވަސް ދުނިޔޭގައި ފާހަގަކުރާ ފުރަތަމަ ފަހަރުކަމަށް ވާއިރު ކޮންމެ އަހަރެއްގެ ވެސް 7 ޖޫން އަކީ ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަސް ކަމުގައި އދ ގެ އާންމު މަޖިލިހުން ވަނީ 20 ޑިސެންބަރު 2018 ގައި ނިންމާފައެވެ.

މި އަހަރުގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަހުގެ ޝިޢާރެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ "ކާބޯތަކެތީގެ ރައްކާތެރިކަން، އެންމެންގެ ކަމެއް" މި ސުރުހީއެވެ. މިގޮތުން ދަނޑުން ސުފުރާއާއި ދެމެދުގައިވާ ހުރިހާ މަރުހަލާއެއްގައި ބައިވެރިވާ ސަރުކާރުގެ މުއައްސަސާތަކާއި، އަމިއްލަ ފަރާތްތަކާއި ވިޔަފާރިވެރިންނާއި އަމިއްލަ ފަރުދުން ކާބޯތަކެތީގެ ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި އެންމެންގެ ޒިންމާއެއް ކަމަށް ދެކި މަސައްކަތްކުރުމަށް ވަނީ ގޮވަލާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
0%
ކޮމެންޓް