ތ. އަތޮޅުން ފެށިގެން އައްޑޫ ސިޓީ އަށް ވައިޓް އެލަރޓް ނެރެފި އެވެ.
މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ބުނީ އާދިއްތަ ދުވަހުގެ ހެނދުނު 8:00 ން ފެށިގެން މެންދުރު 01:00 އާ ހަމައަށް އެސަރަހައްދަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް މެޓް އޮފީހުން ބުނެ އެވެ.
މީގެއިތުރުން އާދިއްތަ ދުވަހުގެ ރޭ 8:00 މާ ހަމައަށް ރާއްޖޭގެ އެކިހިސާބަށް ވިއްސާރަ ކުރުމާއެކު ގުގުރާނެ ކަމަށް މެޓް އޮފީހުން ބުނެ އެވެ. އަދި އުތުރާއި މެދުތެރޭގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހުންވެސް އެކަށީގެންވާ ކަމަށް މެޓް އޮފީހުން ބުނެ އެވެ.
އުތުރާއި މެދުތެރޭގެ އަތޮޅުތަކަށް، ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށާއި ދެކުނުގެ އަތޮޅުތަކަށް އިރު ދެކުނާއި ދެކުނުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށް މެޓް އޮފީހުން ބުނެ އެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލުގެ ބާރު މިނަށް ވައި ގަދަވުން އެކަށީގެންވާ ކަމަށްވެސް މެޓް އޮފީހުން ބުނެ އެވެ.
އުތުރާއި މެދުތެރޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި ދެކުނުގެ އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑު ވާނެ ކަމަށް މެޓް އޮފީހުން ބުނެ އެވެ.
ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރުން އެކަށީގެންވާ ކަމަށްވެސް މެޓް އޮފީހުން ބުނެ އެވެ. އެހެންކަމުން ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފަ އެވެ.