ވިޔަފާރި ބަނދަރު ގުޅިފަޅަށް ބަދަލު ކުރުމުން ފަހުން ކުރާ ފައިދާ މާބޮޑުވާނެ ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.
ހޮނިހިރު ދުވަހު މަޖިލީހުގެ އެންވަޔަރްމެންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމެޓީން އޮންލައިންކޮށް ބޭއްވި ބައްދަލުވުމުގައި ޕްލޭނިން މިނިސްޓަރު އަސްލަމް ވިދާޅުވީ ވިޔަފާރި ބަނދަރު ގުޅިފަޅަށް ބަދަލުކުރުމުގެ މަސައްކަތުގެ ތެރެއިން ރާއްޖޭގައި ތަނެއް މިހާ ފުންކޮށް ހިއްކާ މިއީ ފުރަތަމަ ފަހަރު ކަމަށެވެ. ނަމަވެސް ސިންގަޕޫރު ފަދަ ގައުމުތަކުގައިވެސް އެހާ ފުން ތަންތަން ހިއްކާ ކަމަށް މިނިސްޓަރު އަސްލަމް ވިދާޅުވިއެވެ.
މިނިސްޓަރު އަސްލަމް މިހެން ވިދާޅުވީ އުނގޫފާރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ވަހީދު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ. މެމްބަރު ވިދާޅުވީ ގުޅިފަޅުން ހިއްކާ ބައެއް ސަރަހައްދުތަކުގެ ފުންމިނުގައި 20 މީޓަރު ހުންނަ އިރު އެއީ މިހާތަނަށް ރާއްޖޭގައި ހިންގި ބިން ހިއްކުމުގެ ޕްރޮޖެކްޓްތަކުގައި ބޭނުންކުރި ވެއްޔާ ނުބައްދަލު މިންވަރެއް ކަމަށެވެ. އަދި 20 މިލިއަން ކޮޑިމީޓަރުގެ (30 މިލިއަން ޓަނުގެ) ވެލި ބޭނުންކުރާނެ ކަމަށް ބެލެވޭ އިރު ސިންގަޕޫރު ފަދަ މުސްހަނދި ގައުމުތަކުގައި ވެސް 15 މީޓަރަށް ވުރެ ފުންވެއްޖެ ނަމަ ނުހިއްކާކަމަށް މެމްބަރު ވިދާޅުވި އެވެ.
މިނިސްޓަރު އަސްލަމް ވިދާޅުވީ ގުޅިފަޅު ފުންވެފައި، ބޭނުންވާ ވެލީގެ މިންވަރު ގިނަވި ނަމަވެސް ރާއްޖެއަށް ލިބޭ ފައިދާ މާ ބޮޑު ކަމަށެވެ.
އަޅުގަނޑަށް ޖަސްޓިފައި ކުރެވޭ މިހިއްކުމާއެކު ކޯސްޓް ބެނެފިޓް އެނަލިސިސްގައި އަޅުގަނޑަށް ޖަސްޓިފައި ކުރެވޭ އެއީ ފުން ފަޅެއް ކަމުގައި ވިޔަސް. އަޅުގަނޑަށް ތިލަފުށީގައި މިޕޯޓު ހަދާކަށް ޕްރެކްޓިކަލީ. މުސްތަގުބަލުގައި އަޅުގަނޑުމެންނަށް އެއީ އަދި އެތަނުގައި ޕޯޓު ހަދާގެން ދިމާވާ މައްސަލަތައް މާގިނަ ކަމަށް. އެއީ އަޅުގަނޑުމެން ޕްރޮފެޝަނަލް އޮޕީނިއަން.ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް
ޕްރޮޖެކްޓްގެ ސަރވޭއަށް އަލިއަޅުއްވާލައްވާ މިނިސްޓަރު އަސްލަމް ވިދާޅުވީ މިސަރވޭގެ ބައެއް މައުލޫމާތުތައް ހިއްސާ ކުރެވޭނެ ކަމަށާއި ނަމަވެސް ހުރިހާ މައުލޫމާތެއް ހިއްސާ ނުކުރެވޭނެ ކަމަށެވެ. އަދި މަޝްރޫއުގެ ކޮންޓްރެކްޓް ވެސް ހުރިހާ މައުލޫމާތެއް ހިއްސާ ނުކުރާނެކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ އެއީ އެހެން ބައެއްގެ އަތަށް ދީގެން އޭގެ އެޑްވާންޓޭޖް ނެގުމުގެ ފުރުސަތު އޮތީމަ ކަމަށެވެ.
މީގެ އިތުރުން މިނިސްޓަރު އަސްލަމް ވިދާޅުވީ ގުޅިފަޅު ހިއްކަން ވެލި ނަގަނީ މާލެ އަތޮޅުން ކަމަށާއި، ދުރު ނޫން ހިސާބަކުން ވެލި ލިބޭނެކަމަށް ސަރވޭއިން ދައްކާ ކަމަށެވެ.
މިޕްރޮޖެކްޓަކީ ހައި އިމްޕެކްޓް ޕްރޮޖެކްޓެއް. އަޅުގަނޑުމެން އެއްވެސް ގޮތަކަށް ނެތިން ކްލެއިމް ކުރާކަށް މިނޫން ވެސް ރާއްޖޭގައި ބަނދަރު ހެދުމުގެ މަސައްކަތެއް ބިން ހިއްކުމުގެ މަސައްކަތެއް ލޯއިންޕެކެޓެއް ގޮތަށް މާނަ ކުރެވޭނެ އެއްވެސް ގޮތެއް ނޯންނާނެ. އެއީ ބަނދަރެއް ހެދުމުގެ ގޮތުން ފަޅު ކޮނުނު ކަމުގައި ވިޔަސް، އެއާޕޯޓު އެޅުމަށް ބިން ހިއްކިކަމުގައި ވިޔަސް ރަށުގެ ބިމުގެ ސަރަހައްދު ބޮޑު ކުރުމަށް ބިން ހިއްކި ކަމުގައި ވިޔަސް ހުރިހާ އެއްޗަކީ ހައި އިންޕެކްޓް ޕްރޮޖެކްޓް. އެހެންވީމަ މިއީ ވެސް އޭގެ އެތެރެއިން ހައި އިންޕެކްޓް ޕޮޖެކްޓެއް. މީގައި ނޭޝަނަލް އިންޕެކްޓް އޭގެ އިކޮނޮމިކް ވެލިއު ކަމަށް ބޮޑީ އަޅުގަނޑުމެންނަށް މިޕޯޓު ކުރިއަށް ގެންގޮސް ނޫނީ ދެން އިތުރަށް ދިވެހިރާއްޖޭގެ މުދާ އެތެރެކޮށް ބޭރުކޮށް މިގެންނަ ދޮރާށި އިތުރަށް ތަރައްގީ ކުރެވެން ނެތް ކަމަށް އަޅުގަނޑުމެން ސަރުކާރަށް ގަބޫލު ކުރެވިގެންދާ މަޝްރޫއެއް.ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް
ކޮވިޑް-19އާ ގުޅިގެން ގިނަ ޕްރޮޖެކްޓްތައް މެދުކަނޑާލި ނަމަވެސް ގުޅިފަޅު ޕްރޮޖެކްޓް އެހާ ބާރަށް ކުރިއަށް ގެންދަނީ ކީއްވެތޯ ކުރި ސުވާލަށް ރައްދުދެއްވައި މިނިސްޓަރު އަސްލަމް ވިދާޅުވީ ކޮވިޑް-19އާ ގުޅިގެން އަމަލީ މަސައްކަތް ފަށާފައިވާ އެއްވެސް ޕްރޮޖެކްޓެއް ހުއްޓާލާފައިނުވާ ކަމަށެވެ. އަދި އެއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ނިންމެވުންކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މިނިސްޓަރު އަސްލަމް ވިދާޅުވީ ގުޅިފަޅު ޕްރޮޖެކްޓް ބާރުލާފައި ކުރިއަށް ނުގެންދާ ކަމަށެވެ.