ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ހަރަދުގައި "ޖާބިރު އެއަރޕޯރޓް'' ގެ ނަމުގައި ޕްރައިވެޓް ޖެޓް ޖެއްސޭ ފެންވަރަށް އެއަރޕޯޓްއެއް ތަރައްގީ ކުރުމުގެ މަސައްކަތް ފަށައިފި އެވެ.
ކާށިދޫގައި އެއަރޕޯޓްއެއް އެޅުމަކީ ޖާބިރުގެ ކެންޕެއިންގެ ވަރަށް މުހިންމު ވައުދެކެވެ. ކާށިދޫ ރައްޔިތުންނަށް ޖާބިރު ލިޔުއްވާފައިވާ ސިޓީއެއްގައި އޭނާ ވިދާޅުވީ، ކާށިދޫ ގައި އެއަރޕޯޓެއް އެޅިގެން ދިއުމަކީ އެ ރަށުގެ ތަރައްގީއެހެން ހަރުފަތަކަށް ގެންގޮސްދޭނެ ކަމެއް ކަމަށެވެ.
އެހެންކަމުން، އެކަމުގެ މަޝްވަރާތައް މިހާރުވާނީ ސަރުކާރުގެ ކަމާއިބެހޭ ހުރިހާ ވުޒާރާއަކާއެކު ކުރިއަށް ގެންދެވިފައިކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އާއި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް އާއި މަޝްވަރާކުރެވި، ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން އެ ދެ ބޭފުޅުން އަރުވާފައިވާކަމަށް ޖާބިރުގެ ސިޓީގައި އޭނާ ވިދާޅުވި އެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުވެސް އެކަމަށް އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން އަރުވާފައިވާ ކަމަށް ކާށިދޫ ދާއިރާގެ މެމްބަރު ވިދާޅުވި އެވެ.
މަޝްހޫރު ވިޔަފާރިވެރިޔާ ޖާބިރު ވިދާޅުވީ، ކާށިދޫގައި "ޖާބިރު އެއަރޕޯރޓް”ގެ ނަމުގައި ޕްރައިވެޓް ޖެޓް ޖެއްސޭ ފެންވަރަށް އެއަރޕޯޓްއެއް ތަރައްގީކޮށް، އެތަން ހިންގުމަށް ނިންމާފައިވާ ކަމަށެވެ.
މިޕްރޮޖެކްޓްގެ ކޮންސަލްޓެންޓެއްގެ ގޮތުގައި މިދާއިރާގެ އެންމެ ތަޖުރިބާކާރު އެއްބޭފުޅެއް ކަމުގައިވާ އަހުމަދު މަހުރީން ވަނީ ހަމަޖައްސައިފަ. އަދި، ކާށިދޫގެލޭންޑްޔޫސް ޕްލޭންގައި އެއަރޕޯޓް އެޅުމަށް ކަނޑައަލާފައިވާބިން އަޅުގަޑާއި ހަވާލުކޮށް ރުއްގަހުގެ ބަދަލު ކަންކަން ހަމަޖެއްސުމަށްއަޅުގަޑު ވާނީ ކައުންސިލްގައި ދަންނަވާފަ.އަބްދުﷲ ޖާބިރު - ކާށިދޫ ދާއިރާގެ މެމްބަރު
އެ ޕްރޮޖެކްޓަށް ކާށިދޫގެ ހުރިހާ ރައްޔިތުންގެ އެއްބާރުލުން ބޭނުންވާ ކަމަށް ސިޓީ ނިންމަވާލައްވަމުން ޑީއާރްޕީގެ ލީޑަރުކަންވެސް ކުރައްވަމުން ގެންދަވާ ޖާބިރު ވިދާޅުވިއެވެ.