ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެ މައްޗަށް ކުރި މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވެ 5 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުން އަންނަތާ ހަ މަހަށް ވުރެ ގިނަދުވަސް ވީ އިރު، ޔާމީންއަށް ވަފާތެރިކަމަށް ބުނަމުންދާ ފުރިގެންވާ ޕީޕީއެމް އަދި ޕީއެންސީ ގެ ފަރާތުން އެތް ދެލިކޮޕީ އެއްގައި ބަޔާން ނެރުން ނޫންކަމެއް ކުރާތަނެއް ނުފެނެއެވެ. ނުވަތަ ޓްވިޓަރއިން ސާބިތު ނުހިފޭ ކޮންމެވެސް ވާހަކައެއް ޓުވީޓް ކޮށްލެއްވުމުން އެދުވަހަކަށް ޔާމީން މިނިވަން ކުރެއްވުމަށް ލައްކަ ބޮޑު މަސައްކަތްތަކެއް ކުރެވުނީ ކަމަށް ޤަބޫލުފުޅު ކުރެވެނީ ކަމަށް ވެދާނެއެވެ.
ތެދުބަހުން ބުނާނަމަ މި ދެ ޕާޓީ މިވަނީ ވަރަ ބިނދި، ގަސްބުޑަށް ވެއްޓިފައެވެ. ނޫންނަމަ ރައީސް ޔާމީނަށް އިއްވާފައިވަނީ ސިޔާސީ ހުކުމެއް ނޫންކަން މިދެ ޕާޓީން ވެސް ހިތުގެ އަޑިން ގަބޫލުފުޅު ކުރައްވަނީއެވެ.
ދާދިފަހުން ޔާމީން ގެ ކޮއްކޯފުޅު އަދި ގުރައިދޫ ދާއިރާގެ މެމްބަރު މުހައްމަދު ޣައްސާން މައުމޫން ކުރެއްވެވި ޓްވީޓެއްގައި ވަނީ، ތެލާއި ފެން އެކު ނުވާނެ ކަމަށާއި، ދެން ފެންނާނީ ފެނަށްވުރެ ލޭ އޮލަކަން ކަމަށެވެ. ޣައްސާން ވިދާޅުވީ، ލެޔާއި ލޭގެ ގުޅުން ބަދަހިވާނެ ކަމަށެވެ.
މި ޓްވީޓު ފެނުމުން އަޅުގަނޑު ހިތަށްއެރީ، ޣައްސާން މައުމޫނަށް ލޭގެ ގުޅުން އެނގިވަޑައިގަތީ މިއަދު ބާއެވެ. ދަރިއަކާއި ބަފައެއްގެ ލޭގެ ގުޅުން ނުހުންނަނީ ބާއެވެ. ބައްފާފުޅުގެ ބުރަމަސައްކަތުން ކޮއްކޯފުޅު ވެރިކަމަށް އަރުވައިދެއްވުމުން ފަހުން ހެއްދެވި ގޮތް ހަދުމަފުޅުނެތުނީ ތޯއެވެ.
އާރާއި ބާރު ލިބިވަޑައިގަތުމުން ރައީސް ޔާމީން އެދުވަހު ބޭބޭފުޅު މައުމޫން އަބްދުލް ގައްޔޫމް ގެ އަމިއްލަފުޅު ޕާޓީ ޕީޕީއެމް އިންވެސް ބޭރުކޮއްލެއްވީ އެވެ. އަދި މިވަރުން ނުފުދިގެން މަނިކުފާނު ގެ ލޭގެ ގުޅުން ހުރި ބައްޕާފުޅަށް އެންމެ ލޯބި ދޭންޖެހޭ ވަގުތު ޖަލަށްވެސް ލީއެވެ. މުސްކުޅިވެ ގައިން ބާރުދިޔަ ދުވަހު އެތަކެއް އަނިއާ އެއް ދިނެވެ. އެދުވަހު ހަމަ ލޭގެ ގުޅުން އެނގިވަޑައިނުގަތީ ތޯއެވެ؟
ނުވިތާކަށް ޣައްސާން މައުމޫނުގެ އެއްބަޑު އެއްބަފާ ބޭބޭފުޅު ޖަލައް ލެއްވި ދުވަހު ހަމަ ލޭގެ ގުޅުން ހުރިކަން ނޭންގުނީތޯއެވެ. ނޫނީ މިއަދު ސަރުކާރު ބަދަލުކުރުމަށް އާއިލާގެ މުހިއްމުކަން އެނގިވަޑައިގަތީތޯއެވެ؟
ޣައްސާން އެވެ. ތިބޭފުޅާގެ މައިމީހާ ގެ ލޯފުޅު ފުރެންދެން ކަރުނަ އެޅި މަންޒަރު ޓީވީތަކުން ދެއްކި އެވެ. އެދުވަހު ގާތުގައި ހުރީ ތިޔަ ލޭގެ ގުޅުން ހުރި ލޯބިވާ ދަރިފުޅެއް ނޫނެވެ. އެބޭފުޅެއްދެކެ އެންމެ ނުރުހުންވި ޕާޓީ އެމްޑީޕީ އެވެ. ގާތުގައި ތިބީ ތިޔަ ވިދާޅުވާ ތެލާއި ފެން އެކުނުވާ ކޯލިޝަންގެ އާންމު މެންބަރުންނާއި ލީޑަރުންނެވެ.
އަދިވެސް ހަނދުމަފުޅު ކޮއްލަދޭނަމެވެ. ދާދި ފަހުން ރައީސް ޢަބްދުﷲ ޔާމީނުގެ ދައްތާފުޅު މޫމިނާ ޢަބްދުލްޤައްޔޫމް އަވަހާރަވުމުން މޫނު ބެއްލެވުމަށް ވަޑައިގަތުމަށް އެމަނިކުފާނު ދެކޮޅު ހެއްދެވިއެވެ. ޖަލުގައި ހުންނެވި ނަމަވެސް ދައްތާފުޅުގެ މޫނު ބެއްލެވުމާއި، ކަށު ނަމާދުގައި ބައިވެރިވެ ވަޑައިގަތުމަށް ޢައިލާއިން ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރިއެވެ. އަދި ކަރެކްޝަންސް އިން ޔާމީން ގެނައުމަށް ސެކިއުރިޓީއާއެކު ލޯންޗް ވެސް ހަމަޖެއްސިއެވެ. ނަމަވެސް ދެކޮޅު ހައްދަވާ ދައްތާފުޅުގެ ކަށުކަމާކެމީގައި އެމަނިކުފާނު ބައިވެރިވެ ވަޑައިނުގެންނެވިއެވެ. އެދުވަހު ރައީސް ޔާމީނަށްވެސް ލޭގެ ގުޅުމަށްވުރެ މުހިއްމުވީ ޖަލުން ސަލާމަތްވެ ވަޑައިގަތުމެވެ. އެ ދުވަހު ބޭބޭފުޅަށް ލޭގެ ގުޅުމުގެ މުހިއްމުކަން ހަނދުމަކޮށް ނުދެއްވީ ކީއްވެގެންތޯއެވެ؟ ޣައްސާން މައުމޫންއެވެ. ލޭގެ ގުޅުން ހަދުމަފުޅުނެތުނީ ހަމަ ތިބޭފުޅާއެވެ.