ކ. މާލެ
|
5 ޖޫން 2020 | ހުކުރު 22:45
ކ. މާފުށި ޖަލު: ކޮވިޑް-19 އަށް މިހާރުވެސް އަޅާފައިވާ ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތައް ދެމިއޮންނާނެ
ކ. މާފުށި ޖަލު: ކޮވިޑް-19 އަށް މިހާރުވެސް އަޅާފައިވާ ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތައް ދެމިއޮންނާނެ
ޓްވިޓަރ
ކަރެކްޝަންސްގެ ބައެއް ނިންމުންތައް
ފުރަބަންދަށް ލުއިދޭ ދެވަނަ މަރުހަލާގައި ޖަލަށް ޒިޔާރަތް ކުރަން ފުރުސަތު ދެވޭނެ: ކަރެކްޝަންސް
 
ކުރިއައްއޮތް ތަނުގައި، 'ނިއު ނޯމަލް'ގައިވެސް މިހާރު އަޅާފައިވާ ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތައް އަޅަން ވަނީ ނިންމާފަ
 
ފުރަބަންދުގެ ތިންވަނަ މަރުހަލާގައި އެކަހެރި ބައްދަލުވުން ފޯރުކޮށް ދެވޭނެ
 
ޖަލަށް ޒިޔާރަތް ކުރަން ފުރުސަތު ދެވޭނީ، 18 އަހަރުން މަތީގެ ހައިރިސްކް ނޫން މީހުންނަށް

މާލެ ސަރަހައްދުގެ ފުރަބަންދަށް ލުއިދޭ ދެވަނަ މަރުހަލާ އިއުލާން ކުރުމުން ޖަލަށް ޒިޔާރަތް ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ބުނެފި އެވެ.

ރާއްޖެޓީވީން ގެނެސްދޭ ކޮވިޑް-19 ކަވަރޭޖަށް ފޯނުން މައުލޫމާތު ދެއްވަމުން، ސްޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް އިބްރާހިމް ނާޝިދު ވިދާޅުވީ، މާލެ ސަރަހައްދުގެ ފުރަބަންދުގެ ލުއި ދިނުމުގެ ދެވަނަ މަރުހަލާގައި ނުވަތަ އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުމުގެ ފުރުސަތު ހުޅުވާލެވޭ މަރުހަލާގައި، ޖަލުގައި ތިބި ގައިދީންނާއި ބަންދުގައި ތިބި މީހުންގެ އާއިލީ ބައްދަލުވުމާއި ގާނޫނީ ވަކީލުންފަދަ ބޭފުޅުންނަށް ޖަލަށް ޒިޔާރަތް ކުރުމުގެ ފުރުސަތު ހުޅުވާލެވޭނެ ކަމަށެވެ.

ނަމަވެސް، އެ ފުރުސަތު ލިބިގެންދާނީ އުމުރުން 18 އަހަރުންމަތީގެ މީހުންގެ ތެރެއިން ހައިރިސްކް ކެޓަގަރީތަކުގެ ނުހިމެނޭ މީހުންނަށް ކަމަށާއި އަދި އެފުރުސަތު ދެވޭނީވެސް ކޮވިޑް-19އަށް ރައްކާތެރިވުމަށް އަޅާންޖެހޭ ފިޔަވަޅުތަކާއެކުގަ ކަމަށްވެސް ނާޝިދު ވިދާޅުވި އެވެ. އިތުރަށް ވިދާޅުވީ ގައިދީންނަށް ދެވޭ އެކަހެރި ބައްދަލުވުމުގެ ފުރުސަތު ދެވޭނީ ފުރަބަންދަށް ލުއިދެވޭ ތިންވަނަ މަރުހަލާގަ ކަމަށެވެ.

މީގެއިތުރުން 'ނިއު ނޯމަލް' ގައި އަމުލުކުރާނެ ވަކި ހާއްސަ އުސޫލެއް ކަނޑައެޅިފައިވާ ކަމަށް ނާޝިދު ވިދާޅުވި އެވެ. އޭގެތެރޭގައި، ކޮވިޑް-19 އިން ރައްކާތެރިވުމަށް މިހާރުވެސް އަޅާފައިވާ ބައެއް ފިޔަވަޅުތައް ދެމެހެއްޓުމަށް ނިންމާފައިވާ ކަމަށެވެ. އޭގެ ތެރެއިން އެންމެ އިސްކަމެއް ދީފައިވާނީ ގައިދީންނާއި ބަންދުގައި ތިބި މީހުންނާއި ޖަލަށް ޒިޔާރަތްކުރާ ފަރާތްތަކާއި ޖަލުގައި މަސައްކަތްކުރާ އޮފިސަރުން އަދި މުވައްޒަފުންގެ ރައްކާތެރިކަމަށް ކަމަށް ނާޝިދު ވިދާޅުވި އެވެ.

އޭގެ އިތުރުން ކޮންމެ 24 ގަޑިއިރަކުން ގޮޅިތަކުގައި ތިބި ގައިދީންނާއި ބަންދުކޮށްފައި ތިބި މީހުންގެ ހުމާއި ރޯގާގެ އެއްވެސް އަލާމާތެއް ހުރިތޯ ބެލުމާއި، ގަވާއިދުން ގޮޅިތަކާއި ތަންތަން ސާފުކޮށް ބެލެހެއްޓުމާއި ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފަ އެވެ. ގައިދީއަކަށް ނުވަތަ ބަންދުކޮށްފައިވާ މީހަކަށް، ކޮވިޑް-19 ރޯގާ ނޫންނަމަވެސް، ރޯގާއެއްގެ އެއްވެސް އަލާމާތެއްހުރި ހުރި އެ މީހަކު ވަކިންތަނެއްގައި ބަހައްޓައިގެން ފަރުވާ ދެވޭނެ އިންތިޒާމުތައް ވަނީ ހަމަޖައްސާފަ އެވެ.

ކޮވިޑް-19 ރޯގާއާ ގުޅިގެން މާލެ ސަރަހައްދު ފުރަބަންދު ކުރުމާއެކު ޖަލުތަކުގެ އެލަރޓް ލެވެލް އެންމެ މަތިކޮށް، ޖަލަށް އެއްވެސް މީހަކަށް ނުދެވޭގޮތަށް ބަންދުކޮށްފައި ވެއެވެ. އަދި ޖަލުތަކުގައި މަސައްކަތްކުރާ މުވައްޒަފުން ވަނީ އެތަނުގައި ފުރަބަންދު ވެގެން މަސައްކަތްކޮށްފަ އެވެ. ނަމަވެސް މިހާރު ފުރަބަންދަށް ލުއިދިނުމާއި ގުޅިގެން، ޖަލުގެ އެލަރޓް ލެވެލް ވަނީ ދަށްކޮށްފަ އެވެ. ޖަލުގައި، މިހާތަނަށް އެއްވެސް މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައެއް ނުވެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
0%
ކޮމެންޓް