ރާއްޖޭގައި ގަވާއިދާ ހިލާފަށް ދިރިއުޅެމުންދާ ބަންގްލަދޭޝްގެ ރައްޔިތުން ފޮނުވުލުމުގެ ގޮތުން ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން އިތުުރު 200 މީހަކު ފުރުވާލައިފި އެވެ.
މި މީހުން ފުރުވާލާފައިވަނީ ހުކުރު ދުވަހުގެ ހެނދުނުގެ ވަގުތެއްގައި މޯލްޑިވިއަންގެ ފްލައިޓެއްގައި އެވެ. ބަންގްލަދޭޝް މީހުން ފޮނުވާލުމުގެ މަސައްކަތް ކުރަނީ އިކޮނޮމިކް މިނިސްޓްރީއާ ފޮރިން މިނިސްޓްރީ ގުޅިގެންނެވެ.
ބަންގްލަދޭޝް މީހުން އަނބުރާ ގައުމަށް ފޮނުވާލުމުގެ މަސައްކަތް ފެށުނީ، ރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝްގެ އާބާދީގެ ތެރޭގައި ހަލުވިކަމާއި އެކު ކޮވިޑް-19 ފެތުރެން ފެށުމުންނެވެ. ހާއްސަކޮށް ތޮއްޖެހިގެން ދިރިއުޅޭ ބިދޭސީންގެ ތެރެއިން ޕޮޒިޓިވްވާ ކޭސްތަކުގެ އަދަދު ވަނީ ގިނަވެފައި އެވެ. ތޮއްޖެހުން ކުޑަކުރުމުގެ ގޮތުން ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ބައެއް ބިދޭސީން ވަނީ ސަރުކާރުން ގާއިމްކޮށްފައިވާ ފެސިލިޓީސްތަކަށް ބަދަލުކޮށްފަ އެވެ.
ހެލްތް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން ބަންގްލަދޭޝްގެ 1000ށް ވުރެ ގިނަ މީހުން ވަނީ ޕޮޒިޓިވްވެފައި އެވެ. ބިދޭސީން ގަވާއިދާ އިމުގެ ތެރެއަށް ވެއްދުމަށް އިކޮނޮމިކް މިނިސްޓްރީން ދަނީ މަސައްކަތްތަކެއްވެސް ކުރަމުންނެވެ. އެކަމަކު ކޮވިޑް-19 ގެ ނުރައްކާ ބޮޑުވުމުން އެކަންތައްވަނީ މަޑު ޖައްސާލާފަ އެވެ.
ސަރުކާރުން މިހާތަނަށް ހާމަކޮށްފައިވާ އަދަތުތަކަށް ބަލާކަމުގައިވަނީނަމަ، ކޮވިޑުގެ ހާލަތާއި ގުޅިގެން ފެށި ޕްރޮގްރާމުގެ ތެރެއިން މިހާތަނަށް 2000ށް ވުރެ ގިނަ މީހުން ވަނީ ގައުމަށް ދަތުރުކޮށްފަ އެވެ.