މީގެ 7 އަހަރު ކުރިން ތިލަފުށި ފަޅުތެރޭގައި އޮތް "އެމްވީ ސީ ހޯމް ސެފަޔާ" ނަމަކަށް ކިޔާ ބޯޓު ނަގައި ނައްތާލަން, ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ޒޯން (ޖީއެމްއައިޒެޑް) އިން ޢަމަލު ކޮށްފައިވަނީ ޤާނޫނާއި ޤަވާއިދާ ޚިލާފަށް ކަމަށާއި، އެކަމުގައި އިހުމާލުވި ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް ކަމާބެހޭ ފަރާތްތަކަށް ލަފާދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް (އެސްއޯއީ) ކޮމެޓީން ނިންމި ގޮތުގެ ރިޕޯޓަށް މެމްބަރުން އިސްލާހު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ޖީއެމްއައިޒެޑްގެ މައްސަލައިގައި ކޮމެޓީން ތައްޔާރުކުރި ރިޕޯޓުގައި ފާހަގަކޮށްފައިވާ މުހިއްމު ބައެއް ކަންކަން
މި މައްސަލައިގައި އެ ކޮމެޓީން އެންމެ މުހިއްމު ކަމެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ، ކ. ތިލަފުށި ފަޅުތެރޭގައި "އެމްވީ ސީ ހޯމް ސެފަޔާ" ނެގުމުގައި، ގްރޭޓަރ މާލޭ އިންޑަސްޓްރިއަލް ޒޯންގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހީމް ރަޝީދު (މާމިގިލީ އިބޫ) އެކަމުގައި ޢަމަލު ކޮށްފައިވާ ގޮތާއި، އެކުންފުނީގެ ބޯޑުގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލަތަކުގަ އެވެ.
އެގޮތުން ތިލަފުށި ފަޅުން އެބޯޓު ނެގުމަށް ޕާރކަވަން އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކާ ޙަވާލުކޮށްފައިވާ ގޮތާމެދު ކޮމެޓީއަށް ލިބިފައިވާ މަޢުލޫމާތުތަކަށް ބަލާއިރު، ބޮޑެތި މައްސަލަތަކެއް ހުރިކަން މެންބަރުން ވަނީ ފާހަގަ ކުރައްވާފަ އެވެ.
އެގޮތުން ޕާކަވަން ކުންފުންޏަކީ އެބޯޓު އެތަނުން ނަގަން އިޢުލާން ކުރެވުނު ދުވަސްވަރު އުފައްދާފައިވާ ކުންފުންޏެއް ކަމަށްވާތީ ޝައްކު އުފެދޭ ކަންތައްތަކެއް ހިނގާފައިވާ ކަމަށް މެންބަރުން ވަނީ ފާހަގަ ކުރައްވާފަ އެވެ. އަދި ދަގަނޑު އެބޯޓު ކަފާލައިގެން ނައްތާލުމަށް މަސައްކަތް ކުރަމުންދާތީ، އެމައްސައްކަތް ގްރޭޓަރ މާލޭ ކުންފުންޏާ ޙަވާލުކުރި ފިނޭންސް މިނިސްޓްރީއާ ދެމެދުވެސް ވަނީ ދެބަސްވުންތަކެއް އުފެދިފަ އެވެ. ފިނޭންސް މިނިސްޓްރީން ބުނަނީ، ގްރޭޓަރ މާލެ ކުންފުންޏަށް ހުއްދަ ދިނީ ފަޅު ތެރެއިން ބޯޓު ނަގަން ކަމަށެވެ. އޭގެ އިތުރަށް، ބޯޓު ކަފާލައި ނައްތާލަން ނުވަތަ ބާދަގަނޑުގެ ގޮތުގައި ވިއްކުމުގެ އެއްވެސް ހުއްދައެއް އެކުންފުޏަށް ނުދޭ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ސަމާލުކަމަށް މި މައްސަލަ އައިސްފައިވަނީ، ޖީއެމްއައިޒެޑުން ބަދަލު ހޯދައި ދިނުމަށް އެދި، ޕާކަވަން އިންވެސްޓްމަންޓުން ސިވިލް ކޯޓުގައި އެދުމުންނެވެ. ޕާކަވަން ކުންފުނިން ބަދަލުގެ ގޮތުގައި ހޯދަން އެދުނީ 10.9 މިލިއަން ރުފިޔާ އެވެ. އެ ކުންފުނިން ބުނާ ގޮތުގައި އެއްބަސްވެވުނު ގޮތަށް 30 ދުވަހުގެ ތެރޭގައި ބޯޓު ފަޅުން ނުނެގުނީ ޖީއެމްއައިޒެޑުގެ އޮޅުވާލުމާއި އިހުމާލުގެ ސަބަބުންނެވެ.
ކުންފުނީގެ އެމްޑީއަށް ފިޔަވަޅު އެޅުމަށް ކޮމިޓީން ހުށައެޅި މައިގަނޑު ސަބަބުތައް
1. ޖީއެމްއައިޒެޑަށް އެ އުޅަނދު ވިއްކުމުގެ ގާނޫނީ ބާރު ލިބިދީފައިއެއް ނުވެ އެވެ. އެހެންކަމުން އެމްވީ ސީހޯމް ސެފަޔަރ ތިލަފުށި ފަޅުތެރެއިން ނަގައި އަދި އެ އުޅަނދު ވިޔަފާރި އުސޫލުން ބޭނުންކުރުމަށް ޕާކަވަން ކުންފުންޏަށް ދީފައިވާ ދިނުމަކީ ދިނުމަކީ ސިވިލް ކޯޓުގެ ހުކުމާއި ފިނޭންސް މިނިސްޓްރީގެ އެންގުމާ ހިލާފަށް ކޮށްފައިވާ ކަމެއްކަން
2. ޖީއެމްއައިޒެޑްގެ ފަރާތުން އެމްވީ ސީހޯމް ސެފަޔަރ، ތިލަފުށި ފަޅުތެރެއިން ނެގުމަށްޓަކައި އެކަންކުރާނެ ފަރާތެއް ހޯދުމުގެ ގޮތުން، އެމަސައްކަތް ކުރާ ފަރާތަށް ކުންފުނީގެ ފަރާތުން އެއްވެސް އަގެއް ދައްކަން ނުޖެހި، އަދި މަސައްކަތުގެ އުޖޫރައަކީ ނުވަތަ ކޮންޕެންސޭޝަނަކީ އެމްވީ ސީހޯމް ސެފަޔަރ އުޅަނދު، އެ އުޅަނދު ނެގުމުގެ މަސައްކަތްކުރާ ފަރާތަށް ވިޔަފާރި އުސޫލުން ބޭނުންކުރަން ދިނުންކަމަށް ނިންމާފައި ވެއެވެ. އަދި މިނިންމުން ނިންމާފައިވަނީ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް އެނގުމަކާއިނުލައި، އަދި އެކަށޭނެ ގާނޫނީ ލަފާ ހޯދާފައިވާ ކަމާމެދު ވެސް ސުވާލު އުފެދޭކަން
3. ޕާރކަވަން ކުންފުންޏަށް ލިބިފައިވާ ގެއްލުމުގެ ބަދަލުގައި 708،511.36 ޑޮލަރު (ހަތްލައްކަ އަށްހާސް ފައްސަތޭކައެގާރަ ޕޮއިންޓް ތިނެއް ހައެއް ޑޮލަރު) ހޯދުމަށް ލީގަލް ފިޔަވަޅު އަޅާފައިވާއިރު، ފިނޭންސް މިނިސްޓްރީން އަންގާފައިވާގޮތަށް އިންޑިޕެންޑަންޓް ވެލުއުއޭޝަނެއް ހަދާފައިނުވާތީ، ބޯޓުގެ ހަގީގީ މާކެޓްވެލިޔުއެއް ކަނޑައެޅިފައިނުވާކަން.
4. ޖީއެމްއައިޒެޑުން އެމްވީ ސީހޯމް ސެފަޔަރ ތިލަފުށި ފަޅުތެރެއިން ނައްތާލައި ވިއްކާލުމުގެ މަސައްކަތް ކުރިއަށް ގެންދިއުމުގެ ކުރިން ފިނޭންސް މިނިސްޓްރީގެ ހުއްދަ ހޯދާފައިވާކަމަށް ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ވިދާޅުވެފައިވީނަމަވެސް، ފިނޭންސް މިނިސްޓްރީން އެފަދަ ހުއްދައެއް ދީފައިނުވާކަމާއި، އެ މިނިސްޓްރީގެ ފަރާތުން އިއުތިރާޟެއް ނެތްކަމަށް ވިދާޅުވެފައިވަނީ، ސިވިލް ކޯޓުގެ ހުކުމާ އެއްގޮތަށް ތިލަފުށި ފަޅުން އެ އެބޯޓު ނެގުމަށް ކަމަށާއި އެއްވެސް ހާލަތެއްގައި އެބޯޓުގެ މިލްކުވެރިކަން އެހެން ފަރާތަކަށް ދިނުމަށް ނުވަތަ ވިއްކާލުމަކަށް ނުވަތަ ނައްތާލުމަކަށް ހުއްދަދީފައިނުވާނެ ކަމަށް.
5. ޖީއެމްއައިޒެޑުން، އެމްވީ ސީހޯމް ސެފަޔަރ ބޯޓު ތިލަފުށި ފަޅުން ނެގުމަށް (އެކްސްޕްރެޝަން އޮފް އިންޓްރެސްޓް) އިއުލާން ކޮށްފައިވަނީ 17 ފެބްރުއަރީ 2019 ވަނަ ދުވަހު ކަމަށާއި، އެބޯޓު ނެގުމަށް ހަވާލުކުރި، ޕާކަވަން ކުންފުންޏަކީ ވެސް ހަމަ އެތާރީހް ކަމަށްވާ 17 ފެބްރުއަރީ 2019 ގައި އުފެދުނު ކުންފުންޏެއްކަން. ޕާރކަވަންއަކީ ސީދާ މި މަސައްކަތް ކުރުމަށް، އަދި އެކަމުގެ މައުލޫމާތު ކުރިއާލައި ލިބިގެން އުފައްދި ކުންފުންޏެއް ކަމަށް ބެލުމުގެ ފުރުސަތު ބޮޑުކަން.
6. އެކްސްޕްރެޝަން އޮފް އިންޓްރެސްޓްގައި ބަޔާންކޮށްފައިވާ ކުންފުނީގެ ފާއިތުވި 3 އަހަރުގެ އޮޑިޓެޑް ފައިނޭޝަލް ރިޕޯޓްތައް ޕާރކަވަންގެ ފަރާތުން ހުށަހަޅާފައި ނުވާކަމާއި، އަދި ބިޑްތައް އިވެލުއޭޓް ކުރެވޭއިރު މާރކްސް ދޭންވާނީ ޕާރފޯމަންސް ގެރެންޓީއާއި، ތަޖުރިބާއާއި، އަދި މަސައްކަތްކުރުމަށް ހުށަހަޅާ ވަގުތަށް ބަލައިގެންކަމަށް ބަޔާންކޮށްފައިވާއިރު، 27 ފެބްރުއަރީ 2019 ގައި އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ހުށަހެޅިއިރު ޕާކަވަން އުފެދުނުތާ ވާނީ ޖުމްލަ 10 ދުވަސްކަމާއި، އެކުންފުނިން ހުށަހެޅި ޕްރޮޕޯޒަލްގައި 2004 ވަނަ އަހަރުން ފެށިގެން ސެލްވޭޖްކުރުމާއި ގުޅޭ މަސައްކަތްތައް ކުރަމުން އައިސްފައިވާ ކަމަށް ބަޔާންކޮށްފައިވާކަން. އެހެންކަމުން ޕާކަވަން އާ މި މަސައްކަތް ހަވާލުކުރުމުގައި ރަނގަޅަށް ބިޑް އެވެލުއޭޓް ކޮށްފައިނުވާކަން.
7. އެއްބަސްވުމުގައި މުއްދަތު ނިމޭއިރު، އެ ބޯޓު ތިލަފުއްޓާއި ގުޅިފަޅުގެ އޭރިއާއިން ނެރެންޖެހޭނެ ކަމަށް ބަޔާންކޮށްފައިވާއިރު، އެ ބޯޓު މިއަދާ ހަމައަށްވެސް އޮތީ، ތިލަފުށިން ބީއެމްސީ ސްލިޕްވޭ އެންޑް ސެލްވޭޖަށް ކުއްޔަށްދީފައިވާ ބިމެއްގައިކަމަށާއި، އަދި އެއްބަސްވުމާ އެއްގޮތަށް މަސައްކަތް ނުނިމެނީސް ޕާފޯމަންސް ގެރެންޓީގެ ގޮތުގައި މަސައްކަތް ހަވާލުކުރި ފަރާތުން ނަގާފައިވާ 1،500،000ރ (އެއްމިލިއަން ފަސްލައްކަ ރުފިޔާ) އަނބުރާ ޕާކަވަން އާ ހަވާލުކޮށްފައިވާކަން.
މީގެ 7 އަހަރުކުރިން ޖުލައި 30، 2012 ގައި ހުއްދަ ނުހޯދައި، ތިލަފުށި ފަޅުތެރޭގައި އެންކަރުކުރި ދަގަނޑު ބޯޓު "އެމްވީ ސީ ހޯމް ސެފަޔާ"ގެ ވެރިފަރާތެއް ނޭނގެއެވެ. ފިނޭންސް މިނިސްޓްރީން އެ ބޯޓު އެތަނުން ނަގަން ގްރޭޓަރ މާލޭ އިންޑަސްޓްރިއަލް ޒޯން ކުންފުންޏާ ޙަވާލުކުރީ ތިލަފުށި ފަޅުތެރޭގައި އެބޯޓު އޮތުމުން ތިމާވެއްޓަށް ގެއްލުން ވަމުންދާތީ އެވެ.
ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ޒޯނާއެކު ޕާކަވަން ކުންފުނިން އެއްބަސްވީ 30 ދުވަހުގެ ތެރޭގައި ފަޅުން ބޯޓު ނެގުމަށެވެ. ނަމަވެސް އެ މުއްދަތުގެ ތެރޭގައި އެ އެއްބަސްވުމާ އެއްގޮތަށް މަސައްކަތް ނުނިންމަ އެވެ. އަދި އެކަން އެގޮތަށް މެދުވެރިވީ ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ޒޯން، ކުންފުނިން އޮޅުވާލުމުން ކަމަށް ޕާކަވަން ކުންފުނިން ބުނެއެވެ.
އެސްއޯއީ ކޮމިޓީގައި އެމްޑީ އިބޫ ވިދާޅުވީ ވާހަކަތައް ފިނޭންސް މިނިސްޓްރީން ދޮގުކުރި
ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީއަށް ޖީއެމްއައިޒެޑްގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހިމް ރަޝީދު ހާޒިރުވެވަޑައިގެންނެވި ދުވަހު ވިދާޅުވީ، އެ ކުންފުނިން ތަންފީޒުކުރީ ކޯޓު އަމުރެއް ކަމަށެވެ. އަދި ކޯޓު އަމުރު ތަންފީޒުކުރުމުގެ ކުރިން އެކަމުގައި އޮޅުން ފިލުވަންޖެހޭ ހުރިހާ މައުލޫމާތުތައް ހޯދުމަށް ފިނޭންސް މިނިސްޓްރީއަށް ސިޓީގެ ޒަރިއްޔާރިން އެދިފައިވާނެ ކަމަށް ވިދާޅުވި އެވެ.
ނަމަވެސް، ފިނޭންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ފިރުޒުލް ވަނީ ޖީއެމްއައިޒެޑަށް ހުއްދަ ދިނީ ކޯޓު އަމުރުގައިވާ ގޮތުގެ މަތިން އެ ބޯޓު ފަޅުން ނެގުމަށް ކަމަށެވެ. އެގޮތުން ޖީއެމްއައިޒެޑުން އެދުނީ ވެސް ބޯޓު ފަޅުން ނެގުމަށް ހުއްދަ ދިނުމަށް ކަމަށާއި ފިނޭންސް މިނިސްޓްރީން ދޫކޮށްފައިވަނީ ވެސް އެ ހުއްދަ ކަމަށް ފިރުޒުލް ވިދާޅުވި އެވެ.
ފިރުޒުލްގެ ވާހަކަތަކާއި ގުޅިގެން އެސްއޯއީ ކޮމިޓީގައި އިބްރާހިމް ރަޝީދު ވިދާޅުވީ ބޯޓު "ތަސައްރަފު" ކުރަން ފިނޭންސުން ހުއްދަ ދިން ކަމަށެވެ. އަދި ތަަސައްރަފު ކުރުމުގެ މާނައަކީ ބޯޓު ނައްތާލުން ކަމަށް މާނަކުރީ ޖީއެމްއައިޒެޑްގެ ގާނޫނީ ވަކީލު ކަމަށް ވިދާޅުވި އެވެ.
މި ރިޕޯޓާއިމެދު މެމްބަރުން ހުށައަޅާ ހިޔާލަށް ފަހު، އަވަސް މުސްތަގުބަލެއްގެ ތެރޭގައި މަޖިލީހުގެ ތަޅުމުގައި ވޯޓަށް އެހޭނެ ކަމަށް ބެލެވެ އެވެ.