ކ. މާލެ
|
3 ޖޫން 2020 | ބުދަ 08:37
ނައިބު ރައީސް އެޗްޑީސީއަށް ޒިޔާރަތް ކުރައްވައި ކޮންސެޕްޓް ބައްލަވައިލެއްވުން
ނައިބު ރައީސް އެޗްޑީސީއަށް ޒިޔާރަތް ކުރައްވައި ކޮންސެޕްޓް ބައްލަވައިލެއްވުން
ރައީސް އޮފީސް
އެޗްޑިސީގެ ހައުސިން ޕްރޮޖެކްޓް
"ކޯލިވިންގ" ކޮންސެޕްޓުގެ މަސައްކަތްތައް ނައިބު ރައީސް ބައްލަވައިލައްވައިފި
 
މަސައްކަތްތައް ބާރު ސްޕީޑުގައި ކުރިޔަށް ގެންގޮސް ދެއްވުމަށް ނައިބު ރައީސް އެދިވަޑައިގެންނެވި
 
މަސައްކަތްތައް ނިމެމުންދާ ވަރަކުން އެޗްޑީސީން މި ޕްރޮޖެކްޓުގެ އިތުރު ތަފްޞީލުތައް ހާމަކުރާނެ
 
ކޮންސެޕްޓްގެ ބޭނުމަކީ ބޮޑު އަގުގައި ތަންތަން ކުއްޔަށް ހިފައިގެން ތިބެންޖެހޭ ތިބުމަށް ލުޔެއް ހޯދައިދިނުން

އެޗްޑީސީން އެކުލަވާލައިފައިވާ، "ކޯ ލިވިންގ" ނުވަތަ "ޝެއާރިންގ އެކޮމަޑޭޝަން" ކޮންސެޕްޓުގެ މަސައްކަތްތައް ނައިބު ރައީސް ފައިސަލް ނަސީމް ބައްލަވައިލައްވައިފިއެވެ.

"ކޯ ލިވިން" ކޮންސެޕްޓުގެ މައިގަނޑު ބޭނުމަކީ ވަޒީފާ އަދާކުރުމަށް މާލެ ސަރަޙައްދުގައި ދިރިއުޅޭ މެދުފަންތީގެ އާމްދަނީއެއް ލިބޭ މީހުންނާއި މަތީ ތަޢުލީމަށް ކިޔެވުންފަދަ ވަގުތީ ބޭނުންތަކުގައި މާލެ ސަރަޙައްދުގައި ދިރިއުޅޭ ކިޔަވާކުދިންނަށް ބޮޑު އަގުގައި ތަންތަން ކުއްޔަށް ހިފައިގެން ތިބެންޖެހޭ ތިބުމަށް ލުޔެއް ހޯދައިދިނުމެވެ. އެގޮތުން މިހާރު މިފަދަ ފަރާތްތަކަށް ލިބޭ އާމްދަނީގެ ބޮޑުބައެއް ކުލީގެ ގޮތުގައި ދައްކަންޖެހޭ ޖެހުމަށް މީގެ ސަބަބުން ވަރަށްބޮޑު ލުޔެއްލިބި، ކުރަންޖެހޭ ޚަރަދުތައް ކުޑަވެގެންދާނެއެވެ.

ކުލި ދައްކާގޮތަށް ދޫކުރާ މި ތަންތަނުގައި އެކަކު އެކަނި އެކޮމަޑޭޝަން، ދެމީހަކު ޙިއްޞާވާ އެކޮމަޑޭޝަން އަދި ދެ މީހުންނަށްވުރެ ގިނަ މީހުން ޙިއްޞާވާ އެކޮމަޑޭޝަން މި ކޮންސެޕްޓުގެ ދަށުން ހިމެނެއެވެ. "ކޯ ލިވިންގ"ގެ ކޮންސެޕްޓުގެ ދަށުން ކުރަމުންދާ މަސައްކަތްތައް ނިމެމުންދާ ވަރަކުން އެޗްޑީސީން މި ޕްރޮޖެކްޓުގެ އިތުރު ތަފްޞީލުތައް ހާމަކުރާނެއެވެ.

ނައިބު ރައީސް އެޗްޑީސީއަށް ކުރެއްވި މި ޒިޔާރަތުގައި އެތަނުގެ އިސްވެރިންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި، "ކޯ ލިވިން" ކޮންސެޕްޓުގެ މަސައްކަތްތައް ބާރު ސްޕީޑުގައި ކުރިޔަށް ގެންގޮސް ދެއްވުމަށް އެދިވަޑައިގެންނެވިއެވެ. މީގެ އިތުރުން ކޯވިޑް-19ގެ ބަލިމަޑުކަމުން އަރައިގަތުމަށް ކުރެވޭ އެކިއެކި މަސައްކަތްތަކުގައި ވެސް އެޗްޑީސީގެ ވެރިންނާއި މުވައްޒަފުން ކުރަމުންގެންދާ ބުރަ މަސައްކަތް ފާހަގަކުރައްވައި އެތަނުގެ ވެރިންނާއި މުވައްޒަފުންނަށް ނައިބު ރައީސް ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މި ޒިޔާރަތުގައި މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމާއި މިނިސްޓަރ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް އާމިނަތު ޢާޠިފާގެ އިތުރުން އެޗްޑީސީގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
100%
0%
0%
0%
0%
ކޮމެންޓް