ކޮރޯނާވައިރަސް (ކޮވިޑް-19) އާ ހަނގުރާމަ ކުރީ މަރާ ކުރިމަތިލުމުގެ ބިރާއެކު ކަމަށް އެޓަލާންޓާގެ ކޯޗު ޖިއަން ޕިއޭރޯ ގެސްޕަރީނީ ބުނެފި އެވެ.
ކޮވިޑް-19ށް އެޓަލާންޓާގެ ކޯޗު ޖިއަން ޕިއޭރޯ ގެސްޕަރީނީ ޕޮޒިޓިވްވީ މާޗު މަހުގެ ކުރީކޮޅުއެވެ. އެގޮތުން މާޗު މަހުގެ 11 ވަނަ ދުވަހު ޔުއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ގެ ދެވަނަ ބުރުގައި ރަށުން ބޭރުގައި އެޓަލާންޓާ އިން ވެލެންސިއާއާ ދެކޮޅަށް ކުޅުނު މެޗުގެ ކުރިން ވައިރަހުގެ އަސަރު އޭނާ އަށް ކުރި ކަމަށް ވަނީ ބުނެފައެވެ.
އަދި އެ މެޗަށްފަހު ވެލެންސިއާ ސްކޮޑުގެ 35 އިންސައްތަ ކުޅުންތެރިން ވަނީ ކޮވިޑް-19ށް ޕޮޒިޓިވް ވެފައެވެ. އެހެންކަމުން ވެލެންސިއާ އިން ވަނީ ވައިރަހުގެ އަސަރު ހުރެ ގެސްޕަރީނީ އެ ދުވަހު މެޗަށް ދިޔަކަން ހާމަކުރުމުން، ނުރުހުން ފާޅު ކޮށްފައެވެ.
ކޮވިޑް-19ން ގެސްޕަރީނީ މިހާރު ރަނގަޅުވެފައިވާއިރު، ދާދި ފަހުން އޭނާ ވަނީ މީޑިއާގައި އޭނާގެ ތަޖުރިބާ ހިއްސާ ކޮށްފައެވެ. ގެސްޕަރީނީ ބުނީ ކޮވިޑް-19 ގެ ސަބަބުން އޭނާ އަށް ވަރަށް ބޮޑަށް އަސަރުކުރި ކަމަށެވެ. އޭނާ ބުނީ ކޮވިޑް-19ށް ޕޮޒިޓިވްވި ނަމަވެސް، ހޮސްޕިޓަލުގައި ފަރުވާ ދީފައިނުވާ ކަމަށެވެ. އެކަމަކު ގޭގައި އޮތްއިރު، ކޮންމެ ދެ މިނެޓަކުން އެމްބިއުލަންސެއް ދަތުރުކުރާ އަޑު އިވޭ ކަމަށެވެ. އަދި އެ އަޑުތައް އިވެ، މިއީ ބޮޑު ހަނގުރާމައެއްހެން ހީވި ކަމަށާއި، މަރާ ކުރިމަތިލާން ޖެހިދާނެ ކލަމުގެ ބިރު އޭނާ އަށް ހީވި ކަމަށްވެސް ބުންޏެވެ.
ކޮވިޑް-19ށް ގެސްޕަރީނީ ޕޮޒިޓިވްވި ނަމަވެސް، އެޓަލާންޓާގެ ކުޅުންތެރިއަކު މި ވައިރަހަށް ޕޮޒިޓިވް ވެފައެއް ނުވެއެވެ.
ކޮވިޑް-19 އާ ގުޅިގެން މާޗު މަހު އިޓާލިއަން ލީގު މެދުކަނޑާލިއިރު، އިޓަލީގެ ސަރުކާރުގެ ހުއްދަ އާއެކު އިޓާލިއަން ލީގު ޖޫން މަހުގެ 20 ވަނަ ދުވަހު ފަށަން މިހާރު ވަނީ ނިންމާފައެވެ. އަދި އޮގަސްޓް މަހުގެ 20 ވަނަ ދުވަހުގެ ކުރިން އިޓާލިއަން ލީގު ނިންމަންވެސް ވަނީ ކަނޑައަޅާފައެވެ.