ކ. މާލެ
|
1 ޖޫން 2020 | ހޯމަ 01:39
މަސްޖިދުލް ހަރާމުގައި ކުރެވުނު ތަރާވީހު ނަމާދުގެ ތެރެއިން
މަސްޖިދުލް ހަރާމުގައި ކުރެވުނު ތަރާވީހު ނަމާދުގެ ތެރެއިން
ސައުދީ ގެޒެޓް
ކޮވިޑް19: ޖަމާޢަތުގައި ސަފު ހަދާނެ ގޮތް
ކޮރޯނާ ހާލަތުގައި ޖަމާޢަތުގައި ނަމާދުކުރާއިރު ސަފު ހަދާނީ ކިހިނެއް؟
ޖަމާޢަތުގައި ނަމާދު ކުރާއިރު ސަަފު ހެދުމަކީ ނަމާދުގެ އެންމެ މުހިއްމު ޢަމަލު

ނަމާދަކީ ދީނުގެ އެންމެ މުހިންމު ފަރުޟެވެ. ދީނުގެ މައިތަނބެވެ. ނަމާދަކީ އަޅުކަމަކަށް ވާއިރު ނަމާދުގެ އެންމެހައި ކަންކަން ހުންނަންވާނީ ކީރިތި ރަސޫލާގެ އަރިހުން ސާބިތުވެފައިވާ ގޮތަަށެވެ. މިގޮތުން ނަމާދު ކުރާނެގޮތާއި ނަމާދު ޞައްޙަ ވުމުގެ ޝަރުޠާއި ނަމާދުގެ ފަރުޟުތައް ވަނީ ކަނޑައެޅި ބަޔާންވެގެންނެވެ.

ނަމާދުގައި ހިމެނޭ ބައިތަކަކީ ޝަރުޠުތަކާއި ފަރުޟުތަކާއި އަބްޢާޟު ސުއްނަތްތަކާއި ހައިއާތު ސުންނަތްތަކެވެ. ފަރުޟެއް ނުވަތަ ޝަރުޠެއް އެޅުމަކީ ނަމާދު ޞައްޙަވާނެ ކަމެއް ނޫނެވެ. އެހެނަސް ސުއްނަތެއް އެޅުމަކީ އޭގެ ފުރިހަމަކަން ގެއްލިގެންދާނޭ ކަމެކެވެ.

ޖަމާޢަތުގައި ނަމާދުކުރާއިރު ސަަފުހެދުމަކީ ނަމާދުގެ އެންމެ މުހިއްމު ޢަމަލެވެ. ނަމަވެސް އެއީއަކީ ނަމާދުގެ ޝަރުޠެއް ނުވަތަ ރުކުރެއް ނޫނެވެ. އެއީ ޖަމާޢަތާ ގުޅިފައިވާ ސުއްނަތްތަކުގެ ތެރެއިން ސުންނަތެކެވެ. އެކަން ފުރިހަމަ ގޮތުގައި ނުކުރެވޭނަމަ ނަމާދުގެ ރޫޙު ގެއްލިދާނެއެވެ. އޭގެ މަޤްޞަދު ނެތިދާނެއެވެ. އެތަކެއް މުޙައްދިޘުން ރިވާކުރަށްވާފައިިވާ ރިވާޔަތެއްގައިވެއެވެ. ކީރިތި ރަސޫލާ ޙަދީޘު ކުރެއްވިއެވެ. [اعْدِلُوا سَوُّوا صُفُوفَكُمْ- وَتَرَاصُّوا] މާނައީ: ސަފު ސީދާ ކުރާށެވެ. ހަމަހަމަވާށެވެ. ކައިރިކައިރީގައި ތިބޭށެވެ. އަދިވެސް ޙަދީޘު ކުރަށްވާފައި ވެއެވެ. [سَوُّوا صُفُوفَكُمْ فَإِنَّ تَسْوِيَةَ الصُّفُوفِ مِنْ تَمَامِ الصَّلَاةِ] މާނައީ: ސަފު ސީދާ ކުރާށެވެ. މިހެނީ ސަފު ސީދާ ކުރުމަކީ ނަމާދު ފުރިހަމަވުމުގެ ތެރެއިންވާ ކަމެކެވެ.

ސަފު ސީދާ ކުރުމުގެ ޙުކުމް:

ޖަމާޢަތުގައި ސަފު ސީދާ ކުރުމާއި ކައިރިކައިރީގައި ތިބުމުގެ ޙުކުމަށް ބަލާއިރު ދަލީލުގެ ބޭރުފުށަށް ބައްލަވާ ބައެއް ޢިލްމުވެރިންނާއި ފަހުގެ ބައެއްޙަންބަލީ ޢިލްމުވެރިން ފިޔަވައި ދީނުގެ އެންމެހައި ޢިލްމުވެެރިން ވިދާޅުވަނީ އެއީ ގަދަވެގެންވާ ސުންނަތެއް ކަމަށެވެ. އިމާމު އިބްނި ޙަޒްމު ވިދާޅުވަނީ އެއީ ވާޖިބެއް ކަމަށެވެ. އިބްނި ޙަޒްމުގެ ބަސްފުޅު އިމާމު އިބްނި ޙަޖަރު މިފަދައިން ނަގުލު ކުރަށްވާފައި ވެއެވެ. [وَاسْتَدَلَّ ابْنُ حَزْمٍ بِقَوْلِهِ [إِقَامَةَ الصَّلَاةِ] عَلَى وُجُوبِ تَسْوِيَةِ الصُّفُوفِ قَالَ لِأَنَّ إِقَامَةَ الصَّلَاةِ وَاجِبَةٌ وَكُلُّ شَيْءٍ مِنَ الْوَاجِبِ وَاجِبٌ] މާނައީ: ސަފުސީދާކުރުމަކީ ވާޖިބެއްކަމުގައި އިބްނިޙަޒްމު ދަލީލު ނަންގަވަނީ ޙަދީޘުފުޅުގައި އައިސްފައިވާ [إِقَامَةَ الصَّلَاةِ ] މިބަސްފުޅުންނެވެ. ދެން އެކަލޭގެފާނު ވިދާޅުވަނީ ނަމާދު ޤާއިމު ކުރުމަކީ ވާޖިބެއް ކަމަށާއި ވާޖިބުކަމެއް އަދާކުރަން ބޭނުންވާ ކޮންމެ ކަމެއް ވާޖިބުވާނެ ކަމަށެވެ. ދެން އިބްނި ޙަޖަރު ވިދާޅުވަނީ [وَأَفْرَطَ ابْنُ حَزْمٍ فَجَزَمَ بِالْبُطْلَانِ، وَنَازَعَ مَنِ ادَّعَى الْإِجْمَاعَ عَلَى عَدَمِ الْوُجُوبِ] މާނައީ: އިބްނި ޙަޒްމު މިމައްސަލާގައި ވަނީ ހައްދު ފަހަނަޅުއްވާފައެވެ. އެކަލޭގެފާނުންގެ އަރިހުގައި އެކަމަކީ ނަމާދު ބާޠިލްވެދާނޭ ކަމެކެވެ.

ސަފު ސީދާ ކުރުމަކީ ވާޖިބެއް ކަމުގައި ވިދާޅުވާ ބޭކަލުން އަނަސްގެފާނުންގެ އަންނަނިވި ޙަދީޘުން ވެސް ދަލީލު ނަންގަވައެވެ. [أَنَّهُ قَدِمَ الْمَدِينَةَ فَقِيلَ لَهُ مَا أَنْكَرْتَ مِنَّا مُنْذُ يَوْمِ عَهِدْتَ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ مَا أَنْكَرْتُ شَيْئًا إِلَّا أَنَّكُمْ لَا تُقِيمُونَ الصُّفُوفَ] މާނައީ: އެއްފަހަރަކު އަނަސްގެފާނު މަދީނާއަށް ވަޑައިގަތެވެ. ނަމާދުކޮށް ނިމިގެން މީިހަކު ދަންނަވައިފިިއެވެ. ކީރިތި ރަސޫލާ ގެ ދުވަސްވަރުން ފެށިގެން ކަލޭގެފާނަށް ފެނިވަޑައިގެންފައިވާ ކަންތައްތަކުގެ ތެރެއިން ތިމަންމެންގެ ކިބައިން މިއަދު ކަލޭގެފާނު ހިތްޕުޅާ ހަމަނުކުރަށްވާ ކަމެއް އެބައޮތްތޯއެވެ؟ އެހިނދު އަނަސްގެފާނު ވިދާޅުވިއެވެ. ތިމަންކަލޭގެފާނު ހިތްޕުޅު ހަމަނުޖެހެނީ އެންމެ ކަމެކެވެ. އެއީ ތިޔަބައިމީހުން ސަފު ފުރިހަމަ ނުކުރުމެވެ. މިޙަދީޘު އިމާމު ބުޚާރީ ރިވާކުރެއްވިއިރު ސުރުޚީއަކަަށް ޖައްސަވާފައި ވަނީ، [بَاب إِثْمِ مَنْ لَمْ يُتِمَّ الصُّفُوفَ]މިފަދައިިންނެވެ. (މާނައީ: ސަފުތައް ފުރިހަމަ ނުވުމުގެ ފާފައިގެ ވާހަކަ ބަޔާންވެގެންވާ ބާބެވެ.) މިތާގައި އިމާމު ބުޚާރީއަށް ރައްދު ދެއްވަމުން އިބްނި ބައްޠާލާއި އިމާމު އިބްނި ރުޝައިދު އަލްފިހްރީ އައްސަބްތީ ވިދާޅުވެފައި ވަނީ އަނަސްގެފާނުންގެ ބަސްފުޅަކުން އެއީ ފާފަވެރިވާ ކަމެއްކަމަށް ސާބިތު ނުވާކަމަށާއި އެއީ ވާޖިބު ކަމެއްކަން ވެސް ދޭހަނުވާ ކަމަށެވެ. މިހެނީ ކީރިތި ރަސޫލާގެ ދުވަސްވަރު ސަފު ހެދުމުގައި އޮތް ފުރިހަމަކަން ނެތުމުން އަނަސްގެފާނު އެކަމާ ކަންބޮޑުވެ ވަޑައިގަތީއެވެ. ދެން އިބްނި ޙަޖަރު ވިދާޅުވަނީ ފަހަރެއްގައި އިމާމު ބުޚާރީ ފާފައިގެ މުރާދު ނެންގެވީ ޢާއްމު ޙަދީޘުތަކުގައި އައިސްފައި ހުރި އަމުރުތަކުގެ ސަބަބުން ކަމަށް ވެދާނެ ކަމަށެވެ.

އިމާމު އިބްނި ޙަޖަރު ވިދާޅުވަނީ [وَعَلَى هَذَا فَهُوَ وَاجِبٌ وَالتَّفْرِيطُ فِيهِ حَرَامٌ] ތަފާތު ޙަދީޘުތަކަށް ބަލާއިރު މިއުޞޫލުގެ ދަށުން ބުނެވޭނީ މިއީ ވާޖިބު ކަމެއް ކަމަށާއި އެހެނަސް ސަފު ހެދުމުން ހައްދުން ނެއްޓުމަކީ ޙަރާމް ކަމެއް ކަމަށެވެ. ޢައްލާމާ ޝައުކާނީ ވިދާޅުވަނީ މާތް ﷲ ރުއްސުންލެއްވި ޢުމަރުގެފާނާއި ބިލާލުގެފާނާއި ދެބޭކަލުންގެ އަރިހުގައި ސަފު ސީދާކުރުމީ ވާޖިބެއް ކަމަށެވެ. ދެން އެދެބޭކަލުންގެ އަރިހުން ޝައުކާނީ ދަލީލަކަށް ބައްލަވަނީ އެދެބޭކަލުންގެ އަރިހުން ޞައްޙަ މަގުން އެދެބޭކަލުންގެ ޢަމަލުފުޅުންނެވެ. އެއީ އެދެބޭކަލުން މީސްމީހުންގެ ފައިގައި ޖައްސަވާފައި ސަފު ސީދާ ކުރުއްވާތީއެވެ. މިވާހަކަ އިބްނި ޙަޖަރުވެސް ނަގުލު ކުރަށްވާފައި ވެއެވެ. ޝައުކާނީގެ މިބަސްފުޅާމެދު އަޅުގަނޑު ދަންނަވާނީ އެއީ އެދެބޭކަލުން ސުއްނަތް ދިރުވުމަށް ކުރެއްވި މަސައްކަތެއް ކަމާއި އެޢަމަލުފުޅަކުން އެއީ ވާޖިބެއްކަމެއް ކަމަކަށް ސާބިތުނުވާ ކަމަށެވެ.

ވާޖިބު ކަމެއް ނޫންކަމަށް ބުރަވެ ވަޑައިގަންނަވާ ބޭކަލުން ވިދާޅުވަނީ އެއީ ވާޖިބު ކަމެއް ނޫންކަމާމެދު ދަންނަބޭކަލުންގެ އިޖްމާޢު ސާބިތުވާ ކަމަށެވެ. މިބަސްފުޅު ގެންނެވުމަށްފަހު އިބްނި ޙަޖަރު ވިދާޅުވެފައި ވެއެވެ. [وَتَمَسَّكَ ابْنُ بَطَّالٍ بِظَاهِرِ لَفْظِ حَدِيثِ أَبِيَ هُرَيْرَةَ مِنْ تَمَامِ الصَّلَاةِ فَاسْتَدَلَّ بِهِ عَلَى أَنَّ التَّسْوِيَةَ سُنَّةٌ قَالَ لِأَنَّ حُسْنَ الشَّيْءِ زِيَادَةٌ عَلَى تَمَامِهِ] މާނައީ: އިމާމު އިބްނި ބައްޠާލް ހިއްޕަވަނީ އަބޫ ހުރައިރާގެ ރިވާޔަތުގައި އޮތް ޙަދީޘުގެ ލަފުޒީ މާނައަށެވެ. އެހެންކަމުން ސަފު ސީދާކުރުމީ އެކަލޭގެފާނުން ވިދާޅުވާގޮތުގައި ސުއްނަތެކެވެ. އަދިވެސް އެކަލޭގެފާނު ވިދާޅުވެފައި ވެއެވެ. ]مِنْ تَمَامِ الصَّلَاةِ[ ގެ މާނައަކީ ނަމާދު ރީތިކުރުން ކަމަށާއި އެއްޗެއް ރީތި ކުރުމަކީ އެއެއްޗެއް އިތުރަށް ފުރިހަމަ ވުންކަމަށެވެ. އިމާމު އިބްނި ދަޤީޤް އަލްޢީދު ވިދާޅުވެފައި ވެއެވެ. [قَدْ يُؤْخَذُ مِنْ قَوْلِهِ " تَمَامِ الصَّلَاةِ ] الِاسْتِحْبَابُ؛ لِأَنَّ تَمَامَ الشَّيْءِ فِي الْعُرْفِ أَمْرٌ زَائِدٌ عَلَى حَقِيقَتِهِ] މާނައީ: ނަމާދު ފުރިހަމަ ވުމުގެ އަނެއް މާނައަކީ އެކަން މުސްތަޙައްބު ވުމެވެ. މިހެނީ ފުރިހަަމަ ވުމަށް ބެލެވޭނީ (ޢުރުފުގައި) ޢާއްމު މީހުން އެބަސް ބޭނުންކުރާ ގޮތަކަށެވެ. މިހެނީ އެއްޗެއްގެ އަޞްލަށް ކަމެއް އިތުރުވުމެވެ. މާތް ﷲ ރަޙްމަތްލެއްވި ޤަތާދާގެ އަރިހުން ޞައްޙަ މަގުން ޢައްލާމާ ޝަމްސުލް ޙައްޤު ނަގުލު ކުރަށްވާފައި ވެއެވެ. [عَنْ قَتَادَةَ وَقَالَ إِنَّ مِنْ حُسْنِ الصَّلَاةِ إِقَامَةَ الصَّفِّ] މާނައީ: ނަމާދުގެ ރީތިކަމުގެ ތެރެއިން ހިމެނޭ އެއްކަމަކީ ސަފުސީދާކޮށް ފުރިހަމަކުުރުމެވެ. ޢައްލާމާ ޝަމުޝުލް ޙައްޤު ޢައުނުލް މަޢުބޫދުގެ 1/303 ގައި ވިދާޅުވެފައި ވެއެވެ. [وَكَانَتْ تَسْوِيَةُ الصُّفُوفِ سُنَّةً مَعْهُودَةً عِنْدَ الصَّحَابَةِ رَضِيَ اللَّهُ عَنْهُمْ] މާނައީ: ނަމާދުގައި ސަފު ސީދާކުރުމަކީ މާތް ﷲ އެބޭކަލުންނަށް ރުއްސުންލެއްވި އެންމެހައި އަޞްޙާބު ބޭކަލުން ޢަމަލުކުރަށްވަމުން އައި ސުންނަތެކެވެ.

ނަމާދު ކުރުމުގައިި ދެއްވާފައިވާ ލުއިފަސޭހަ ގޮތްތައް:

ކުރުކޮށް ބުނާނަމަ އަޅުގަނޑު ދަންނަވާނީ ޖަމާޢަތުގައި ނަމާދު ކުރާއިރު ސަފު ހެދުމާއި ސަފު ސީދާ ކުރުމާއި ގާތްގާތުގައި ޖެހިޖެހިގެން ތިބުމާއި މިކަންކަމަކީ ނަމާދު ފުރިހަމަވުމަށާއި ނަމާދު މަކްރޫހަވުމެއްނެތި އެންމެ ފުރިހަމަގޮތުގައި ނަމާދުއަދާކުރެވޭނެޢަމަލު ކަމެވެ. އެއަކާ އެއްވެސްބޭކަަލަކު ޚިލާފުވެ ވަޑައި ނުގަންނަވައެވެ. ޚިލާފު އޮތީ ހަމައެކަނި ޙުކުމާމެދުގައެވެ. އެހެނަސް މިކަމަކީ ދީނުގެ ބައެއް ބޭކަލުން ވާޖިބުކަމެއް ކަމުގައި ވިދާޅުވިއަސް ދީނުގެ ގިނަ ޢިލްމުވެރިން ވިދާޅުވަނީ ސުންނަތެއް ކަމުގައެވެ. މިކަމާ ބެހޭ ބައެއް ދަލީލުތައް ކުރީގައި އަޅުގަނޑު ބަޔާންކޮށްފީމެވެ.

ނަމާދު ކުރާއިރު ނަމާދު ކުރުމަށް ދީނުގައި އަންގަވާފައި ވަނީ ތިމާއަށް ކުޅަދާނަވީ ގޮަތަކަށެވެ. ވުޟޫ ނުކުރެވޭ ޙާލަތުގައި ވުޟޫ ނުކޮށް ނަމާދު ކުރަންޖެހެެއެވެ. ޤިބުލައަށް ނީދެވޭ ޙާލަތުގައި ކޮންމެ ފަރާތަކަށް ހުރެވެސް ނަމާދު ކުރަންވީއެވެ. ކޮޅަށް ނުހުރެވޭނަމަ ތިމާއަށް ފަސޭހަވީ ގޮތަކަށް އިނދެ ނަމާދު ކުރަންވީއެވެ. ސަޖިދައާއި ރުކޫޢު ކުރަން ދަތިވާނަމަ އެކަންވެސް ފަސޭހަަ ގޮތަކަށް ލުއިކޮށްލެވެއެވެ. ވަކި ޙާލަތެއްގައި ފަރުޟު ހަތަރު ރަކްޢަތުގެ ބަދަލުގައި ދެރަކްޢަތް ކުރެވިދާނެއެވެ. ހަމައެފަދަ ޙާލަތްތަކުގައި ކަނޑައެޅިފައިވާ ވަގުތު އިސްފަސްކޮށް އެއްވަގުތަކު ދެނަމާދު ކުރުމީވެސް ދީނުގައި ދީފައިވާ ލުޔެކެވެ. ހަނގުރާމަ މަތީގައި ވަނީ ވަރަށް ބޮޑެތި ލުއިތަކެއް ދެއްވާފަައެވެ. ކުރުކޮށް ދަންނަވާނަމަ ޢުޛުރުވެރިޔާއަށް ތިމާގެ ހިތުގެ ވިންދުންވެސް ނަމާދު ކުރެވިދާނެއެވެ. ލޮލުގެ ކަޅިންވެސް ނަމާދު ކުރެވިދާނެއެވެ. މިހުރިހާ ޙާލަތްތަކަކީ އޭރަކު ދިމާވާ ޢުޛުރަކާ ގުޅިގެން ޢުޛުރުތަކަށް ދީނުގައި ދެއްވާފައިވާ ލުއިތަކެވެ.

ނަމާދު ބާޠިލް ނުވާނެ، އެހެނަސް ސުންނަތާ ޚިލާފަށް ކުރެވޭތީ ނަމާދު މަކްރޫހަވާނޭ މިސާލުތައް:

ނަމާދުގައި ސަފު ހަދާއިރު ސަފު ސީދާ ކުރުމާއި ގާތްގާތުގައި ތިބުމަކީ އިންތިހާއަށް މުހިއްމު ކަމެކެވެ. ނަމަވެސް އެއީ ނަމާދުގެ ޝަރުޠެއް ނޫނެވެ. އަދި ފަރުޟެއް ވެސް ނޫނެވެ. އަދި ޖަމާޢަތުގެ ޝަރުޠުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ވެސް ނޫނެވެ. ނަމާދަށް ދުވެފައި އައިސް ސަފަށް ނުވަދެ ހަށަން ބަދެގެން އައިސް ސަފަށް ވަން މީހާއަށްވެސް ކީރިތި ރަސޫލާ ޙަދީޘުކުރެއްވީ ދެވަނަ ފަހަރަށް އެކަން ތަކްރާރު ނުކުރުމަށެވެ. ޢަބްދުﷲ އިބްނި ޢައްބާސް އިތުރު އެކަލޭފާނުންގެ އަރިހުގައި ވާތްޕުޅު ފަރާތުގައި ހުއްޓިވަޑައިގަތުުމުން ކަނާތްޕުޅު ފަރާތަށް ގެންދެވީއެވެ. އަނަސްގެފާނު ވާތްޕުޅު ފަރާތުގައި ހުއްޓި ވަޑައިގަތުމުން ވެސް އަތްޕުޅުގައި ހިއްޕަވާފައި ކަނާތްޕުޅު ފަރާތަށް ގެންދެވީއެވެ. އަދި ޖާބިރުގެފާނާއި ޖައްބާރު އިބްނި ޞަޚްރާ ދެބޭކަލުން ދެއަތުގައި ހިއްޕަވާފައި ފަހަަތަށް ފޮނުއްވިއެވެ. މިއިން އެއްވެސް ޙާދިޘާއެއްގައި ނަމާދު އަލުން ކުރާކަށް ކީރިތި ރަސޫލާ ނާންގަވައެވެ. އެއީ ސަފު ރަނގަޅު ނުވުމުން ނަމާދު ބާޠިލު ނުވާތީއެވެ.

އެހެންކަމުން އިމާމު ނަވަވީ ވިދާޅުވަނީ [فَإِنْ اسْتَمَرَّ عَلَى الْيَسَارِ أَوْ خَلْفَهُ كُرِهَ وَصَحَّتْ صَلَاتُهُ عِنْدَنَا بِالِاتِّفَاقِ] (މާނައީ: މިގޮތުން އިމާމު މީހާގެ ވާތްފަރާތުގައި ނުވަތަ އެކަނި ފަހަތުގައި ހުއްޓި ހުރި ކަމުގައި ވިއަސް އޭނާގެ ނަމާދު ތިމަންމެން އިމާމުންގެ އިއްތިފާޤުން މަކްރޫހަ ކަމާއެކު ޞައްޙަވާނެއެވެ.) އަދިވެސް ނަވަވީ ވިދާޅުވެފައި ވެއެވެ. [إذَا صَلَّى الرَّجُلُ وَبِجَنْبِهِ امْرَأَةٌ لَمْ تَبْطُلْ طلاته وَلَا صَلَاتُهَا سَوَاءٌ كَانَ إمَامًا أَوْ مَأْمُومًا هذا مذهبا وَبِهِ قَالَ مَالِكٌ وَالْأَكْثَرُونَ](މާނައީ: މިސާލަކަށް ފިރިހެނެއްގެ ކައިރީގައި އަންހެނަކު ކޮޅަށް ހުރުމަކުން އެދެމީހުން ކުރެން މީހެއްގެ ނަމާދުވެސް ބާޠިލް ނުވާނެއެވެ. އަދި އެމީިހާ އިމާމަކަށް ނުވަތަ މައުމޫމަކަށް ހުއްޓަސް ވިއަސް ވެހެވެ. މިއީ ތިމަންމެންގެ މަޛްހަބާއި މާލިކުގެފާނާއި ގިނަ ދަންނަބޭކަލުންގެ މަޛްހަބެވެ.) އިމާމު ޝާފިޢީ އަލްއުއްމުގައި މިފަދައިން ވިދާޅުވެެފައި ވެއެވެ. [قَالَ الشَّافِعِيُّ رَحِمَهُ اللَّهُ فِي الْأُمِّ لَوْ وَقَفَ الْمَأْمُومُ عَنْ يَسَارِ الْإِمَامِ أَوْ خَلْفَهُ كَرِهْتُ ذَلِكَ لَهُمَا وَلَا إعَادَةَ قَالَ وَلَوْ أَمَّ اثْنَيْنِ فَوَقَفَا عَنْ يَمِينِهِ أَوْ يَسَارِهِ أَوْ أَحَدُهُمَا عَنْ يَمِينِهِ وَالْآخَرُ عَنْ يَسَارِهِ أَوْ أَحَدُهُمَا بِجَنْبِهِ وَالْآخَرُ خَلْفَهُ أَوْ أَحَدُهُمَا خَلْفَهُ وَالْآخَرُ خَلْفَ الْأَوَّلِ كَرِهْتُ ذَلِكَ وَلَا إعَادَةَ وَلَا سُجُودَ سَهْوٍ] (މާނައީ: މިސާލަކަށް މައުމޫމު އިމާމާގެ ވާތްފަރާތުގައި ނުވަތަ އެކަނި ފަހަތުގައި ހުއްޓިހުރެއްޖެނަމަ މިއީ ތިމަން ކަލޭގެފާނުންގެ އަރިހުގައި މަކްރޫހަ ކަމެކެވެ. އެނަމާދު އިޢާދަކުރާކަށް ނުޖެހޭނެއެވެ. ހަަމައެހެންމެ ދެމީހަކު އައިސް އިމާމާގެ ކަނާތްފަރާތުގައި ނުވަތަ ވާތްފަރާތުގައި ނުވަތަ ދެމީހުން ދެފަރާތުގައި ނުވަތަ އެކަކު އިމާމާގެ އެއްފަރާތުގައި އަނެއްމީހާ އިމާމާގެ ފަހަތުގައި ނުވަތަ އެކަކު އިމާމާގެ ފަހަތުގައި އަނެއްމީހާ އެމީިހާގެ ފަހަތުގައި ހުއްޓިހުރުމާއި މިއެންމެހައި ގޮތްތަކަކީ ތިމަން ކަލޭގެފާނުންގެ އަރިހުގައި މަކްރޫހަވާނޭ ކަންކަމެވެ. ނަމާދު އިޢާދަ ކުރަކަށް ނުޖެހޭނެއެވެ. އަދި ކުށު ސަޖިދަ ކުރާކަށް ވެސް ނުޖެހޭނެއެވެ.)

ކޮރޯނާގެ ޢުޛުރާހުރެ ގައިދުރުކޮށް ނަމާދު ކުރުމުގެ ޙުކުމް:

މިހާރަކަށް އައިސް މަތީގައި ބަޔާންވެދިޔަ ސުންނަތާ ޚިލާފަށް ދުނިޔޭގެ ވަރަށް ގިނަ ޤައުމުތަކުގައި ތިންފޫޓު ދުރުގައި ތިބެގެން ސަފު ހަދައިގެން ވަކި ޤަވާޢިދުތަކެއްގެ ދަށުން ނަމާދު ކުރަމުން އެބަދެއެވެ. މިޞްރާއި އިންޑޯނޭޝިޔާއާއި މެލޭޝިޔާއާއި ތުރުކީއާއި ސަޢޫދީ ޢަރަބިޔާއާއި ގަލްފުގެ އެހެނިހެން ޤައުމުތަކާއި ޕާކިސްތާނާއި ޢިރާާޤާއި އީރާނާއި މޮރޯކޯއާއި ޓިއުނޭޝިޔާއާއި އަލްޖޭރިޔާއާއި އެނޫންވެސް ޤައުމުތަކުގައެވެ. އަލްމަސްޖިދުލް ޙަރަމާއި މަސްޖިދުއް ނަބަވީގައި ވެސް މެއެވެ. މިހުރިހާ ތަނެއްގައި ވެސް ސަފު ހަދަމުންދަނީ މިބުނެވިދިޔަ ގޮތަށް ކޮރޯނާއިން ސަލާމަތްވުގައި ބެލެވޭ މިންގަނޑަށެވެ. ސަޢޫދީ ޢަރަބިޔާގެ ހުރިހާ މިސްކިތްތަކަށް މިއުޞޫލުގެ ދަށުން ނަމާދުކުރުމުގެ ހުއްދަ ސަރުކާރުން ދޫކުރަށްވައިފިއެވެ. އެހެންނަމަވެސް ހިތާމައަކީ ދުނިޔޭގެ މަދު ޢިލްމުވެރިން ތަކެއް އެބޭފުޅުންނަށް ވިސްނިވަޑައިގެންފައި އޮތް ތަންކޮޅުގައި ހިއްޕަވައިގެން މިގޮތަށް ނަމާދުކުރުން ހުއްދަ ނުވާނެ ކަމަށާއި އެގޮތަށް ނަމާދު ކޮށްފިނަމަ ނަމާދު ބާޠިލްވާނެ ކަމުގެ ދަޢުވާ ކުރަށްވަމުން މީސްމީޑިޔާގައި ލިއުއްވަމުން އެބަ ގެންދަވައެވެ. ކުރީގައި އަޅުގަނޑު އިމާމު ޝާފިޢީގެ އަރިހުން އައިސްފައިހުރި ބައެއްފަތުވާ ދަންނަވައިފީމެވެ. އޭގެ އިތުރުން ބައެއް ބަސްފުޅުތައް ދަންނަވާލާނަމެވެ. އިމާމު އަބޫ އިސްޙާޤު އައްޝީރާޛީ ޝާފިޢީ މަޛްހަބުގެ ފިޤުހު ފޮތެއް ކަމުގައިވާ އަލްމުހައްޛަބުގެ 4/302 ގައި ވިދާޅުވެފައި ވެއެވެ. [فَإِنْ تَبَاعَدَتْ الصُّفُوفُ أَوْ تَبَاعَدَ الصَّفُّ الْأَوَّلُ عَنْ الْإِمَامِ نَظَرْتَ فَإِنْ كَانَ لَا حَائِلَ بينهما وكان الصَّلَاةُ فِي الْمَسْجِدِ وَهُوَ عَالِمٌ بِصَلَاةِ الْإِمَامِ صَحَّتْ الصَّلَاةُ لِأَنَّ كُلَّ مَوْضِعٍ مِنْ الْمَسْجِدِ مَوْضِعُ الْجَمَاعَةِ وَإِنْ كَانَ فِي غَيْرِ الْمَسْجِدِ فَإِنْ كَانَ بَيْنَهُ وَبَيْنَ الْإِمَامِ أَوْ بَيْنَهُ وَبَيْنَ آخِرِ صَفٍّ مَعَ الْإِمَامِ مَسَافَةٌ بَعِيدَةٌ لَمْ تَصِحَّ صَلَاتُهُ فَإِنْ كَانَتْ مَسَافَةً قَرِيبَةً صَحَّتْ صَلَاتُهُ وَقَدَّرَ الشَّافِعِيُّ رَحِمَهُ اللَّهُ الْقَرِيبَ بثلثمائة ذِرَاعٍ وَالْبَعِيدَ مَا زَادَ عَلَى ذَلِكَ لِأَنَّ ذَلِكَ قَرِيبٌ فِي الْعَادَةِ] މާނައީ: އިމާމާއާއި ފުރަތަމަ ޞަފާ ދުރުވެފައި ނުވަތަ ދެސަފު ދޭތެރޭ ދުރުވެފައި، ދެމެދުގައި ހުރަހެއް ނެތްކަމުގައިވާނަމަ ނަމާދުކުރެވެނީ މިސްކިތުގައި ކަމަށްވެފައި އިމާމާގެ ނަމާދު ޙާލަތު އިޤްތިދާވާ މީހާއަށް އެނގޭނަމަ އޭނާގެ ނަމާދު ޞައްޙަވާނެއެވެ. އެއީ މިބުނިހެން ކިތަންމެ ދުރުގައި ހުރިކަމުގައިވިއަސް ވެހެވެ. މިިހެނީ މިސްކިތުގެ ކޮންމެ ކަންކޮޅަކީ ޖަމާޢަތުގެ މަޤާމެވެ. ދެން ސަފު ހެދެނީ މިސްކިތުން ބޭރުގައިނަމަ އެމީހާއާއި އިމާމާއާއި ނުވަތަ އަނެއް ޞަފާ ދެމެދު ޤަބޫލު ނުވެވޭ މިންވަރަށް ދުރުވެފައި އޮތްކަމުގައިވާނަމަ ނަމާދު ޞައްޙަ ނުވާނެއެވެ. އަދި ޤަބޫލުވެވޭ މިންވަރަށް ކައިރިމިނެއް ކަމުގައިވާނަމަ ނަމާދު ޞައްޙަވާނެއެވެ. މިގޮތުން އިމާމު ޝާފިޢީގެ އަރިހުން ކައިރި މިންވަރެއްގައި އައިސްފައިވަނީ ގާތްގަނޑަކަށް ތިންސަތޭކަ މުށެވެ. (އެބަހީ 450 ފޫޓެވެ.) އެއަށްވުރެން މާބޮޑަށް ދުރުވެއްޖެނަމަ އެބެލެވޭނީ ދުރުކަމަށެވެ. އެހެންނަމަވެސް މިސްކިތުގައި ބައިވެރިވާނަމަ ދުރުވުމަކުން މައްސައެއް ނެތެވެ. އިމާމު މީހާ މިސްކިތުގައި ހުރެފައި މައުމޫމުން މަތީ ފަންގިފިލާއެއްގައި ނުވަަތަ ތިމާގެ ގޭގައި ތިބުމީވެސް މައްސައެއް ނޫނެވެ. އެހެނަސް މިސްކިތުން ބޭރުގައި ހުންނަ މީހާއަށް ޖަމާޢަތް ފެންނަން ޖެހޭނެއެވެ. ޖަމާޢަތް ނުފެންނަނަމަ އަޑު އިވުނު ކަމުގައި ވިއަސް ނަމާދު ޞައްޙަ ނުވާނެއެވެ. މިހެނީ ޢާއިޝަތުގެފާނުންގެ އަރިހުން ރިވާވެގެންވާ ފަދަައިންނެވެ. [أَنَّ نِسْوَةً كُنَّ يُصَلِّينَ فِي حُجْرَتِهَا بِصَلَاةِ الْإِمَامِ فَقَالَتْ لَا تُصَلِّينَ بِصَلَاةِ الْإِمَامِ فَإِنَّكُنَّ دُونَهُ فِي حِجَابٍ] މާނައީ: އެކަމަނާ ވިިދާޅުވެފައި ވެއެވެ. އަންހެނުންތަކެއް އެކަމަނާގެ ކޮޓަރިކޮޅުގައި ތިބެގެން އިމާމާއާ ބައިވެރިވެގެން ނަމާދު ކުރެއެވެ. އެކަމާ އެކަމަނާ ވިދާޅުވީ އެގޮތަށް ނަމާދު ނުކުރުމަށާއި ތިޔަކަނބަލުންނާ އިމާމާއާ ދެމެދު ހުރަހެއް އެބަހުރި ކަމަށެވެ. މިއެވެ. މިމައްސަލާގައި ޝާފިޢީ މަޛްހަބުގައި އޮންނަ ގޮތަކީ އޭނާއާއި ޖަމާޢަތުގެ ބަޔަކާ ދެމެދު ހުރަހެއް ހުއްޓަސް އޭގެތެރެއިން ބަޔަކު ފެންނަނަމަ އިޤްތިދާވުން ހުއްދަވާނެ ކަމަށެވެ. މިސާލަކަށް އޭނާއާއި އިމާމާއާއި ނުވަތަ ޖަމާޢަތާ ދެމެދު ކޯރެއް އޮތް ކަމުގައި ވިއަސް މަޛްހަބުގެ ޞައްޙަ ގޮތަކީ ނަމާދު ހުއްދަވާނެ ކަމަށެވެ. (މިއާބެހޭ އިތުރު ތަފްޞީލުތައް އިމާމު ނަވަވީ ޝަރަޙުލް މުހައްޛަބުގަައި ގެންނަވާފައި ވެއެވެ.)

ޚުލާާޞާއަކީ ސަފު ހެދުމާއި ސަފުކާރި ކުރުމާއި ގާތްގާތުގައި ތިބުމީ ގަދަވެގެންވާ ސުންނަތެކެވެ. އެއާ ޚިލާފުވުމަކުން ޖުމްހޫރު ދަންނަބޭކަލުންނާއި ހަަތަރު މަޛްހަބުގެ ޢިލްމުވެރިންގެ ބަސްފުޅަށް ބަލާއިރު އެއީ މަކްރޫހަ ކަމާއެކު ހުއްދަވެގެންވާ ކަމެކެވެ. އެހެންނަމަވެސް ކޮރޯނާ ވައިރަސްފަދަ ޢުޛުރުވެރި ޙާލަތްތަކުގައި މަސްއޫލުވެރި ފަރާތްތަކުން އަންގަވާ ގޮަތަކަށް ޖަމާޢަތުގައި ނަމާދު ކުރާއިރު ގައިދުރުކޮށްލައިގެން ސަފު ހެދުމަކީ މަކްރޫހަކަމެއް ނެތި ހުއްދަވެގެންވާ ކަމެވެ. އެނަމާދަކަށް އެއްވެސް އުނިކަމެއް ނާންނާނެއެވެ. އަދި މިއީ ދުނިޔޭގެ އިތުބާރު ހުރި ބޮޑެތި ޢިލްމުވެރިންގެ ފަތުވާއާއި އެއްގޮތަށް ދުނިޔޭގެ ބޮޑެެތި ޤައުމުތަކުގައި ނަމާދު ކުރަމުން އަންނަ ގޮތެކެވެ. މާލޭގައި ވެސް ޖަމާޢަތުގެ ހުއްދަ ދެއްވާއިރު މިގޮތަށް ނަމާދުކުރުމީ އެންމެ ރައްކައުތެރި ގޮތްކަމުގައި ދެކެމެވެ. އެހެން ރަށްތަކުގައިވެސް މިވަގުތަކަށް އެންމެ ރައްކައުތެރި ގޮތަކީ އެއީއެވެ. މިއީއަކީ ދީނާޚިލާފު ކަމެއްނޫނެވެ. އަދި އެއިން ނަމާދަށް އުނިކަމެއް ލިއްބައިދޭނެ ކަމެއްވެސް ނުމެ ނޫންމެއެވެ. މާތް ﷲގެ ޙަޟުރަތުން މީހާއަށް އަޖުރާއި ޘަވާބު ދެއްވަނީ އެމީހާ ބުރަތަކްލީފު އުފުލަން ޖެހުނު މިންވަރަކަށެވެ. އަޅުކަމުގެ މަދުގިނަ މިންވަަރަކުންނެއް ނޫނެވެ. އެހެންކަމުން ސިއްތުނާ ޢާއިޝާގެ ބަލިޙާލުކޮޅެއްގެ ސަބަބުން އެހެންމީހުންނަށް ވުރެން އެކަމަނާއަށް އަޅުކަން މަދުން ކުރެއްވެވޭތީ އެކަމުގެ ޝަކުވާ ދެންނެވުމުން ލޮބުވެތި ރަސޫލާ ޙަދީޘު ކުރެއްވީ މިފަދައިންނެވެ. [أَجْرُكِ عَلَى قَدْرِ نَصَبِكِ] މާނައީ: ކަމަނާއަށް ﷲގެ ޙަޟުރަތުން އަޖުރު ދެއްވާހުށީ ކަމަނާ އެކަމުގައި ބުރަ ތަކްލީފު އުފުއްލެވި މިންވަރަކަށެވެ. وَاللَّهُ أَعْلَمُ!

އަޅުގަނޑުގެ ދުޢާއަކީ މާތް ﷲ އަޅަމެންނަށް އެންމެ ފުރިހަމަ ގޮތުގައި ނަމާދު އަދާ ކުރުމުގެ ތައުފީޤު ދެއްވުމެވެ. އަދި އަޅަމެންގެ ކުށްފާފައިގެ ސަބަބުން އަޅަމެންނަށް މަތިކުރަށްވާފައި މިވާ ބޮޑު ވަބާއާހުރެ އަޅަމެންގެ ކިބައިން ތިޔަ އިލާހުގެ ޙަޟްރަތަށް ކުއްތަންވެ ކުރަމުންދާ އަޅުކަމުގައި އުނިވަމުންދާ އުނިކަމުގެ އަޖުރު އިތުރު ކުރަށްވައި މިބަލާ މުޞީބާތުން އަޅަމެންނާއި މުޅި ދުނިޔޭގައި ވާހައި ތިޔައިލާހުގެ އަޅުތަކުން ސަލާމަތް ކުރަށްވައި އަޅަމެންނަށް އަވަސް ޝިފާއެއް ދެއްވުމެވެ. އާމީން!

- ކޮމެންޓް