ޓެކުހަށް މަކަރު ހެދި ކަމުގެ ތުހުމަތު ކުރެވިފައިވާ އެތުލެޓިކޯ މެޑްރިޑްގެ ފޯވާޑް ޑިއޭގޯ ކޮސްޓާގެ މައްސަލަ ޖޫން މަހުގެ ހަތަރުވަނަ ދުވަހަށް ކޯޓުގައި ތާވަލުކޮށްފި އެވެ.
ރިޕޯޓުތައް ބުނާ ގޮތުން ކޮސްޓާ ވަނީ ޓެކުހުގެ ގޮތުގައި ދައްކަން ޖެހޭ އެއް މިލިއަނަށް ވުރެ ގިނަ ޔޫރޯ އަށް މަކަރު ހަދާފައެވެ. އޭގެ ތެރޭގައި 2014 ވަނަ އަހަރު ޗެލްސީން އެތުލެޓިކޯއަށް ބަދަލުވިއިރު، ޓްރާންފާ ފީން ދައްކަން ޖެހޭ ޓެކުހުން މަކަރު ހަދާފައިވާ ކަމަށް ވަނީ ރިޕޯޓު ކޮށްފައެވެ. އަދި އިމޭޖް ރައިޓްސްގެ ގޮތުގައި ލިބިފައިވާ އާމްދަނީން ދައްކަން ޖެހޭ ޓެކުހުގެ އެއް މިލިއަނަށް ވުރެ ގިނަ ޔޫރޯ އިންވެސް އޭނާ މަކަރު ހަދާފައިވާ ކަމަށް ވަނީ ރިޕޯޓު ކޮށްފައެވެ.
އުމުރުން 31 އަހަރުގެ ކޮސްޓާގެ މައްޗަށް ކުރެވޭ މި ތުހުމަތުތައް ސާބިތު ވެއްޖެ ނަމަ، ހަ މަސް ދުވަހުގެ ޖަލު ހުކުމެއްގެ އިތުރުން 507،208 (ފަސް ލައްކަ ހަތް ހާސް ދުއިސައްތަ އަށެއް) ޔޫރޯ ގެ ޖޫރިމަނާއެއް ދައްކަން ޖެހޭނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ފާއިތުވި 15 ވަރަކަށް އަހަރަށް ބަލާއިރު ސްޕެއިން ލީގުގެ ވަރަށް ގިނަ ކުޅުންތެރިންނާއި އެ ކުޅުންތެރިންގެ އޭޖެންޓުން އަދި ކޯޗުން ޓެކުހަށް މަކަރު ހެދުމުގެ ތުހުމަތުގައި ވަނީ ކޯޓަށް ހާޒިރުކޮށް ޖަލު ހުކުން އިއްވާފައެވެ. އޭގެ ތެރޭގައި މަޝްހޫރު ފުޓްބޯޅަ ދެ ތަރިން ކަމަށްވާ ލިއޮނެލް މެސީ އާއި ކްރިސްޓިއާނޯ ރޮނާލްޑޯ ވެސް ހިމެނެއެވެ.
ސްޕެއިންގެ ޤާނޫނު ބުނާ ގޮތުން ދެ އަހަރަށް ވުރެން މަދު މުއްދަކަށް ކުރާ ޖަލު ހުކުމެއް، ޖޫރިމަނާ ދައްކައިގެން ސަލާމަތްވެވެއެވެ. އެގޮތުން ޓެކުހަށް މަކަރު ހެދި ކަމަށް ބުނެ ދެ އަހަރު ދުވަހުގެ ޖަލު ހުކުމެއް ރޮނާލްޑޯ އަށް އިއްވިއިރު، އޭނާ އެ މައްސަލަ ހައްލުކުރީ 20 މިލިއަން ޔޫރޯ ދައްކައިގެންނެވެ. އަދި މެސީ އަށް 21 މަހުގެ ޖަލު ހުކުމެއް އިއްވިއިރު، މެސީ އެ މައްސަލަ ހައްލުކުރީ 252،000 (ދެ ލައްކަ ފަންސާސް ދެ ހާސް) ޔޫރޯ ދައްކައިގެންނެވެ.