ޖަރުމަން ލީގުގައި ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުން ފޯޓޫނާ ޑުސެލްޑޯފް އަތުން ބަޔާން މިއުނިކް ފަސޭހަ މޮޅެއް ހޯދައިފި އެވެ.
އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުން ބަޔާން މޮޅުވީ 5-0 ންނެވެ.
މުޅި މެޗުގައި ވެސް ބަޔާނުން މޮޅު ކުޅުމެއް ދެއްކިއިރު، މެޗުގެ 15 ވަނަ މިނެޓުގައި ބަޔާނުން ވަނީ ލީޑު ނަގާފައެވެ. މި ލަނޑަކީ ޑުސެލްޑޯފްގެ މަތިއަސް ޖޯގެންސަން އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.
ބަޔާނުން މެޗުގައި ލީޑު ފުޅާކުރީ މެޗުގެ 29 ވަނަ މިނެޓުގައެވެ. ޖޯޝުއާ ކިމިޗް ނަގައިދިން ކޯނަރަކުން މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޑިފެންޑަރު ބެންޖަމިން ޕަވާޑް އެވެ. އަދި ފުރަތަމަ ހާފު ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށް ތޯމަސް މުލާގެ އެހީއާއެކު ރޮބަޓް ލެވަންޑޯސްކީ ވަނީ ބަޔާނުގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްފައެވެ. މި ލަނޑާއެކު ލެވަންޑޯސްކީ ވަނީ މި ސީޒަނުގެ ޖަރުމަން ލީގުގައި ވާދަކުރަމުން އަންނަ ހުރިހާ ޓީމެއްގެ ކޮޅަށް ލަނޑު ޖަހާފައެވެ.
ދެވަނަ ހާފުގައި ވެސް ބަޔާނުން މޮޅު ކުޅުމެއް ދެއްކިއިރު، މި ހާފު ފަށައިގެން ފަސްވަނަ މިނެޓުގައި އެ ޓީމުން ވަނީ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްފައެވެ. ސާޖް ގްނަބްރީ ތަނަވަސްކޮށްދިން ފުރުސަތަކުން މި ލަނޑު ކާމިޔާބުކުރީ ލެވަންޑޯސްކީ އެވެ. މިއީ މި ސީޒަނުގެ ޖަރުމަން ލީގުގައި ލެވަންޑޯސްކީ ކާމިޔާބުކުރި 29 ވަނަ ލަނޑެވެ.
އަދި އޭގެ ދެ މިނެޓު ފަހުން ބަޔާނުން ވަނީ އެޓީމުގެ ފަސްވަނަ ލަނޑު ކާމިޔާބުކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ޑިފެންޑަރު އަލްފޮންސޯ ޑޭވީސް އެވެ.
މި މޮޅާއެކު ބަޔާނުން ވަނީ އެއްވނައިގައި 10 ޕޮއިންޓުގެ ލީޑެއް ނަގާފައެވެ. އެޓީމު އެއްވަނައިގައި އޮތީ ކުޅުނު 29 މެޗުން 67 ޕޮއިންޓާއެކު އެވެ. ދެވަނައިގައި އޮތް ބޮރޫޝިއާ ޑޯޓްމުންޑަށް ލިބިފައިވަނީ 28 މެޗުން 57 ޕޮއިންޓެވެ.
އެހެންކަމުން ލީގުގައި އާދީއްތަ ދުވަހުގެރޭ ޕަޑާބޯންއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެގެން ބަޔާނުގެ 10 ޕޮއިންޓުގެ ލީޑު ކުޑަކުރުމުގެ ފުރުސަތު ޑޯޓްމުންޑަށް އެބައޮތެވެ.