ކޮވިޑް-19 އާއި ގުޅިގެން ބަންދު ކޮށްފައިވާ އައްޑޫ ސިޓީގެ އައުޓްޑޯ ކުޅިވަރު ފެސިލިޓީސްތައް ހުޅުވައިފި އެވެ.
އައްޑޫ ސިޓީ ކައުންސިލުން ބުރާސްފަތި ދުވަހު ނެރިފައިވާ އިޢުލާނެއްގައި ބުނެފައިވާ ގޮތުގައި، މުޅި ދުނިޔޭގައި ފެތުރެމުންދާ ކޮވިޑް-19 ބަލި މިހާތަނަށް ފެތުރިފައިނުވާ އަދި މޮނިޓަރިންގެ ޙާލަތުގައި ނުވާ ތަނެއްގެ ގޮތުގައި އައްޑޫ ސިޓީ ރިކޯޑު ކުރެވިފައިވުމާއެކު މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރންމަންޓްގެ ދެންނެވުމާއި އެއްގޮތަށް އައްޑޫ ސިޓީގެ އައުޓްޑޯ ކުޅިވަރު މައިދާންތައް 2020 މޭ 29 އިން ފެށިގެން ހުޅުވާލަން ހަމަޖެހިފައިވާ ކަމަށެވެ.
ފުޓުބޯޅަ ދަނޑު، ފުޓްސެލް އެރީނާތައް އަދި އައުޓްޑޯ ޢާންމު ކުޅިވަރު މައިދާންތައް ބޭނުން ކުރުމުގައި ސަމާލުކަން ދޭންޖެހޭ ކަންތައްތައް:
1. ހުޅުވިފައި ހުންނަ ގަޑި: ހެނދުނު 06:00 އިން 18:00 އަށް.
2. ކުޅިވަރު މައިދާންތަކަށް ކުޅު ނުޖެހުން.
3. ކުޅިވަރު މައިދާންތަކުގައި އުޅޭ ވަގުތު ސާފުތާހިރުކަމާއި ގައިދުރުކަމަށް އިސްކަންދިނުން.
4. ރޯގާގެ އެއްވެސް ޢަލާމާތެއް ހުރިކަމަށް ފާހަގަކުރެވިފައި ވާނަމަ ކުޅިވަރު މައިދާންތަކަށް ނުދިއުން.
5. ކުޅެން ފެށުމުގެ ކުރިން އަދި ކުޅެނިމުމަށް ފަހު ގްރޫޕް ހަދައި މައިދާންތަކުގައި މަޑުކޮށްގެން ނުތިބުން.
ކޮވިޑް-19 ރޯގާ ރާއްޖޭގައި ފެތުރެން ފެށުމާއެކު، މުޅި ރާއްޖޭގައި ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކޮށް، މާލެ ސިޓީ ޞަރަޙައްދު ވަނީ ފުރަބަންދު ކޮށްފަ އެވެ. އަދި ބައެއް ރަށްތަކުން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުން ފެނުމާއެކު، އެރަށްތައްވެސް ކަރަންޓީން ނުވަތަ މޮނީޓަރިންގ ޙާލަތަށް ގެނެސްފައި ވެއެވެ.
ނަމަވެސް އައްޑޫ ސިޓީން އެއްވެސް މީހަކު މިހާތަނަށް ކޮވިޑް-19އަށް ޕޮޒިޓިވް ވެފައެއް ނުވެއެވެ. ކޮވިޑް-19 އަށް ޝައްކު ކުރެވޭ ބައެއް މީހުންގެ ސާމްޕަލްތައް ނެގިނަމަވެސް އެ ސާމްޕަލްތައް ވަނީ ނެގަޓިވް ވެފަ އެވެ. އައްޑޫ ސިޓީއަކީ މާލެ ސިޓީ ނެގުމަށް ފަހު، އެންމެ ގިނަ މީހުން ދިރިއުޅޭ ޞަރަޙައްދެވެ.