ކ. މާލެ
|
28 މެއި 2020 | ބުރާސްފަތި 17:58
ބްލެކްބާންގެ ޑިފެންޑަރު އެލިއޮޓް ބެނެޓް: ކޮވިޑް-19ށް ޕޮޒިޓިވްވި ކަން އެ ކްލަބުން ވަނީ ހާމަކޮށްފައި
ބްލެކްބާންގެ ޑިފެންޑަރު އެލިއޮޓް ބެނެޓް: ކޮވިޑް-19ށް ޕޮޒިޓިވްވި ކަން އެ ކްލަބުން ވަނީ ހާމަކޮށްފައި
ގެޓީ އިމޭޖަސް
ތިން ކުޅުންތެރިއަކު ކޮވިޑް-19ށް ޕޮޒިޓިވްވުން
ބްލެކްބާންގެ އެލިއޮޓް ބެނެޓް އާއި ފުލަމްގެ ދެ ކުޅުންތެރިއަކު ކޮރޯނާވައިރަހަށް ޕޮޒިޓިވް ވެއްޖެ
ދެވަނަ ބުރުގައި 1،030 މީހަކު ވަނީ ޓެސްޓު ކޮށްފައި
ފުލަމް އިން ކޮވިޑް-19ށް ޕޮޒިޓިވްވި ކުޅުންތެރިންގެ ނަންތައް ހާމަކޮށްފައެއް ނުވޭ

އިނގިރޭސި ދެވަނަ ޑިވިޝަން (އީއެފްއެލް ޗެމްޕިއަންޝިޕް) ގައި ވާދަކުރަމުން އަންނަ ބްލެކްބާންގެ ޑިފެންޑަރު އެލިއޮޓް ބެނެޓް އާއި ފުލަމްގެ ދެ ކުޅުންތެރިއަކު ކޮރޯނާވައިރަސް (ކޮވިޑް-19)ށް ޕޮޒިޓިވް ވެއްޖެ އެވެ.

އީއެފްއެލް ޗެމްޕިއަންޝިޕުން އަންނަނީ ލީގުގައި ވާދަކުރާ ކްލަބުތަކުގެ ހުރިހާ ކުޅުންތެރިންނާއި އޮފިޝަލުން ކޮވިޑް-19ށް ޓެސްޓު ކުރަމުންނެވެ. އެގޮތުން ހޯމަ ދުވަހާއި އަންގާރަ ދުވަސް އަދި ބުދަ ދުވަހު ކުރިއަށް ގެންދިޔަ ޓެސްޓު ކުރުމުގެ ދެވަނަ ބުރުގައި 1،030 މީހަކު ވަނީ ކޮވިޑް-19ށް ޓެސްޓު ކޮށްފައެވެ. މި ޓެސްޓު ތަކުން ތިން ކުޅުންތެރިއަކު ވައިރަހަށް ޕޮޒިޓިވްވި ކަން އީއެފްއެލް ޗެމްޕިއަންޝިޕުން ވަނީ ހާމަކޮށްފައެވެ.

އެއާއެކު ބްލެކްބާނުން ވަނީ އެ ކްލަބުގެ ޑިފެންޑަރު ބެނެޓް ކޮވިޑް-19ށް ޕޮޒިޓިވްވި ކަން ހާމަކޮށްފައެވެ. ބެނެޓް ވެސް މިކަން ޔަގީން ކޮށްދީފައިވާއިރު، އޭނާ ނެރުނު ބަޔާނެއްގައި ބުނީ އޭނާ ވައިރަހަށް ޕޮޒިޓިވްވި ނަމަވެސް، ހަށިގަނޑުން ވައިރަހުގެ އެއްވެސް އަލާމާތެއް ފެނިފައިނުވާ ކަމަށެވެ. އަދި ކަންބޮޑުވާންވީ ވައިރަހަށް ޕޮޒިޓިވްވާ ސިއްހަތު ރަނގަޅު ފުޓްބޯޅަ ކުޅުންތެރިންގެ ބަދަލުގައި ހޮސްޕިޓަލުގައި ފަރުވާ ހޯދަމުން އަންނަ ހާލު ބޮޑު މީހުންނާ ދޭތެރޭ ކަމަށް އޭނާ ވަނީ ބުނެފައެވެ.

ބެނެޓްގެ އިތުރުން ފުލަމް އިން ވަނީ އެ ކްލަބުގެ ދެ ކުޅުންތެރިއަކު ކޮވިޑް-19ށް ޕޮޒިޓިވްވި ކަން ހާމަކޮށްފައެވެ. އެކަމަކު އެ ކްލަބުން ވައިރަހަށް ޕޮޒިޓިވްވީ ކޮން ކުޅުންތެރިންނެއް ކަން ހާމަކޮށްފައެއް ނުވެއެވެ. ފުލަމް އިން ނެރުނު ބަޔާނެއްގައި ބުނީ އެ ކްލަބުން ކޮވިޑް-19ށް ޕޮޒިޓިވްވި ދެ ކުޅުންތެރިންގެ ހާލުވެސް ރަނގަޅު ކަމަށާއި، އެ ކުޅުންތެރިން މިހާރު އައިސޮލޭޝަނަށް ބަދަލުކޮށްފައިވާ ކަމަށެވެ.

އީއެފްއެލް ޗެމްޕިއަންޝިޕްގެ ކުޅުންތެރިންނާއި އޮފިޝަލުން ކޮވިޑް-19ށް ޓެސްޓު ކުރުމުގެ ދެވަނަ ބުރުގައި 1،030 މީހަކު ޓެސްޓު ކުރިއިރު، ފުރަތަމަ ބުރުގައި ވަނީ 1،014 މީހަކު ޓެސްޓު ކޮށްފައެވެ. އެފަހަރު ވައިރަހަށް ޕޮޒިޓިވްވީ ހަލް ސިޓީގެ ދެ މީހަކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް