އަޔަކްސް އަށް އަންނަ ސީޒަނުގެ ޔުއެފާ ޗެމްޕިއަންސް ލީގުގެ ސީދާ ޖާގައެއް ދިން ގޮތް ބަދަލުކުރަން އޭޒެޑް އަލްކްމާ އިން ޔުއެފާގައި އެދިއްޖެ އެވެ.
އެއްވަނައިގައި އޮތް އަޔަކްސް އަށް ތަށި ނުލިބޭ ގޮތަށް ނެދަލެންޑްސް ފުޓްބޯޅަ ލީގު ކެންސަލް ކުރަން އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނުން ނިންމީ އޭޕްރީލް މަހުގެ 24 ވަނަ ދުވަހު އެވެ.
ނެދަލެންޑްސް ފުޓްބޯޅަ ލީގު ކެންސަލް ކުރިއިރު، އެއްވަނައިގައި 56 ޕޮއިންޓާއެކު އޮތީ އެންމެ ފަހުގެ ޗެމްޕިއަން އަޔަކްސް އެވެ. ދެވަނައިގައި އޮތް އޭޒެޑް އަލްކްމާ އަށްވެސް 56 ޕޮއިންޓު ލިބިފައިވާއިރު، އަޔަކްސް އަށް ކުރި ލިބެނީ ލަނޑުގެ ތަފާތުންނެވެ.
އެހެންކަމުން އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ސީދާ ޖާގައެއް އަޔަކްސް އަށް ވަނީ ދޭން ނިންމާފައެވެ. އޭޒެޑް އަލްކްމާ ޖެހޭނީ ޗެމްޕިއަންސް ލީގަށް ކޮލިފައިވުމަށް ޕްރިލިމިނަރީ ބުރެއް ކުޅެންށެވެ.
އެހެންކަމުން އޭޒެޑް އަލްކްމާ އިން ވަނީ އެ ނިންމުން ބަދަލުކުރުމަށް ޔުއެފާގައި އެދިފަ އެވެ. އެ ކްލަބުން ބުނީ މި ސީޒަނުގައި ކުޅުނު ދެ މެޗުންވެސް އެ ޓީމުން އަޔަކްސް ބަލިކޮށްފައިވާނެ ކަމަށާއި ލަނޑުގެ ތަފާތުން ޗެމްޕިއަންސް ލީގުގެ ސީދާ ޖާގައެއް އަޔަކްސް އަށް ލިބިގެން ނުވާނެ ކަމަށެވެ.
ކޮރޯނާވައިރަސް (ކޮވިޑް-19) އާ ގުޅިގެން މިހާތަނަށް ޔޫރަޕުން ކެންސަލް ކުރި ލީގުތަކުގެ ތެރެއިން ޗެމްޕިއަނެއް ކަނޑަނާޅައި ކެންސަލް ކޮށްފައިވަނީ ނެދަލެންޑްސް ލީގު އެކަންޏެވެ. އަދި މި ސީޒަނުގައި އެއްވެސް ޓީމެއް ރެލިގޭޓް ނުވާނެ ކަމަށްވެސް ނެދަލެންޑްސް ލީގުން ވަނީ ނިންމާފަ އެވެ.