އިނގިރޭސި ޕްރިމިއާ ލީގުން އިތުރު ދެ މީހަކު ކޮރޯނާވައިރަސް (ކޮވިޑް-19) ށް ޕޮޒިޓިވް ވެއްޖެ އެވެ.
އިނގިރޭސި ޕްރިމިއާ ލީގު އަލުން ފެށުމަށް ތައްޔާރުވަމުން އަންނައިރު، ކްލަބުތަކުގެ ކުޅުންތެރިންނާއި އޮފިޝަލުން އަންނަނީ ކޮވިޑް-19ށް ޓެސްޓު ކުރަމުންނެވެ. އެގޮތުން ފުރަތަމަ ބުރުގައި 748 މީހަކު ޓެސްޓުކުރިއިރު، ތިން ކްލަބަކުން ހަ މީހަކު ވައިރަހަށް ޕޮޒިޓިވްވި އެވެ.
ދެވަނަ ބުރުގައި 996 މީހަކު ޓެސްޓު ކުރިއިރު، ޕޒިޓިވް ދެ ކޭސް ފެނުނީ ދެ ކްލަބަކުން ކަމަށް ވަނީ ޕްރިމިއާ ލީގުން ވަނީ ހާމަކޮށްފައެވެ. މިހާރު ޕްރިމިއާ ލީގުގެ 20 ކްލަބުގެ ކުޅުންތެރިންނާއި އޮފިޝަލުން ވަނީ ކޮވިޑް-19ށް ޓެސްޓު ކޮށްފައެވެ. އަދި ޓެސްޓު ކުރުމުގެ ތިންވަނަ ބުރެއްވެސް ކުރިއަށްގެންދާނެ ކަމަށް ޕްރިމިއާ ލީގުން ވަނީ ހާމަކޮށްފައެވެ.
މިހާތަނަށް ޖުމްލަ އަށް މީހަކު ޕްރިމިއާ ލީގުން ކޮވިޑް-19ށް ޕޮޒިޓިވްވިއިރު، އެ މީހުން ވަނީ އައިސޮލޭޝަނަށް ބަދަލުކޮށްފައެވެ.
ކޮވިޑް-19ށް ޕޮޒިޓިވްވި މީހުންގެ ނަންތައް ޕްރިމިއާ ލީގުން ހާމަކޮށްފައި ނުވި ނަމަވެސް، ބޯންމަތުން ވަނީ ދެވަނަ ބުރުން ޕޮޒިޓިވްވި މީހުންގެ ތެރޭގައި އެޓީމުގެ ކުޅުންތެރިއެއް ހިމެނޭ ކަމަށް ބުނެފައެވެ. އެކަމަކު އެ ކުޅުންތެރިޔާގެ ނަން ހާމަކޮށްފައެއް ނުވެއެވެ.
ކުޅުންތެރިންނާއި އޮފިޝަލުން ކޮވިޑް-19ށް ޓެސްޓު ކުރުމުގެ ފުރަތަމަ ބުރުގައި ވަޓްފޯޑުގެ ޑިފެންޑަރު އޭޑްރިއަން މަރިއަޕާ އާއި އެ ކްލަބުގެ އިތުރު ދެ އޮފިޝަލުން ވަނީ ވައިރަހަށް ޕޮޒިޓިވްވެފައެވެ. އަދި ފަހުން އެ ކްލަބުގެ ކޯޗު ނިގެލް ޕިއާސަން ވަނީ ޕޮޒިޓިވްވި މީހުންނާ ކޮންޓެކްޓްވި ދެ ކުޅުންތެރިއަކު ސެލްފް-އައިސޮލޭޝަނަށް ބަދަލުކޮށްފައިވާ ކަން ހާމަކޮށްފައެވެ. ދެން ފުރަތަމަ ބުރުން ކޮވިޑް-19ށް ޕޮޒިޓިވްވި ކަން ހާމަކުރީ ބާންލީގެ އެސިސްޓަންޓް ކޯޗު އިއަން ވޯން އެވެ.
ޕްރިމިއާ ލީގުން އަށް މީހަކު މިހާތަނަށް ކޮވިޑް-19ށް ޕޮޒިޓިވްވި ނަމަވެސް، މިދިޔަ ހަފުތާގައި ކްލަބުތަކުން ވަނީ ކުދި ގްރޫޕްތައް ހިމެނޭ ގޮތަށް ފަރިތަކުރުންތައް ފަށާފައެވެ. އެކަމަކު ރައްކާތެރިކަމުގެ ގޮތުން ފަރިތަކުރުންތައް ކުރިއަށް ގެންދެވެނީ ހަރުކަށި ފިޔަވަޅުތަކަކާއި އެކުއެވެ. އެގޮތުން ކުދި ގްރޫޕްތައް ހިމެނޭ ގޮތަށް ފަރިތަކުރުންތައް ކުރިއަށް ގެންދަން ޖެހޭއިރު، ޓެކުލް ކުރުމާއި ކުޅުންތެރިން ކޮންޓެކްޓްވުން ވަނީ މަނާ ކޮށްފަ އެވެ.
ކުޅުންތެރިން ކޮންޓެކްޓް ވެވޭ ގޮތަށް ފަރިތަކުރުން ކުރިއަށް ގެންދަން ފުރުސަތު ދޭން ނިންމާފައިވަނީ އަދި ހަފްތާއެއްހާ ދުވަސް ފަހުން ކަމަށް ރިޕޯޓުތައް ބުނެއެވެ.
ރިޕޯޓުތައް ބުނާ ގޮތުން ޕްރިމިއާ ލީގުގެ މެޗުތައް ސަޕޯޓަރުން ނުވައްދާ ކުޅޭ ގޮތަށް ޖޫން މަހުގެ 12 ވަނަ ދުވަހު ފަށަން މިހާރު އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ލީގު ކުރިއަށްގެންދިޔުމަށް ހުރިހާ ކްލަބުތަކުން މިހާރު ވަނީ އެއްބަސްވެފަ އެވެ.