ޖަރުމަން ލީގުގައި ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުތަކުން ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމުންޑް މޮޅުވެއްޖެ އެވެ.
ބަޔާން ދަނޑުގައި ކުޅުނު މެޗުން އެޓީމު މޮޅުވީ އެއިންޓްރެކްޓް ފްރެންކްފަޓް އަތުން 5-2 ންނެވެ.
މި މެޗުގެ ފުރަތަމަ ހާފުގައި ބަޔާނުން ވަނީ ދެ ލަނޑު ޖަހާފައެވެ. މެޗުގެ 17 ވަނަ މިނެޓުގައި ތޯމަސް މުލަރ ދިން ޕާހަކުން ލެއޯން ގޮރެޓްޒްކާ ބަޔާނަށް ލީޑު ނަގައިދިންއިރު، ބަޔާންގެ ދެވަނަ ލަނޑު އަލްފޮންސޯ ޑޭވީސްގެ އެހީއާއެކު މެޗުގެ 41 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ތޯމަސް މުލަރ އެވެ.
ދެވަނަ ހާފު ފަށައިގެން ފުރަތަމަ މިނެޓުގައި ކިންގްސްލީ ކޯމަންގެ އެހީއާއެކު ރޮބާޓް ލެވަންޑޯސްކީ ވަނީ ބަޔާންގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްފަ އެވެ. އެކަމަކު ގާތް ގާތުގައި ދެ ލަނޑު ކާމިޔާބުކޮށް ފްރެންކްފަޓް އިން ވަނީ ފަރަގު ކުޑަކޮށްފަ އެވެ. މެޗުގެ 52 ވަނަ މިނެޓުގަ އާއި 55 ވަނަ މިނެޓުގައި ފްރެކްފަޓަށް ލަނޑުތައް ޖަހައިދިނީ މާޓިން ހިންޓަރެގާ އެވެ.
އޭގެ ފަހުން ބަޔާނުން ކުޅުން ރަނގަޅުކުރިއިރު، މެޗުގެ 61 ވަނަ މިނެޓުގައި އަލްފޮންސޯ ޑޭވީސް ވަނީ ބަޔާންގެ ހަތަރުވަނަ ލަނޑު ޖަހާފަ އެވެ. ބަޔާންގެ ފަސްވަނަ ލަނޑަކީ މެޗުގެ 74 ވަނަ މިނެޓުގައި ފްރެންކްފަޓްގެ މާޓިން ހިންޓަރެގާ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.
ލީގުގައި ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުން ޑޯޓްމުންޑް މޮޅުވީ ވުލްފްސްބާގް އަތުން 2-0 ންނެވެ.
ވުލްފްސްބާގްގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ޑޯޓްމުންޑުން ވަނީ ލީޑު ނަގާފަ އެވެ. ތޯގަން ހަޒަޑްގެ އެހީއާއެކު މި ލަނޑު ކާމިޔާބުކޮށްދިނީ ރަފައެލް ގުއެރޭރޯ އެވެ. ދެވަނަ ހާފުގައިވެސް ޑޯޓްމުންޑުން ރަނގަޅު ކުޅުމެއް ދެއްކިއިރު، އެ ޓީމުން ލީޑު ފުޅާކުރީ މެޗުގެ 78 ވަނަ މިނެޓުގަ އެވެ. ޖޯޑަން ސަންޗޯގެ އެހީއާއެކު މި ލަނޑު ކާމިޔާބުކޮށްދިނީ އަޝްރަފް ހަކީމީ އެވެ.
މި ނަތީޖާތަކާއެކު ބަޔާން އެއްވަނައިގައި އޮތީ ކުޅުނު 27 މެޗުން 61 ޕޮއިންޓާއެކު އެވެ. ދެވަނައިގައި އޮތް ޑޯޓްމުންޑް ވަނީ 27 މެޗުން 57 ޕޮއިންޓު ހޯދާފަ އެވެ.