ޗެލްސީ އާއެކު ހަދާފައިވާ އެއްބަސްވުން ވަގުތީ ގޮތުން އާކުރަން ބްރެޒިލްގެ މިޑްފީލްޑަރު ވިލިއަން ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.
ޗެލްސީއާއެކު ވިލިއަން ހަދާފައިވާ އެއްބަސްވުން މި ސީޒަނަށްފަހު ހަމަވާނެ އެވެ. ޗެލްސީން މީގެ ކުރިން ވިލިއަންގެ އެއްބަސްވުން އާކުރަން މަސައްކަތް ކުރި ނަމަވެސް، ވިލިއަން އަށް ކުރު މުއްދަތެއްގެ އެއްބަސްވުމެއް ހުށަހެޅުމުން، އެ އެއްބަސްވުން ގަބޫލުނުކުރަން ވިލިއަން މީގެ ކުރިން ވަނީ ނިންމާފައެވެ.
އެކަމަކު ކޮރޯނާވައިރަސް (ކޮވިޑް-19) އާ ގުޅިގެން ކްލަބުތަކަށް މާލީ ގޮތުން ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިވުމުން، ކުރު މައްދަތަކަށް ޗެލްސީގެ އެއްބަސްވުން އާކުރަން ވިލިއަން ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
މީގެ ކުރިން ޗެލްސީގެ ކޯޗު ފްރޭންކް ލަމްޕާޑް ވަނީ ވިލިއަންގެ އެއްބަސްވުން އާކުރަން ބޭނުންވާކަން ހާމަކޮށްފައެވެ.
މީގެ ކުރިން ހޫނު މޫސުމުގެ ޓްރާންސްފާގައި ހިލޭ ޓްރާންސްފާއެއްގެ ދަށުން ވިލިއަން އެހެން ކްލަބަކަށް ބަދަލުވާން ނިންމި ކަމަށް ރިޕޯޓުތައް ބުނިއިރު، ވިލިއަން ހޯދަން އެންމެ ބޮޑަށް މަސައްކަތް ކުރަމުން އަންނަނީ ޓޮޓެންހަމް ހޮޓްސްޕާ، އާސެނަލް، ބާސެލޯނާ އަދި ޔުވެންޓަސް އިންނެވެ.
ބްރެޒިލްގެ ކޮރިންތިއަންސް އިން ކެރިއަރު ފެށި ވިލިއަން ޗެލްސީއަށް ބަދަލުވީ 2013 ވަނަ އަހަރުގެ ސީޒަނުގައެވެ. އޭނާ ވަނީ މިހާތަނަށް އެޓީމަށް ކުޅުނު 328 މެޗުގައި 58 ލަނޑު ކާމިޔާބު ކޮށްފައެވެ.
ވިލިއަން ވަނީ ޗެލްސީ އާއެކު އިނގިރޭސި ޕްރިމިއާ ލީގު ދެ ފަހަރު، އެފްއޭ ކަޕް އެއް ފަހަރު އަދި އިނގިރޭސި ލީގު ކަޕް އެއް ފަހަރު ކާމިޔާބު ކޮށްފައެވެ.