ކ. މާލެ
|
22 މެއި 2020 | ހުކުރު 14:50
2019 ވަނަ އަހަރު، ފިތުރު ޒަކާތް އިސްލާމިކް މިނިސްޓްރީން ބަލައިގަންނަނީ
2019 ވަނަ އަހަރު، ފިތުރު ޒަކާތް އިސްލާމިކް މިނިސްޓްރީން ބަލައިގަންނަނީ
ޝުއައިބް މުހައްމަދު އިގްބާލް
ފިޠުރު ޒަކާތް
ފިޠުރު ޒަކާތް ނަގުދު ފައިސާއިން ދެއްކުން ހުއްދަ ނޫންބާ!
ފިޠުރު ޒަކާތް ދިނުމަކީ ވާޖިބުވެގެންވާ އަޅުކަމެއް
އިސްލާމް ދީނުގައި ފިޠުރު ޒަކާތް ޝަރުޢު ކުރެވިގެން ވަނީ ދެ ބޭނުމެއްގައި

ފިޠުރު ޒަކާތް ދިނުމަކީ ވާޖިބުވެގެންވާ އަޅުކަމެކެވެ. ރޯދަ މަހުގެ ރޯދަ ހިފައި ނިމިގެން ޢީދު ދުވަހު ތިމާއާއި ޢާއިލާގެ މެންބަރުން ކައިގެން ބާކީ ވެއްޖެނަމަ އެ އެއްޗަކުން ޞާއެއްގެ މިންވަރެވެ. އެއީ، 2.37 ކިލޯއެވެ. ޢީދު ވިލޭރެއާ ހަމައަށް ދިރިހުރި ކޮންމެ މުސްލިމަކަށެވެ. ކުޑަކުދިންގެ ފަރާތުން ވެސް ނެރެން ޖެހޭނެ އެވެ.

ފިތުރު ޒަކާތުގެ މަޤްޞަދު:

އިސްލާމް ދީނުގައި ފިޠުރު ޒަކާތް ޝަރުޢު ކުރެވިގެން ވަނީ ދެ ބޭނުމެއްގަ އެވެ. އެއް ބޭނުމަކީ ރޯދަވެރިޔާ އަށް ރޯދަ މަހުގައި ކުރެވިފައި ހުރި ނޭދެވޭ ކަންތައްތަކުން އޭނާ ޠާހިރު ކުރުވުމެވެ. އެންމެ މުހިންމު ސަބަބަކީ ފަޤީރު މީހާއާއި ނިކަމެތި މީހާގެ މަޞްލަޙަތަށްޓަކައި ޢީދު ދުވަހު އޭނާވެސް ޢާންމު މުސްލިމުންގެ އުފަލުގައި ބައިވެރި ކުރުވުމަށާއި، ތިޔާގެ މީހުން ދެކެ ނިކަމެތިމީހާ ހަސަދަވެރި ވެދާނެތީ އެކަމުން އޭނާ ދުރުހެލި ކުރުވުމެވެ. އިމާމު ދާރުޤުޠްނީއާއި ބައިހަޤީ ނެރުއްވާފައިވާ ޙަދީޘެއްގައި ވެއެވެ. ލޮބުވެތި ރަސޫލާ ޙަދީޘު ކުރެއްވިއެވެ. [أَغْنُوهُمْ عَنْ الْمَسْأَلَةِ فِي هَذَا الْيَوْمِ] މާނައީ: ފަޤީރުން ސަލާމްޖެހުމުގެ ނިކަމެތިކަމުން ދުރުކޮށް މިއަދު އެމީހުން ފުދުންތެރި ކޮށްދޭށެވެ. މިއެވެ.

ފިޠުރު ޒަކާތް ނެރެންޖެހޭ ތަކެތި:

އިހު ޒަމާނުގައި މީހުންގެ ދިރިއުޅުން އޮތް ގޮތުން މިއަދުހެން މީހުންގެ އަތަކު ނަގުދު ފައިސާއެއް ނުހުރެއެވެ. ދަނޑުވެރިންގެ އަތުގައި ހުންނަނީ އޮށްޓަރުގެ ބާވަތެވެ. ޖަނަވާރު ގެންގުޅޭ މީހުންގެ އަތުގައި ހުންނަނީ ގެރިބަކަރިއެވެ. ރުފިޔާ ފައިސާ (އޭރުގައި ނަމަ ދީނާރާއި ދިރުހަމް) ހުންނަނީ މަދު މީހެއްގެ އަތުގައި އެވެސް ފަސޭހައަކުން މާރުކުރެވޭގޮތަކަށް ނުހުރެއެވެ. އިމާމުވެރި ބޭކަލުންގެ ދުވަސްވަރުގައި ވެސް ކަންތައް އޮތީ މިގޮތަށެވެ. އެހެންކަމުން ކީރިތި ރަސޫލާ ފިޠުރު ޒަކާތް ނެރުމުގައި އިރުޝާދު ދެއްވާފައި ވަނީ އެމީހަކު ކާއެއްޗަކުން އެއް ޞާޢުގެ މިންވަރު ނެރުމަށެވެ. (އެބަހީ 2.37 ކިލޯއެވެ.) އެކަމަކު ކަނޑައެޅޭ ވަކި ބާވަތްތަކެއް ކީރިތި ރަސޫލާ ކަނޑައެޅުއްވެވިިއެވެ. އެބާވަތްތަކަކީި ހިމިގޮދަނާއި ބާރްލީ އާއި ކަދުރާއި ހިކި މޭބިސްކަދުރާއި ހިކިކިރެވެ. ބައެއް ރިވާޔަތްތަކުގައި ހިކި ކިރުގެ ބަދަލުގައި ދޮނަޅައިގެ ވާހަކަ އައިސްފައި ވެއެވެ.

ކާޑުގެބާވަތުން ޒަކާތް ނެރުން ވާޖިބު ވާނެބާ؟

މާތް ﷲ ރުއްސުންލެއްވި އަބޫ ސަޢީދުލް ޚުދްރީގެ ކިބައިން ރިވާވެގެން ވެއެވެ. [عَنْ أَبِي سَعِيدٍ الْخُدْرِيِّ يَقُولُ كُنَّا نُخْرِجُ زَكَاةَ الْفِطْرِ صَاعًا مِنْ طَعَامٍ أَوْ صَاعًا مِنْ شَعِيرٍ أَوْ صَاعًا مِنْ تَمْرٍ أَوْ صَاعًا مِنْ أَقِطٍ أَوْ صَاعًا مِنْ زَبِيبٍ] މާނައީ: އަބޫ ސަޢީދު ވިދާޅުވެފައި ވެއެވެ. ތިމަންމެން ފިޠުރު ޒަކާތަށް ނެރެމުން އައީ ބާރުލީއިން ޞާޢެއްގެ މިންވަރެވެ. ނުވަތަ ޞާޢެއްގެ ހިމަ ގޮދަނެވެ. ނުވަތަ ޞާޢެއްގެ ކަދުރެވެ. ނުވަތަ ޞާޢެއްގެ ހިކިކިރެވެ. ނުވަތަ ޞާޢެއްގެ ހިކި މޭބިސް ކަދުރެވެ.

ޢިލްމުވެރިންގެ މެދުގައި ޚިލާފު އުފެދުނު ސަބަބު:

ބަޔާންވެ ދިޔަ ޙަދީޘާއި މިނޫންވެސް މިފަދަ ޙަދީޘު ތަކުން އެނގެނީ ކީރިތި ރަސޫލާގެ ދުވަސްވަރު މީސްތަކުން ފިޠުރު ޒަކާތް ނެރެ އުޅުނީ ބަޔާންވެ ދިޔަ ފަސް ބާވަތުން ކަމެވެ. އެނޫން ބާވަތެއް ނެތުމުން އެހެން އެއްޗަކުން ނެރުމުގެ ވާހަކައެއް ނުވަތަ އޭގެ އަގެއްގެ ވާހަކައެއް އެބޭކަލުންގެ މެދުގައި ދެކެވިފައެއް ނުވެއެވެ. އެންމެހައި ޢިލްމުވެރިން އެއްބަސްވެ ވަޑައިގަންނަވާ ގޮތުގައި ފިޠުރު ޒަކާތް ނެރުމީ ވާޖިބުކަމެކެވެ. މޮޅު ގޮތަކީ މި ބުނެވުނު ބާވަތުން ނުވަތަ އެނޫންވެސް ކާ ބާވަަތަކުން ނެރުމެވެ. އިމާމު މާލިކުގެ އަރިިހުގައި ނެރެން ވާނީ ހަމައެކަނި އެފަސް ބާވަތަކުުން ކުރެ އެއްޗަކުންނެވެ. އިމާމު އަޙްމަދު ވިިދާޅުވަނީ ކޮންމެ ކާ ބާވަތަކުން ވެސް ނެރެވިދާނެ ކަމަށާއި އަގުން ހުއްދަ ނުވާނެ ކަމަށެވެ. އިމާމު ޝާފިޢީގެ ވެސް އެއްބަސްފުޅަކީ ކާބާވަތުން ނެރުމަށާއި އޭގެ ބަދަލެއް ކަމަކު ނުދާނެ ކަމަށެވެ. އަދި އިމާމު ޝާފިޢީގެ އަނެއް ބަސްފުޅަކީ މޮޅު ގޮތަކީ ކާބަވަތުން ކަމަށާއި އަގުން ދެވިދާނެ ކަމަށެވެ. ޝާފިޢީ މަޛްހަބުގައި ފަތުވާދެވެނީ މިރައުޔަށެވެ. އިމާމު އަބޫ ޙަނީފާގެ ބަސްފުޅަކީ ކާބާވަތުން ދެވިދާނެ ކަމަށާއި މޮޅުގޮތަކީ އަގު ނެރުން ކަމަށެވެ.

ފައިސާއިން ފިޠުރު ނެރުން ހުއްދަ ނުވާނެބާ!

މިފަތުވާއަކީ އަބޫ ސަޢީދުލް ޚުދްރީ އާއި ބައެއް އަޞްޙާބު ބޭކަލުންގެ ޚިޔާލުފުޅެކެވެ. އިމާމު އަޙްމަދު ޚިޔާރުކުރެއްވީ އަބޫ ސަޢީދުގެ ރައުޔެވެ. އެހެންނާ ޞަރީޙަ ބަސްފުޅަކުން ކީރިތި ރަސޫލާގެ އަރިހުން އިޝާރަތެއްވެސް އައިސްފއި އޮތީއެއް ނޫނެވެ. އެހެންކަމުން ބަޔާންވެ ދިޔަ ފަސް ބާވަތުން ނޫން އެއްޗަކުން ފިޠުރު ޒަކާތް ނެރެން ވެއްޖެނަމަ އަޞްޙާބު ބޭކަލުން އަގަށް އަންދާޒާ ކުރައްވައި އެއެއްޗަކުން ނެރުއްވައި އުޅުއްވިއެވެ.

މާތް ﷲ ރުއްސުންލެއްވި އަބޫ ސަޢީދުލް ޚުދްރީގެ ކިބައިން ރިވާވެގެން ވެއެވެ. [عَنْ أَبِي سَعِيدٍ الْخُدْرِيِّ قَالَ كُنَّا نُخْرِجُ إِذْ كَانَ فِينَا رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ زَكَاةَ الْفِطْرِ عَنْ كُلِّ صَغِيرٍ وَكَبِيرٍ حُرٍّ أَوْ مَمْلُوكٍ صَاعًا مِنْ طَعَامٍ أَوْ صَاعًا مِنْ أَقِطٍ أَوْ صَاعًا مِنْ شَعِيرٍ أَوْ صَاعًا مِنْ تَمْرٍ أَوْ صَاعًا مِنْ زَبِيبٍ فَلَمْ نَزَلْ نُخْرِجُهُ حَتَّى قَدِمَ عَلَيْنَا مُعَاوِيَةُ بْنُ أَبِي سُفْيَانَ حَاجًّا أَوْ مُعْتَمِرًا فَكَلَّمَ النَّاسَ عَلَى الْمِنْبَرِ فَكَانَ فِيمَا كَلَّمَ بِهِ النَّاسَ أَنْ قَالَ إِنِّي أَرَى أَنَّ مُدَّيْنِ مِنْ سَمْرَاءِ الشَّامِ تَعْدِلُ صَاعًا مِنْ تَمْرٍ فَأَخَذَ النَّاسُ بِذَلِكَ قَالَ أَبُو سَعِيدٍ فَأَمَّا أَنَا فَلاَ أَزَالُ أُخْرِجُهُ كَمَا كُنْتُ أُخْرِجُهُ أَبَدًا مَا عِشْتُ] މާނައީ: ތިމަންމެނާއެކު ކީރިތި ރަސޫލާ އުޅުއްވި އިރު، ތިމަންމެން ފިޠުރު ޒަކާތަށް ނެރެއުޅުނީ ކޮންމެ ކުޑަ ކުއްޖަކަށާއި ބޮޑު މީހަކަށް ނުވަތަ ކޮންމެ މިނިވަނަކަށާއި އަޅަކަށް ޞާޢެއްގެ މިންވަރެވެ. އެއީ ބާރުލީންނެވެ. ނުވަތަ ހިކި ކަދުުރުންނެވެ. ނުވަތަ ހިމަ ގޮދަނުންނެވެ. ނުވަތަ ކަދުރުންނެވެ. ނުވަތަ ހިކި މޭބިސް ކަދުރުންނެވެ. މިގޮތަށް ތިމަންމެން ޒަކާތް ނެރެމުންދަނިކޮށް، ޚަލީފާ މުޢާވިޔާގެ ދުވަސްވަރު އެކަލޭގެފާނު ޙައްޖުގެ ދަތުރުފުޅެއްގައި ނުވަތަ ޢުމުރާގެ ދަތުފުޅެއްގައި ތިމަންމެންގެ ގާތަށް ވަޑައިގަތެވެ. މިންބަރަށް އަރައިވަޑައިގެން އެކަލޭގެފާނު މީސްތަކުންނާ މުޚާޠަބު ކުރެއްވިއެވެ. އެކަލޭފާނު މީސްތަކުންނަށް އެންގެވި މައްސަލަތަކުގެ ތެރެއިން އެއްމައްސަލައަކަށް އެކަލޭގެފާނު ވިދާޅުވެފައިވެއެވެ. ތިމަން ކަލޭގެފާނަށް އެނގިވަޑައިގެންފައިވާ ގޮތުން ޝާމު ކަރައިގެ ގޮދަނުގެ ދެ މުއްދުގެ އަގު އެއްވަރުވަނީ ކަދުރު ޞާޢަކާއެވެ. އޭގެފަހުން މީސްތަކުން ޒަކާތް ނެރެމުން އައީ އެގޮތަށެވެ. އެއަށްފަހު އަބޫ ސަޢީދު ވިދާޅުވެފައި ވެއެވެ. މުޢާވިޔާ މިހެން ވިދާޅުވި ކަމުގައި ވިއަސް، ތިމަން ޒަކާތް ނެރެމުން އައީ ތިމަން ކުރީގައިވެސް ނެރެމުން އައި މިންވަރަށެވެ. މިގޮތަށް ތިމަން ދިރިހުރިހައި ދުވަހަކު ކަންތައް ކުރަމުންދިޔައިމެވެ.

މާތް ﷲ ރުއްސުންލެއްވި އަމީރު މުޢާވިޔާގެ މިޢަލުފުޅަށް ތާއީދު ކުރާ ރިވާޔަތެއް މާތް ﷲ ރުއްސުންލެއްވި ޢަބްދު ﷲ އިބްނި ޢުމަރުގެ ކިބައިން ރިވާވެގެން ވެއެވެ. [عَنْ عَبْدِ اللَّهِ بْنِ عُمَرَ قَالَ إِنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَمَرَ بِزَكَاةِ الْفِطْرِ صَاعٍ مِنْ تَمْرٍ أَوْ صَاعٍ مِنْ شَعِيرٍ قَالَ ابْنُ عُمَرَ فَجَعَلَ النَّاسُ عَدْلَهُ مُدَّيْنِ مِنْ حِنْطَةٍ] މާނައީ: ޢަބްދު ﷲގެފާނު ވިދާޅުވެފައިވަނީ ފިޠުރު ޒަކާތް ނެރުމަށް ކީރިތި ރަސޫލާ އަމުރު ކުރައްވާފައި ވެއެވެ. އެއީ ޞާޢެއްގެ ކަދުރެވެ. ނުވަތަ ޞާޢެއްގެ ހިމަގޮދަނެވެ. ދެން އިބްނު ޢުމަރު ވިދާޅުވެފައި ވެއެވެ. އެހެނަސް މީސްތަކުން ގޮދަނުގެ ނިޞާބު ހަމަވާ މިންވަރެއް ކަމުގައި ބަލަމުން ދިޔައީ ދެ މުއްދު އެވެ. (އެބަހީ ގާތްގަނޑަކަށް ބައި ޞާޢެވެ.)

މި ދެޙަދީޘުން ވަރަށް ސާފުކޮށް އަގުން ނެރުމަކީ މައްސަލައެއް ނޫންކަން އެނގެއެވެ. އަދި ގިނަ އަޞްޙާބު ބޭކަލުން ފަސް ބާވަތުން ނޫން އެއްޗަކުން ފިޠުރު ނެރުއްވާއިރު އަގަށް ބައްލަވައިގެން ނެރުއްވާކަން ސާފުކޮށް އެނގެއެވެ.

އެހެނިހެން އިމާމުންގެ ޚިޔާލުފުޅު:

(ހ) އިމާމު އިބްނިޙަޖަރު ނަގުލު ކުރައްވާފައިވެއެވެ. ޝާފިޢީ މަޛްހަބުގެ މަޝްހޫރު އިމާމެއް ކަމުގައިވާ އިމާމު އިބްނުލް މުންޛިރު ވިދާޅުވިއެވެ. ކީރިތި ރަސޫލާގެ އަރިހުން ގޮދަނާ ބެހޭ އެއްވެސް ބަސްފުޅެއް ތިމަންމެންނަކަށް އެނގިފައެއް ނުވެއެވެ. އެހެނީ އޭރު ގޮދަނަކީ (މަދީނާގައި ހައްދައިއުޅޭ އެއްޗެއްނޫނެވެ. މީހަކު ބޭރުންގެނެސް އަތުގައި ބަހައްޓާފައިހުރި އެއްޗެއް މެނުވީއެވެ. (އަޅުގަނޑުމެން މިކިޔާ އާޓާފުށް ހަދަނީމިއިންނެވެ.)

ދެން ޞަޙާބާއިންގެ ދުވަސްވަރު މީސްތަކުންގެ އަތްމަތީ ގޮދަން ގިނަވުމުން އެބޭކަލުން ބެއްލެވީ ހިމަގޮދަން ޞާއެއްްގެ އަގަށް ބަލާފައި ގޮދަން ބައި ޞާޢު ޒަކާތަށް ނެރުމަށެވެ. އުއްމަތުގެ އިސް އިމާމުންނަކީ އެބޭކަލުންނެވެ. އެހެންކަމުން ތިމަންމެންނަށް އެބޭކަލުންގެ ބަސްފުޅު ދޫކޮށްލާފައި ދިއުމަކަށް ހުއްދައެއް ނުވާނެެވެ. ދެން އިބްނި ޙަޖަރު ވިދާޅުވަނީ އިމާމު އިބްނި މުންޛިރު ޞައްޙަ ސަނަދުން ބޮޑެތި އަޞްޙާބު ބޭކަލުންގެ ރައުޔު ގެންނެވިއެވެ. އެއީ މާތް ﷲ އެބޭކަލުންނަށް ރުއްސުންލެއްވި ޢުޘްމާނުގެފާނާއި ޢަލީގެފާނާއި އަބޫހުރައިރަތުގެފާނާއި ޖާބިރުގެފާނާއި އިބްނިިޢައްބާސްގެފާނާއި ޢަބްދު ﷲ އިބްނި ޒުބައިރުގެފާނާއި އެކަލޭގެފާނުންގެ މަންމާފުޅު އަސްމާއާއި އެނޫން ބޭކަލުންނެވެ. މިބޭބޭކަލުންގެ ރައުޔަކީ ފިޠުރު ޒަކާތް ނެރުމުގައި ގޮދަނުން ނެރޭނަމަ އަގަށް ބަލައިގެން ބައި ޞާޢުގެ މިންވަރު ނެރުމަށެވެ. އެއަށްފަހު އިބްނި ޙަޖަރު ވިދާޅުވެފައި ވަނީ އިމާމު އަބޫ ޙަނީފާ އަގު ނެރުމަށް ބުރަވެ ވަޑައިގަތް މަގަކީ މިއީއެވެ. މިއަށް އިބްނި ޢުމަރުގެ ރިވާޔަތް ވެސް އެބަ ތާއީދު ކުރެއެވެ. (އަލްފަތުޙު: 3/436)

(ށ) އަދިވެސް އިބްނު ޙަޖަރު އިމާމު ޠަޙާވީގެ ބަސްފުޅު މިފަދައިން ނަގުލު ކުރައްވާފައި ވެއެވެ. އަބޫ ސަޢީދުލް ޚުދްރީ ގެންނެވި ޙަދީޘުން ސާބިތު ކޮށްދެނީ އެ ފަސް ބާވަަތަކީ އެ ޒަމާނުގައި އަގުގެ ގޮތުން އެއްވަރު އެއްޗެހި ކަމާއި އެއާ ތަފާތުވާ އެއްޗެއް މީހަކު ނެރޭނަމަ އޭގެއަގާ އެއްވަރު ނުވާނަމަ އެއަގާ އެއްވަރުވާ ވަޒަނެއް ނެރެން ޖެހޭނެ ކަމަށެވެ. ދެން އެއީ ކޮންމެ ބާވަތެއްގެ ކާޑަކަށް ބެލިކަމުގައި ވިއަސްވެހެވެ. އޭރަކުން ގޮދަނާ އެހެން އެއްޗަކާ ތަފާތެއް ނޯންނާނެއެވެ. އިމާމު ޝާފިޢީއާއި އެކަލޭގެފާނަށް ތަބާވެ ވަޑައިގެންނަވާ ޢިލްމުވެރިންގެ ޙުއްޖަތަކީ މިއީއެވެ.

(ނ) އިމާމު އިބްނި އަބީ ޝައިބާއާއި ޠަޙާވީއާއި އިބްނި ޙަޖަރު ނެރުއްވާފައި ވެއެވެ. މާތް ﷲ ރުއްސުން ލެއްވި ޢުޘްމާނުގެފާނު ޚުޠްބާއެއްގައި ވިދާޅުވިއެވެ. [أَدُّوا زَكَاةَ الْفِطْرِ مُدَّيْنِ مِنْ حِنْطَة] (ތިޔަބައިމީހުން ފިޠުރު ޒަކާތަށް ގޮދަނުން ނެރޭނަމަ ބައިޞާޢު ނެރޭށެވެ.)

(ރ) އިމާމު އިބްނި އަބީ ޝައިބާއާއި އިބްނި ޚުޒައިމާ މާތް ﷲ ރުއްސުންލެއްވި އިބްނި ޢުމަރުގެ ކިބައިން ރިވާވެގެން ވެއެވެ. [قَالَ ابْنُ عُمَرَ فَلَمَّا كَانَ مُعَاوِيَةُ عَدَلَ النَّاسُ نِصْفَ صَاعِ بُرٍّ بِصَاعٍ مِنْ شَعِيرٍ] (އަމީރު މުޢާވިޔާގެ ދުވަސްވަރުގައި އެކަލޭގެފާނު ހިމަގޮދަން ޞާއެއްގެ އަގުގެ މިންވަރު ގޮދަން ބައި ޞާޢެއް ކަމުގައި ކަނޑައަޅުއްވައި މީސްތަކުންނަށް އެންގެވިއެވެ.

(ބ) އަދިވެސް އިބްނި އަބީ ޝައިބާ ރިވާކުރަށްވާފައި ވެއެވެ. [فَلَمَّا كَانَ عُمَرُ كَثُرَتِ الْحِنْطَةُ ، فَجَعَلَ عُمَرُ نِصْفَ صَاعِ حِنْطَةٍ مَكَانَ صَاعٍ مِنْ تِلْكَ الْأَشْيَاءِ] (ދެންފަހެ ޢުމަރުގެފާނުންގެ ދުވަސްވަރު މަދީގައި ގޮދަން ޢާއްމުވުމުން އެކަލޭގެފާނު ހަމަޖެއްސެވީ ކަނޑައެޅިފައިވާ ފަސްބާވަތަށް އޮންނަ ޞާޢުގެ ބަދަލުގައި އޭގެ އަގަށް ބައްލަވާފައި ބައި ޞާޢު ކަޑައެޅުއްވިއެވެ.

(ޅ) އަދިވެސް އިބްނު ޙަޖަރު ވިދާޅުވެފައި ވެއެވެ. މިގޮތުން ފިޠުރު ޒަކާތް ނެރުމުގައި ނަގުދު ފައިސާ ދެއްކުމަށް އިމާމު އަބޫ ޙަނީފާ ވިދާޅުވާއިރު އެގޮތަށް ވިދާޅުވާ އެތަކެއް ތާބިޢީ ބޭކަލުންނެއް އެބަތިއްބެވިއެވެ. އެބޭކަލުންގެ ތެރޭގައި އިމާމު ސުފްޔާނުއް ޘައުރީއާއި އަލް ޙަސަނުލް ބަޞްރީއާއި ޚަލީފާ ޢުމަރު އިބްނިޢަބްދުލް ޢަޒީޒު ހިމެނި ވަޑައިގަންނަވަައެވެ. ހަމައެހެންމެ ބައެއް ޢަޞްޙާބު ބޭކަލުންގެ އަރިިހުން އެރައުޔު ފެންނާން އެބައޮތެވެ. މިސާލަކަށް އިމާމު މުސްލިމު ނެރުއްވި އިބްނި ޢުމަރުގެ ރިވާޔަތުން އެނގޭފަދައިންނެވެ.

(ކ) އިމާމު އިބްނި އަބީޝައިބާވަނީ ނަގުދު ފައިސާއިން ފިޠުރު ނެރެވޭނެ ކަން ބަޔާން ކުރައްވައި އެކަލޭގެފާނުންގެ މުޞައްނިފުގައި މުސްތަޤިއްލު ބާބެއް ބަޔާން ކުރައްވާފައެވެ. އޭގައި އެކަލޭގެފާނު ވިދާޅުވެފައިވެއެވެ. އޭގައި ވަނީ، "ފިޠުރު ޒަކާތަށް ނަގުދު ފައިސާއިން ދިނުން ހުއްދަވެގެން ވާކަން ހާމަކޮށްދޭ އަސަރުތަކެއް ހުރިކަން ބަޔާންވެގެންވާބާބު" މިހެންނެވެ. މިގޮތުން އެއްރިވާޔަތަކަށް އަންނަނީ ޢުމަރު އިބްނި ޢަބްދުލް ޢަޒީޒުގެ ޚިލާފަތުގައި ބަޞްރާގެ ގަވަރުނަރަށް އެކަލޭގެފާނު އަންގަވާފައިވާ އަމުރުފުޅެވެ. [حَدَّثَنَا أَبُو أُسَامَةَ عَنْ ابْنِ عَوْنٍ قَالَ سَمِعْت كِتَابَ عُمَرَ بْنِ عَبْدِ الْعَزِيزِ يُقْرَأُ إلَى عَدِيٍّ بِالْبَصْرَةِ يُؤْخَذُ مِنْ أَهْلِ الدِّيوَانِ مِنْ أَعْطِيَّاتِهِمْ عَنْ كُلِّ إنْسَانٍ نِصْفُ دِرْهَمٍ] (އެސިޓީފުޅުގައި ވަނީ ވެެރިކަމުގެ ކޮއިލުގެ ކޮންމެ ބޮލަކުން ބައި ދިރުހަމް ނެގުމަށެވެ. އަދިވެސް ޤުއްރާގެ ކިބައިން ރިވާވެގެން ވެެއެވެ.) [حَدَّثَنَا وَكِيعٌ عَنْ قُرَّةَ قَالَ جَاءَنَا كِتَابُ عُمَرَ بْنِ عَبْدِ الْعَزِيزِ فِي صَدَقَةِ الْفِطْرِ نِصْفُ صَاعٍ عَنْ كُلِّ إنْسَانٍ أَوْ قِيمَتُهُ نِصْفُ دِرْهَمٍ] (ތިމަންމެންނަށް ޢުމަރު އިބްނި ޢަބްދުލް ޢަޒީޒުގެ ފަރާތްޕުޅުން ފިޠުރު ޒަކާތާ ބެހޭގޮތުން ސިޓީފުޅެއް އައެވެ. އޭގައިވަނީ ކޮންމެ މީހެއްގެ އަތުން ޞާޢެއްގެ މިންވަރު ނެގުމަށާއި ނުވަތަ އޭގެ އަގަށްވާ ބައި ދިރުހަމް ނެގުމަށެެވެ.)

(އ) މަޝްހޫރު ތާބިޢީ ބެއިކަލެއް ކަމުގައިވާ އިމާމު އަލްޙަސަނުލް ބަޞްރީގެ ކިބައިން ރިވާ ވެގެން ވެއެވެ. [حَدَّثَنَا وَكِيعٌ عَنْ سُفْيَانَ عَنْ هِشَامٍ عَنْ الْحَسَنِ قَالَ لَا بَأْسَ أَنْ تُعْطِيَ الدَّرَاهِمَ فِي صَدَقَةِ الْفِطْرِ] (އެކަލޭގެފާނު ވިދާޅުވެފައިވަނީ ފިޠުރު ޒަކާތުގެ ގޮތުގައި ފައިސާއިން ނެގުމުގައި މައްސަލައެއް ނެތެވެ.)

(ވ) ހަތަރުވަނަ ޤަރުނުގައި ހުންނެވި އެންމެބޮޑު އެއް އިމާމު ކަމުގައިވާ އިމާމު އަބޫ އިސްޙާޤުގެ ކިބައިން ރިވާވެގެން ވެއެވެ. [عَنْ زُهَيْرٍ قَالَ سَمِعْت أَبَا إِسْحَاقَ يَقُولُ أَدْرَكْتهمْ وَهُمْ يُعْطُونَ فِي صَدَقَةِ رَمَضَانَ الدَّرَاهِمَ بِقِيمَةِ الطَّعَامِ] (ތިމަންކަލޭގެފާނަށް ޢިލްމުވެރިން ފެނިވަޑައިގެންފައި އޮތީ އެބޭކަލުން ފިޠުރު ޒަކާތުގެ ގޮތުގައި ކާޑުގެ ބަދަލުގައި އޭގެ އަގަށްވާ ފައިސާއިން ނެރުއްވާ ތަނެވެ.)

(އ) އިމާމު އިބްނި މުންޛިރު އަލްއައުސަޠުގައި ބަޔާން ކުރައްވާފައި ވެއެވެ. ކީރިތި ރަސޫލާގެ އަޞްޙާބު ބޭކަލުން ކަދުރާއި ހިމަ ގޮދަނުން ފިޠުރު ޒަކާތުގެ ގޮތުގައި ޞާޢެއް ނަންގަވަމުން ގޮސް ގޮދަނުން ނަންގަވަމުން އެއާ އަގުކުރައްވައި ގޮދަނުން ބައިޞާޢު ނަންގަވަތެވެ. އެހެންކަމުން ތިމަން ކުރީންވެސް ބަޔާން ކުރިފަދައިން މިއީ ޢިލްމުވެރިންގެ މެދުގައި އިޚްތިލާފުވެފައި އޮތް ދީނުގެ ފަރުޢީ މައްސަލައެކެވެ. އަދި މިޚިލާފު އޮތީ އިހުނުއްސުރެންނެވެ. މިއީ މިކަމުގައި ދާއިރާ ތަނަވަސް ވެފައި އޮތް މައްސަލައެކެވެ. ވުމާއެކު ޙަދީޘުގައި ބަޔާންވާ ބާވަތްތަކުން މީހަކު ތިމާގެ ޒަކާތް ނަގާނަމަ ފަޤީރުންނަށް ފައިދާ ބޮޑުވެފައި އެމީހުންގެ ޙާޖައްތަށް އެގޮތުގައި ފުއްދައި ދޭނަމަ އެގޮތްވެސް ރަނގަަޅެވެ. އަދި ފިޠުރު ޒަަކާތަށް ނެރޭ އެއްޗެހީގެ އަގުނަގަމުން ދިއުމަކީވެސް ސަލަފުއްޞާލިޙުންގެ މެދުގައި ޢަމަލު ކުރަމުން އައި ގޮތެކެވެ. އެހެން ނަމަވެސް ޖުމްހޫރު ދަންނަބޭކަލުން އިސްކަން ދެއްވާފައި އޮތީ ކާޑުގެ ބާވަތުން ނެރުމަށެވެ. وَاللَّهُ تَعَالَى أَعْلَمُ

ހަނޑުލުން ޒަކާތް ނެރެވޭނެތޯ؟

ދިވެހި ރާއްޖެއަކީ ގޮވާންކޮށް އުޅޭތަނެއް ނޫނެވެ. އަޅުގަނޑުމެން އަތަކު ހިމަ ގޮދަނެއްވެސް އަދި ކަދުރެއްވެސް ނުހުރެއެވެ. އެންމެ ކުޑަމިނުން އާޓާ ގޮދަން ވެސް ނުހުރެއެވެ. އަދި ކިއެއްތޯއެވެ؟ ޙަދީޘުން ސާބިތުވާ ފަސްބައިން ކުރެ އެއްވެސް ބައެއް އަޅުގަނޑުމެން ޢާއްމުކޮށް ބޭނުން ކޮށެއް ނުހަދަމެވެ. ޢާއްމުކޮށް ކައި އުޅެނީ ހަނޑުލެވެ. އަދި އަޅުގަނޑުމެން އަތަކު ހަނޑުލެއް ވެސް ނުހުރެއެވެ. ކާޑުގެ ބާވަތުން ޒަކާތް ދައްކަންޏާ ޖެހެނީ ފައިސާ ދީފައި ގަނެގެން ދެން އެއިން ޒަކާތް ދައްކާށެވެ. ޒަކާތް ދެއްކޭނެ ދެގޮތް އޮތްވާ ފުރަގަހުން ކަންފަތުން ހިފުމުގެ ބޭނުމަކީ ކޮބައިތޯއެވެ؟

ދަންނަވަންތޯއެވެ؟ ހަނޑުލަކީ އޭރުގައި ޢަރަބިން ދަންނަ އެއްޗެއް ވެސް ނޫނެވެ. ކީރިތި ޤުރުއާނުގައި ނުވަތަ ލޮބުވެތި ރަސޫލާގެ އެންމެ ޙަދީޘެއްގައި ވެސް ހަނޑުލަށް ކިޔާނަން [الرُّزّ] އައިސްފައި ނެތެވެ. ދެން ސުއްނަތް ގޮތަކީ މިއީއޭ ކިޔައިގެން ފަސޭހަ ގޮތުގައި ޒަކާތް ދެއްކެން އޮތްވައި ފައިސާއިން ދެއްކުން ޙަރާމްވާނެއޭ ބުނެ، ހަނޑުލަށް މަޖްބޫރު ކުރުވުމުގެ ބޭނުމެއް އެބަ އޮތްތޯއެވެ.

ކާޑުގެ ބާވަތުން ޒަކާތް ދިނުމަކީ ފަޤީރުންލިބޭ ގެއްލުމެއް

އަޅުގަނޑުމެން ކާޑުގެ ބާވަތުން ޒަކާތް ދިނުމުން ފަޤީރު މީހާއަށް ޢީދުގައި ބޭނުން ވާނެ ޙާޖަތްތަކަށް ނުފުދެއެވެ. އެހެން ކަމުން އެމީހުން ހަދާގޮތަކީ ނުއަގުގައި ވިޔަފާރިވެރިންނަށް އެތަކެތި ވިއްކާލާފައި ފާއިސާއަށް ބަދަލުކޮށްގެން އެމަދު ފައިސާކޮޅު ބޭނުން ކުރަނީއެވެ.

ޚުލާޞާއެއްގެ ގޮތުގައި އަޅުގަނޑު ދަންނަވާނީ ފިޠުރު ޒަކާތް ދިނުމުގައި އައުލާގޮތަކީ ދަނޑުވެރިން ތިމާމެންގެ އޮށްޓަރުން ދެއްކުމެވެ. އަދި އޮށްޓަރުން ދެއްކުމަކީ ވާޖިބު ކަމެއް ނޫނެވެ. ފައިސާހުރި ނަމަ އެމީހުންނަށް ފައިސާއިންވެސް ދެއްކިދާނެއެވެ. އަދި އެނޫން މީހުންނަށް އައުލާގޮތަކީ ފައިސާއިން ދެއްކުމެވެ. އަތުގައި އޮށްޓަރު ހުރެއްޖެނަމަ އެއިންވެސް ދެއްކިދާނެއެވެ.

وَصَلَّى اللَّهُ وَسَلَّمَ عَلَى خَيْرِ خَلْقِهِ مُحَمَّدٍ وَآلِهِ وَصَحْبِهِ أَجْمَعِينَ

- ކޮމެންޓް