ޗެލްސީގެ ފަރިތަކުރުންތަކުން ފްރާންސްގެ މިޑް ފީލްޑަރު އެންގޯލޯ ކާންޓޭ އަށް ލުޔެއްދޭން އެ ކްލަބުން ނިންމައިފި އެވެ.
ނޮވެލް ކޮރޯނާވައިރަސް (ކޮވިޑް-19) އާ ގުޅިގެން މެދުކަނޑާލާފައިވާ އިނގިރޭސި ޕްރިމިއަރ ލީގު އަލުން ފެށުމަށް ތައްޔާރުވަމުން އަންނައިރު، އަންގާރަ ދުވަހު ކްލަބުތަކުން ވަނީ ކުދި ގްރޫޕްތައް ހިމެނޭ ގޮތަށް ފަރިތަކުރުންތައް ފަށާފަ އެވެ. އެކަމަކު ރައްކާތެރިކަމުގެ ގޮތުން ފަރިތަކުރުންތައް ކުރިއަށް ގެންދާނީ ހަރުކަށި ފިޔަވަޅުތަކަކާއި އެކުއެވެ.
ކާންޓޭ ވަނީ ޗެލްސީން މިދިޔަ އަންގާރަ ދުވަހު ބޭއްވި ފަރިތަކުރުންތަކުގައި ބައިވެރިވެފަ އެވެ. އެކަމަކު އެ ދުވަހު ކުރިއަށް ގެންދިޔަ ހުރިހާ ސެޝަނެއް ކާންޓޭއަށް ފުރިހަމަ ނުކުރެވުނެވެ. އަދި ބުދަ ދުވަހު ބޭއްވި ފަރިތަކުރުންތަކުގައި ކާންޓޭ ބައިވެރިވެފައެއް ނުވެއެވެ.
އުމުރުން 29 އަހަރުގެ ކާންޓޭ މީގެ ދެ އަހަރު ކުރިން ވަނީ ޗެލްސީގެ ފަރިތަކުރުންތަކުގެ ތެރެއިން ހޭނެތިގެން ވެއްޓިފަ އެވެ. އެ ފަހަރު ހެދި ޓެސްޓުތަކުން ކާންޓޭގެ ހިތުގެ މައްސަލައެއް ހުރި ކަމަށް ދައްކާފައެއް ނުވެއެވެ.
ރިޕޯޓުތައް ބުނާ ގޮތުން މި ވަގުތު މާހައުލު އޮތްގޮތުން ސްކޮޑާ އެކުގައި ފަރިތަކުރަން ކާންޓޭ ޖެހިލުން ވާތީ ޗެލްސީން ވަނީ އޭނާ އަށް ލުޔެއް ދީފައެވެ. ކާންޓޭ ގޭގައި އެކަނި ތަމްރީނުތައް ކުރިއަށްގެންދާ ގޮތަށް ހަމަޖައްސާފައި ވާއިރު، އޭނާގެ ޙާލަތު ރަނގަޅުވުމުން އަލުން މެޑިކަލް ޗެކަޕްތަކަށް ފަހު ޓީމާ ގުޅޭނެ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.
އަންގާރަ ދުވަހުގެ ފަރިތަކުރުންތަކަށް ކާންޓޭ ނުކުތީ ކޮވިޑް-19 ށް ޓެސްޓު ކުރުމަށް ފަހު، ނަތީޖާ ނެގެޓިވް ވުމުންނެވެ.
ޖޫން މަހު އިނގިރޭސި ޕްރިމިއަރ ލީގު އަލުން ފަށަން މަސައްކަތް ކުރަމުން އަންނައިރު، ދާދި ފަހުން ހެދި ޓެސްޓު ތަކުން ޕްރިމިއަރ ލީގުން 6 މީހަކު ވަނީ ކޮވިޑް-19 ށް ޕޮޒިޓިވް ވެފައެވެ.