މެކްސިކޯގެ ފުރަތަމަ ޑިވިޝަން ކަމަށްވާ ލީގާ އެމްއެކްސްގައި ވާދަކުރަމުން އަންނަ ސަންޓޯސް ލަގޫނާގެ 8 ކުޅުންތެރިއަކު ކޮރޯނާވައިރަސް (ކޮވިޑް-19) ށް ޕޮޒިޓިވް ވެއްޖެ އެވެ.
މެކްސިކޯ ލީގުން ވަނީ ސަންޓޯސް ލަގޫނާ އިން 8 ކުޅުންތެރިއަކު ކޮވިޑް-19 ށް ޕޮޒިޓިވްވިކަން ހާމަކޮށްފައެވެ. އެ ލީގުން ބުދަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސަންޓޯސް ލަގޫނާގެ 8 ކުޅުންތެރިއަކު ވައިރަހަށް ޕޮޒިޓިވްވި ނަމަވެސް، އެ ހުރިހާ ކުޅުންތެރިންގެވެސް ހާލު ރަނގަޅު ކަމަށެވެ. އަދި އެ ކުޅުންތެރިން ޕޮޒިޓިވްވި ނަމަވެސް، އެ ކުޅުންތެރިންގެ ހަށިގަނޑުން ވައިރަހުގެ އަލާމާތެއް ފެނިފައިނުވާ ކަމަށްވެސް ވަނީ ބުނެފައެވެ.
ސަންޓޯސް ލަގޫނާގެ 8 ކުޅުންތެރިއަކު ކޮވިޑް-19 ށް ޕޮޒިޓިވްވިކަން މެކްސިކޯ ލީގުން ހާމަކުރި ނަމަވެސް، އެ ކުޅުންތެރިންގެ ނަންތައް ހާމަކޮށްފައެއް ނުވެއެވެ.
ސަންޓޯސް ލަގޫނާގެ 8 ކުޅުންތެރިއަކު ކޮވިޑް-19 ށް ޕޮޒިޓިވްވުމުން، އެ ކްލަބުގެ ރައީސް ވަނީ މި ސީޒަންގެ މެކްސިކޯ ލީގު ކުރިއަށް ގެންދަން ބޭނުންނުވާ ކަމަށް ބުނެފައެވެ.
ކޮވިޑް-19 އާ ގުޅިގެން މެކްސިކޯ ލީގު މެދުކަނޑާލީ މާޗު މަހުގެ 15 ވަނަ ދުވަހު އެވެ. ޖުލައި މަހު ލީގު އަލުން ފެށުމަށް ކްލަބުތަކުން މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓުތައް ވަނީ ބުނެފައެވެ.