ލޮކްޑައުން ގަވާއިދުތަކާ ތިންވަނަ ފަހަރަށް ޚިލާފުވުމުން ޑިފެންޑަރު ސާޖް އޯރިއޭގެ މައްސަލަ ބަލަން ޓޮޓެންހަމް ހޮޓްސްޕާ އިން ނިންމައިފި އެވެ.
ކޮރޯނާވައިރަސް (ކޮވިޑް-19) އާ ގުޅިގެން އިނގިރޭސިވިލާތުން ކަނޑައަޅާފައިވާ ލޮކްޑައުން ގަވާއިދުތަކާ ޚިލާފަށް މީގެ ދެ ފަހަރެއްގެ މަތިންވެސް އޯރިއޭ ވަނީ އަމަލުކޮށްފައެވެ. އެގޮތުން އޯރިއޭ ވަނީ މީގެ ކުރިން އޭނާގެ ރައްޓެއްސަކާއެކު ގަވާއިދުތަކާ ޚިލާފަށް އެކުގައި ކަސްރަތުކުރަމުންދިޔަ ވީޑިއޯއަކާއި ޓޮޓެންހަމްގެ މިޑްފީލްޑަރު މޫސާ ސިސޯކޯ އާއެކު ގަވާއިދުތަކާ ޚިލާފަށް އެކުގައި ކަސްރަތުކުރަމުންދިޔަ ވީޑިއޯއެއް އިންސްޓާގްރާމްގައި ހިއްސާކޮށްފައެވެ. އެ ދެ ފަހަރުވެސް ސިސޯކޯ ވަނީ އެކަމަށް މާފަށް އެދިފައެވެ.
އަނެއްކާވެސް ދާދި ފަހުން އޯރިއޭ ވަނީ ބޯކޮށުމަށްފަހު އޭނާގެ ސްޓައިލިސްޓާއެކު ނަގާފައިވާ ފޮޓޯއެއް އިންސްޓާގްރާމްގައި ހިއްސާކޮށްފައެވެ. އެއާއެކު ޓޮޓެންހަމުން ވަނީ އޯރިއޭގެ މައްސަލަ ބެލުމަށް ނިންމާފައެވެ.
ލޮކްޑައުން ގަވާއިދުތަކާ ތިންވަނަ ފަހަރަށް އޯރިއޭ ޚިލާފުވިއިރު، މީގެ ކުރިން ޓޮޓެންހަމްގެ ކޯޗު ހޯސޭ މޮރީނިއޯ އެ ކްލަބުގެ ބައެއް ކުޅުންތެރިންނާ އެކުގައި ބޭރުގައި ކަސްރަތު ކުރަން އުޅުނުއިރު، އިޖުތިމާއި ގައިދުރުކަމުގެ ގަވާއިދާ ޚިލާފަށް އަމަލުކުރުމުން، ޓޮޓެންހަމުން ވަނީ ގަވާއިދުތަކަށް ބޯލެނބުމަށް އެޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންނަށް އިލްތިމާސްކޮށްފައެވެ. އަދި މޮރީނިއޯ އެފަހަރު ވަނީ އެކަމަށް މާފަށް ވެސް އެދިފައެވެ.