މެންޗެސްޓާ ސިޓީ ސަސްޕެންޑް ކުރި މައްސަލަ ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ސީއޭއެސް) ގައި ޖޫން 8-10 ށް ތާވަލުކޮށްފި އެވެ.
މިދިޔަ ފެބްރުއަރީ މަހު ޔުއެފާ އިން ވަނީ ފައިނޭންޝިއަލް ފެއާޕްލޭ (އެފްއެފްޕީ) ގަވާއިދާ ސިޓީން ޚިލާފުވެފައިވާތީ އެ ކްލަބު ޔޫރަޕްގެ މުބާރާތްތަކުން ސަސްޕެންޑް ކުރަން ނިންމާފައެވެ. ޔުއެފާ އިން ކުރިއަށް އޮތް ދެ ސީޒަނަށް ސިޓީ ސަސްޕެންޑް ކުރުމުން، 2020/2021 އަދި 2021/2022 ވަނަ އަހަރުގެ ސީޒަނުގެ ޔޫރަޕް މުބާރާތްތަކުގައި އެޓީމަށް ނުކުޅެވޭނެ އެވެ. މީގެ އިތުރުން ޔުއެފާ އިން ވަނީ އެޓީމު 30 މިލިއަން ޔޫރޯ އިން ޖޫރިމަނާވެސް ކޮށްފައެވެ.
އެއާއެކު ސިޓީން ވަނީ މި މައްސަލަ ސީއޭއެސް ގައި އިސްތިއުނާފު ކޮށްފައެވެ. ކޮރޯނާވައިރަސް (ކޮވިޑް-19) އާ ގުޅިގެން މި މައްސަލައިގެ އަޑުއެހުން ބޭއްވުން ލަސްވާނެ ކަމަށް ބެލެވުނު ނަމަވެސް، ސީއޭއެސް އިން މިހާރު ވަނީ މި މައްސަލައިގެ އަޑުއެހުން ޖޫން މަހުގެ 8-10 ށް ތާވަލުކޮށްފައެވެ.
ޔުއެފާ އިން ސިޓީ ސަސްޕެންޑް ކުރި ނަމަވެސް، ސިޓީން ވަނީ އެއްވެސް ގޯހެއް ހަދާފައިނުވާނެ ކަމަށް ތަކުރާރުކޮށް ބުނަމުންނެވެ. އަދި އެ ޓީމަށް ދީފައިވާ އަދަބަކީ އިންސާފުވެރިކޮށް ކޮށްފައިވާ ކަމެއް ނޫން ކަމަށް އެ ޓީމުން ބުނެ އެވެ.
ސިޓީގެ މި މައްސަލައިގައި ޔުއެފާ އިން އަދަބު ދިންއިރު، އިނގިރޭސި އެފްއޭ އިންވެސް އަންނަނީ މި މައްސަލަ ބަލަމުންނެވެ. އަދި އެފްއޭ އިން ކުރާ ތަހުގީގު ސިޓީގެ މައްޗަށް ސާބިތުވެއްޖެނަމަ، އެ ކްލަބުގެ އަތުން 2014 ވަނަ އަހަރުގެ ލީގު ތަށި ނެގުމުގެ ފުރުސަތު އެބައޮތް ކަމަށް ރިޕޯޓުތައް ބުނެއެވެ.