ކޮވިޑް-19 އާއި ގުޅިގެން ކުޑަކުދިންނާއި ގުޅޭ މައްސަލަތައް ހުށެހެޅޭ މިންވަރު ވަރަށް ބޮޑަށް ދަށްވެފައި ވީ ނަމަވެސް، އެއީ ހާލަތު ގޯސްވެފައިވާ ކަމުގެ އިޝާރާތެއްގެ ގޮތުގައި ބެލެވިދާނެ ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.
ކޮވިޑް-19 އާއި ގުޅިގެން ސްކޫލްތައް ބަންދުކުރެވިފައިވާއިރު، ކުދިން ގޭގައި ތިބެންޖެހުމާޢި އެކު، މި ފަދަ މައްސަލަތައް ހުށެހޭ މިންވަރު މަދުވުމަކީ، މި ފަދަ މައްސަލަތައް ސަމާލުކަމަށް ނައުން ކަމަށް ބައިނަލްއަގުވާމީ ރިޕޯޓުތަކުން ބުނެއެވެ.
ކޮވިޑް-19 އާއި ގުޅިގެން އެޅިފައިވާ އިޖްތިމާއީ ގައިދުރުކަމުގެ ފިޔަވަޅުތަކުގެ ސަބަބުން ކުޑަކުދިން މި ނުރައްކަލަށް ހުށެހެޅޭ ފުރުސަތު ކުޑަވުމަކީ ވެސް މައްސަލަތައް ހުށެހެޅޭ މިންވަރު މަދުވުމުގެ ސަބަބެއް ކަމަށް ވުމަކީ އެކަށީގެންވާ ކަމެކެވެ.
އެެމެރިކާއަށް ބަލާލާއިރު، މެސަޝުސެޓްސްގައި ކުޑަކުދިންނާއި ގުޅޭ މައްސަލަތައް ހުށެހެޅޭ މިންވަރު ވަނީ 55%ށް ދަށްވެފައެވެ. އެގޮތުން މަރޗް މަހުގެ ފުރަތަމަ ހަފުތާއިން އޭޕްރިލް މަހުގެ ފަހު ހަފުތާއަށް ހުށަހެޅުނީ 972 މައްސަލައެވެ. މިދިޔަ އަހަރާ އަޅާ ކިޔާއިރު، އެމެރިކާގެ ބައެއް ސްޓޭޓުތަކުގައި މިފަދަ މައްސަލަތައް ހުށެހެޅޭ މިންވަރު ވަނީ ދެ ގުނައިން ދަށްވެފަ އެވެ.
ވޮޝިންގްޓަން ޔުނިވަރސިޓީގެ އިޖްތިމާއީ މަސައްކަތުގެެ ޕްރޮފެސަރ އެއްކަމަށްވާ މެލިސާ ޖޮންސަން ރީޑް ވިދާޅުވެފައިވަނީ ކުޑަކުއްޖަކަށް އަނިޔާގެ މައްސަލަތައް ދެެނެގަތުމަށް ޓްރެއިން ކުރެވިފައިވާ މީހުންނާއި (ޓީޗަރުން، ކޯޗުން) ކުދިންނާއި އެކު ހޭދަކުރެވޭ ވަގުތު މަދުވުމަކީ ރިޕޯޓު ކުރެވޭ މިންވަރު ދަށްވެފައިވާ އެއް ސަބަބު ކަމަށެވެ. އަދި އެއީ އިންތިހާއަށް ކަންބޮޑުވެފައިވާ ކަމެއް ކަމަށެވެ.
އެމެރިކާގެ ނެޝަނަލް ޗިލްޑްރެންސް އެޑްވޮކެސީ ސެންޓަރުގެ އިންޓަރވެންޝަން އެންޑް ކްލިނިކަލް ޑިރެކްޓަރ ޕޯލާ ވުލްވްޓީޗް އާއި ހަވާލާދީ ސީއެންއެންގައި ރިޕޯޓުކޮށްފައިވާ ގޮތުން ކޮވިޑް-19 ފެތުރުން ކުޑަކުރުމަށްޓަކައި އެޅިފައިވާ ފިޔަވަޅުތަކުގެ ސަބަބުން ހައި ރިސްކު އާއިލާތައް، ނުވަތަ މިފަދަ އަނިޔާތަކަށް ހުށަހެޅިފައިވާ އާއިލާތަކާއި މި ދަނޑިވަޅުގައި ގުޅުން ބޭއްވުމަށް އުނދަގޫތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. އަދި ގޭގައި ބަންދުވެފައި ތިބެންޖެހުމާއެކު، މަސްތުވާތަކެތި ބޭނުން ކުރުމާއި، ގެވެށި އަނިޔާއަށް ކުޑަކުދިން ހުށަހެޅިފައިވާ ވަރު ވަރަށް ބޮޑަށް އިތުރުވާނެ ކަމަށެވެ.