މާލެ ސިޓީ ލޮކްޑައުން ކުރުމާ ގުޅިގެން އެންމެ ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވަނީ ދާއިމީ ބައްޔަށް ބޭސް ކުރާ މީހުންނަށް ކަމަށް މޯބައިލް މެޑިކަލް ރެސްޕޯންސް ޓީމުން ބުނެފި އެވެ.
އާދިއްތަ ދުވަހުގެ ރޭ ނެޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ) ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި, އެ ޓީމްގައި ހިމެނިވަޑައިގަންނަވާ ޑރ. މުހައްމަދު އައްޒާމް ވިދާޅުވީ ކޮވިޑް-19އާ މިހާލަތާ ގުޅިގެން ގިނަ ބަޔަކަށް އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށެވެ.
އެގޮތުން އެސްޓީއޯ އަދި އާސަންދައިން ފޯރުކޮށްދޭ ބޭސްތައް ބަލި މީހުންނަށް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރާ ކަމަށެވެ. އަދި ރާއްޖެއިން ނުލިބޭ ބޭސްތައް ހޯދުމަށް ވެސް އެސްޓީއޯ އަދި އާސަންދައާ ގުޅިގެން މަސައްކަތް ކުރާ ކަމަށް ޑރ. އައްޒާމް ވިދާޅުވި އެވެ.
މިބޭސް ޑެލިވަރީ ކުރުން ވެސް ދަތިކަން އަޅުގަނޑުމެންނަށް އިހުސާސްވޭ އަޅުގަނޑުމެންނަށް މިހާރު. ދުވާލެއްގެ މައްޗަށް ގްރޭޓަރ މާލެ އޭރިއާ 400 އާ 500 ދެމެދުގެ އަދަދަށް ބަލި މީހުންނަށް ގޭގެއަށް ދިއުމާއި ޓޯޓަލް ފަރުވާ ދެވޭ މީހުންގެ އަދަދަދު މިހާވަރަށް އަރާ.ޑރ.މުހައްމަދު އައްޒާމް
ޑރ.އައްޒާމް ވިދާޅުވީ މޯބައިލް މެޑިކަލް ރެސްޕޯންސް ޓީމުން މައިގަނޑު ގޮތެއްގައި މޮނިޓަރ ކުރަމުންދަނީ ނޮން-ކޮވިޑްގެ ބަލި މީހުން ކަމަށާއި، ކޮވިޑް-19 އޮތް ކަމުގައި ވިޔަސް ނޮން-ކޮވިޑްގެ މީހުން ވަރަށް ގިނަ ކަމަށެވެ. ޚާއްސަކޮށް ޓްރެވަލް ރެސްޓްރިކްޝަން ލޮކްޑައުންގެ ހާލަތާ ގުޅިގެން އެންމެ ބޮޑު މައްސަލަތައް ދިމާވަނީ ދާއިމީކޮށް ބޭސް ކުރާ މިހުންނަށް ކަމަށާއި، ރެގިއުލާ ޗެކަޕް ހަދަން ޖެހޭ މީހުންނަށް ކަމަށް ޑރ.އައްޒާމް ވިދާޅުވި އެވެ.
މީގެ އިތުރުން ކޮމިއުނިޓީ މެޑިކަލް ރެސްޕޮންސްގައި މަސައްކަތް ކުރާއިރު، ރާއްޖެއިން ބޭރުގެ ފްލައިޓްގެ ބަލިމީހުން އައުމުން އެމީހުންނަށް ފޯރުކޮށްދޭން ޖެހޭ ޚިދުމަތްތައް އަދި ދާން ޖެހޭ ފެސިލިޓީތައް ކަނޑައެޅުމުގައި ވެސް ޓީމްގެ މެމްބަރުން މަސައްކަތް ކުރާ ކަމަށް ޑރ. އައްޒާމް ވިދާޅުވި އެވެ.
ޑރ. އައްޒާމް ވިދާޅުވީ ރާއްޖެއިން ބޭރުން އައި މީހުންގެ ތެރޭގައި ވަރަށް ބަލި މީހުން ހިމެނޭ ކަމަށެވެ.
އެގޮތުން ކީމޯ ދޭން ޖެހޭ މީހުންނާއި، ލޭގެ ޓެސްޓްތައް ހަދަން ޖެހޭ މީހުންނާއި، އަދި ޑައިލިސިސް ހަދާ މީހުން ހިމެނޭ ކަމަށް ޑރ.އައްޒާމް ވިދާޅުވި އެވެ. އަދި ވިދާޅުވީ އެމީހުން ތިބޭ ފެސިލިޓީތަކަށް ގޮސް ފަރުވާ ދެވޭނެ އިންތިޒާމްތައް ވެސް ހަމަޖައްސާފައިވާ ކަމަށެވެ.