ކ. މާލެ
|
16 މެއި 2020 | ހޮނިހިރު 22:14
ޗެލްސީގެ ކޯޗު ފްރޭންކް ލަމްޕާޑާއި ވިލިއަން އެކުގައި
ޗެލްސީގެ ކޯޗު ފްރޭންކް ލަމްޕާޑާއި ވިލިއަން އެކުގައި
ގެޓީ އިމޭޖަސް
ޖިރޫޑް އާއި ވިލިއަންގެ އެއްބަސްވުން އާކުރުން
ޖިރޫޑް އާއި ވިލިއަންގެ އެއްބަސްވުން އާކުރަން ބޭނުން: ލަމްޕާޑް
ޖިރޫޑް އާއި ވިލިއަން ޗެލްސީ އާއެކު ހަދާފައިވާ އެއްބަސްވުން މި ސީޒަން ނިމުމުން ހަމަވާނެ

ފްރާންސްގެ ފޯވަރޑް އޮލިވިއޭ ޖިރޫޑް އާއި ބްރެޒިލްގެ މިޑްފީލްޑަރު ވިލިއަންގެ އެއްބަސްވުން އާކުރަން ބޭނުންވާ ކަމަށް ޗެލްސީގެ ކޯޗު ފްރޭންކް ލަމްޕާޑް ބުނެފި އެވެ.

ޖިރޫޑް އާއި ވިލިއަންވެސް ޗެލްސީ އާއެކު ހަދާފައިވާ އެއްބަސްވުން މި ސީޒަން ނިމުމުން ހަމަވާނެ އެވެ. ޗެލްސީގެ އެއްބަސްވުން އާކުރަން ޖިރޫޑް މީގެ ކުރިން ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނި ނަމަވެސް، ވިލިއަން ވަނީ މި ސީޒަން ނިމުމުން ޗެލްސީ ދޫކޮށްލާނެ ކަމަށް ބުނެފައެވެ.

ލަމްޕަޑް ބުނީ މި ދަނޑިވަޅުގައި އައު ކުޅުންތެރިން ހޯދުމަކީ ދަތި ކަމަކަށް ވާނެ ކަމަށާއި، ޓީމުގައި ތިބި ސީނިއަރ ކުޅުންތެރިން މަޑުކުރުވުން މުހިންމު ކަމަށެވެ. އެގޮތުން ޖިރޫޑް އާއި ވިލިއަން އަކީ ވެސް އެ ޓީމަށް މުހިންމު ދެ ކުޅުންތެރިން ކަމަށާއި، އެ ދެ ކުޅުންތެރިންގެ އެއްބަސްވުން އާކުރަން ބޭނުންވާ ކަމަށްވެސް ވަނީ ބުނެފައެވެ.

ޗެލްސީއާއެކު ޖިރޫޑް މިހާރު ހަދާފައިވާ އެއްބަސްވުން މި ސީޒަން ނިމުމުން ހަމަވާއިރު، އިތުރު އެއް އަހަރަށް ޗެލްސީގައި މަޑުކުރަން ޖިރޫޑް ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ. އަދި ވަރަށް އަވަހަށް އައު އެއްބަސްވުމުގައި އޭނާ ސޮއިކުރާނެ ކަމަށްވެސް ވަނީ ރިޕޯޓުކޮށްފަ އެވެ.

ޗެލްސީގެ އެއްބަސްވުން އާކުރަން ޖިރޫޑް ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނިއިރު، ނިމިދިޔަ ފިނި މޫސުމުގެ ޓްރާންސްފަރ ބާޒާރުގައި ޖިރޫޑް ވަނީ އިންޓަ މިލާނަށް ބަދަލުވުމާ ގާތަށް ގޮސްފަ އެވެ. އެކަން ކާމިޔާބުވާގޮތް ނުވި ނަމަވެސް، ރިޕޯޓުތައް ބުނާ ގޮތުން ކުރިއަށް އޮތް ހޫނު މޫސުމުގެ ޓްރާންސްފާގައި ވެސް ޖިރޫޑް ހޯދުމަށް އިންޓާއިން މަސައްކަތް ކުރާނެ އެވެ.

ޗެލްސީއާއެކު ވިލިއަން ހަދާފައިވާ އެއްބަސްވުން މި ސީޒަނަށް ފަހު ހަމަވާއިރު، ރިޕޯޓުތައް ބުނާ ގޮތުން ޗެލްސީން މީގެ ކުރިންވެސް ވަނީ ވިލިއަންގެ އެއްބަސްވުން އާކުރަން މަސައްކަތް ކޮށްފައެވެ. އެކަމަކު ވިލިއަން އަށް ކުރު މުއްދަތެއްގެ އެއްބަސްވުމެއް ހުށަހެޅުމުން، އެ އެއްބަސްވުން ގަބޫލު ނުކުރަން ވިލިއަން ވަނީ ނިންމާފަ އެވެ. އެހެންކަމުން ހޫނު މޫސުމުގެ ޓްރާންސްފާގައި ހިލޭ ޓްރާންސްފާއެއްގެ ދަށުން އޭނާ އެހެން ކްލަބަކަށް ބަދަލުވަން މިހާރު ވަނީ ނިންމާފައެވެ. ވިލިއަން ހޯދަން އެންމެ ބޮޑަށް މަސައްކަތް ކުރަމުން އަންނަނީ ޓޮޓެންހަމް ހޮޓްސްޕާ، އާސެނަލް، ބާސާ އަދި ޔުވެންޓަސް އިންނެވެ.

ޖިރޫޑް އާއި ވިލިއަން ވެސް ޗެލްސީ އާއެކު ހަދާފައިވާ އެއްބަސްވުން ޖޫން މަހުގެ 30 ވަނަ ދުވަހު ހަމަވަން އޮތް ނަމަވެސް، މީގެ ކުރިން ފީފާ އިން ވަނީ މި ސީޒަން ނިމެންދެން ކޮންމެ ކުޅުންތެރިއެއްގެ އެއްބަސްވުން ވެސް ދެމި އޮންނަ ގޮތަށް ޤަވާއިދު ބަދަލުކޮށްފަ އެވެ.

ޖިރޫޑް އާއި ވިލިއަންގެ އެއްބަސްވުން އާކުރަން ޗެލްސީން މަސައްކަތް ކުރަމުން އަންނައިރު، އެ ޓީމުން މިހާތަނަށް ސޮއި ހޯދާފައި ވަނީ އެންމެ ކުޅުންތެރިއެއްގެ އެވެ. އެއީ ނެދަލެންޑްސްގެ އަޔަކްސް އަށް ކުޅެމުން އަންނަ މޮރޮކޯގެ ތަރި ހަކީމް ޒިޔެކް އެވެ. އެކަމަކު އޭނާ ޗެލްސީއާ ގުޅޭނީ މި ސީޒަނުގެ އިނގިރޭސި ޕްރިމިއަރ ލީގު ނިމުމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް