ލީގުގެ ބޯޑުން ކެންސަލް ކޮށްފައިވާ ބެލްޖިއަން ޕްރޯ ލީގުގެ ޗެމްޕިއަންކަން އެއްވަނައިގައި އޮތް ކްލަބު ބްރޫޖަށް ދޭން ރަސްމީކޮށް ފާސްކޮށްފި އެވެ.
ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ސަބަބުން މެދުކަނޑާލާފައި އޮތް ބެލްޖިއަން ޕްރޯ ލީގުގެ އެއްވަނައިގައި އޮތް ކްލަބު ބްރޫޖަށް ތަށި ދޭން އެ ގައުމުގެ ފުޓްބޯޅަ ލީގުގެ ބޯޑުން އޭޕްރީލް މަހުގެ ކުރީކޮޅު ވަނީ ނިންމާފައެވެ.
އެކަމަކު ލީގު ކެންސަލް ކުރަން ނިންމުމުން ގިނަ ކްލަބުތަކުން އެކަމާ ދެކޮޅަށް އަޑު އުފުލިއިރު، ފަހުން ކްލަބުތަކުގެ މެދުގައި ވޯޓު ނަގައިގެން ލީގު ކެންސަލް ކުރަންވެސް މަސައްކަތް ކުރި އެވެ. އެކަމަކު އެންމެ ފަހުން ލީގު ކެންސަލް ކޮށް، ބްރޫޖަށް ޗެމްޕިއަންކަން ދޭން ބެލްޖިއަން ފުޓްބޯލް އެސޯސިއޭޝަނުގެ ޖެނެރަލް އެސެމްބްލީން ނިންމީ އެވެ.
ލީގު ކެންސަލް ކޮށް ބްރޫޖަށް ޗެމްޕިއަންކަން ދިންއިރު، ލީގުގެ އެއްވަނައިގައި ބްރޫޖް އޮތީ 15 ޕޮއިންޓުގެ ލީޑަކާއެކުއެވެ. ލީގު ހުއްޓާލިއިރު، ފުރަތަމަ ބުރުގެ ބާކީ އޮތީ އެންމެ މެޗެކެވެ. ލީގު ރޭވިފައިވާ ގޮތުން ފުރަތަމަ ބުރުގައި 16 ޓީމު ކުޅޭއިރު، ދެވަނަ ބުރަށް ދަތުރުކުރާނީ ގަދަ ހަ ޓީމެވެ.
ކޮވިޑް-19 އާ ގުޅިގެން ލީގުތައް ކެންސަލް ކުރުމުގެ ހުއްދަ ޔުއެފާ އިން ދިން ނަމަވެސް، ޔުއެފާ އިން ވަނީ ޔޫރަޕްގެ މަގާމުތަކަށް ހޮވޭ ޓީމުތައް ކަނޑައަޅަން ޝަރުތުކޮށްފައެވެ. އެހެންކަމުން އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން ފުރުސަތު ލިބިފައިވަނީ އެއްވަނައިގައި އޮތް ބްރޫޖް އާއި ދެވަނައިގައި އޮތް ގެންޓް އަށެވެ. ޔޫރޮޕާ ލީގަށް ހޮވުނީ ޗާލްރޯއި އާއި ރޯޔަލް އެންޓްވާޕް އަދި ސްޓެންޑާޑް ލީޖް އެވެ. އަދި ދެވަނަ ޑިވިޝަނަށް ރެލިގޭޓްވީ ވޯސްލެންޑް އެވެ.
ބެލްޖިއަމް ލީގު ކެންސަލް ކޮށް ބްރޫޖަށް ޗެމްޕިއަންކަން ދިންއިރު، މީގެ ކުރިން ފްރެންޗު ލީގު ވެސް ވަނީ ކެންސަލް ކޮށް ޕީއެސްޖީ އަށް ޗެމްޕިއަންކަން ދީފައެވެ. އެކަމަކު ނެދަލެންޑްސް ލީގު ކެންސަލް ކޮށްފައިވަނީ ޗެމްޕިއަނެއް ކަނޑަނާޅައެވެ.