ކްލަބު އީގަލްސްގެ ގޯލްކީޕަރު ސުޖަން ޕެރޭރާ އޭނާގެ އުފަން ގައުމު ކަމަށްވާ ސްރީލަންކާ އަށް ހިނގައްޖެ އެވެ.
ކޮރޯނާވައިރަސް (ކޮވިޑް-19) އާ ގުޅިގެން ވައިގެ ދަތުރުތައް ހުޓާލާފައިވުމާ ގުޅިގެން، ބުދަ ދުވަހުގެ ވަގުތެއްގައި ސުޖަން ލަންކާ އަށް ދިޔައީ ދެ މަހެއްހާ ދުވަހު މާލޭގައި ބަންދުވެ ހުރުމަށްފަހު އެވެ. ސުޖަން މިހާރު ހުރީ ލަންކާގައި އަމަލުކުރަމުން އަންނަ އުސޫލުގެ ތެރެއިން ބޭރު ގައުމުގެ މީހުންނަށް ހާއްސަ ކޮށްފައިވާ ކަރަންޓީނު ކޭމްޕް ގައެވެ.
ސުޖަން އެނބުރި ލަންކާ އަށް ދިޔައިރު، 2019/2020 ވަނަ އަހަރުގެ ފުޓްބޯޅަ ސީޒަންގެ ބާކީ ބައި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ވަނީ ކެންސަލް ކޮށްފައެވެ. ފުޓްބޯޅަ ސީޒަންގެ ބާކީބައި ކެންސަލް ކުރީ އެފްއޭ ކަޕްގެ ބައެއް މެޗުތައް ކުޅުމަށް ފަހު އެވެ.
ފުރުމުގެ ކުރިން ސުޖަން ވަނީ އޭނާގެ ކަންތައްތަކާ ހަވާލުވެހުރި ކްލަބު އީގަލްސް އިން ކަންތައްތައް ރަނގަޅަށް ކޮށްދިންކަން ފާހަގަކޮށް، އޭނާ އަށް އެހީވި އެންމެނަށް ޝުކުރު އަދާ ކޮށްފައެވެ.
ލަންކާ ގައުމީ ޓީމުގެ ކެޕްޓަންކަން ވެސް ކުރި ސުޖަން އެންމެ ފުރަތަމަ ރާއްޖެ އައީ 2015 ވަނަ އަހަރެވެ. އޭގެ ފަހުން ގަވާއިދުން ކޮންމެ އަހަރަކު އީގަލްސް އަށް ކުޅެމުން އަންނަ ސުޖަން ވަނީ ރާއްޖޭގެ ފުޓްބޯޅަ ސީޒަނުގެ އެންމެ މޮޅު ގޯލްކީޕަރުގެ މަގާމު ވެސް ހޯދާފައެވެ.
ސުޖަންގެ އިތުރުން އީގަލްސް އަށް ކުޅޭ ޖަޕާންގެ މިޑްފީލްޑަރު ޓޮޝީކީ އޮކަމޯޓޯ ވަނީ ބުރާސްފަތި ދުވަހު އެނބުރި ގައުމަށް ދިޔުމަށް ފުރާފައެވެ. އަދި ރެސްކިއު ފްލައިޓެއްގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް ކުޅޭ އަފްޣާނިސްތާންގެ ދެ ކުޅުންތެރިން ކަމަށްވާ މުހައްމަދު ޝަރީފް އާއި އޮވޭސް އަޒީޒީ ވެސް ވަނީ އެނބުރި ގޮސްފަ އެވެ.