ކ. މާލެ
|
14 މެއި 2020 | ބުރާސްފަތި 20:28
ކްރިކެޓް ކުޅުންތެރިޔާ މުހައްމަދު ރިޝްވާން ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ ރައީސް މުހައްމަދު އަފްލާހާ އެކު
ކްރިކެޓް ކުޅުންތެރިޔާ މުހައްމަދު ރިޝްވާން ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ ރައީސް މުހައްމަދު އަފްލާހާ އެކު
ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް
އެންމެ މޮޅު ބެޓްސްމަނުންގެ ލިސްޓަށް ރިޝްވާން
ރާއްޖޭގެ ރިޝްވާނަށް އޭޝިއާ ސަރަހައްދުން ބޮޑު ކުރިއެރުމެއް
ރިޝްވާން ވަނީ އޭޝިއާ ސަރަހައްދުގެ އެސޯސިއޭޓް ގައުމުތަކުގެ އެންމެ މޮޅު 20 ބެޓްސްމަނުންގެ ތެރޭގައި ހިމެނިފައި
މިދިޔަ އަހަރު ކުޅުނު ޓީ20 މެޗުތަކުގައި ރިޝްވާން ވަނީ 245 ލަނޑު ހަދާފައި

އިންޓަނޭޝަނަލް ކްރިކެޓް ކައުންސިލް (އައިސީސީ) ގެ އޭޝިއާ ސަރަހައްދުގެ އެސޯސިއޭޓް ގައުމުތަކުގެ އެންމެ މޮޅު 20 ބެޓްސްމަންގެ ތެރޭގައި ރާއްޖޭގެ ތަޖުރިބާކާރު ކްރިކެޓް ކުޅުންތެރިޔާ މުހައްމަދު ރިޝްވާން ހިމެނިއްޖެ އެވެ.

އޭސީސީގައި އޭޝިއާ ސަރަހައްދުގެ 21 ގައުމެއް ހިމެނޭއިރު، އެސޯސިއޭޓް މެމްބަރުކަން ލިބިފައިވަނީ 16 ގައުމަކަށެވެ. އަނެއް ފަސް ގައުމު ކަމަށްވާ އިންޑިއާ، ސްރީލަންކާ، ޕާކިސްތާން، ބަންގްލަދޭޝް އަދި އަފްޣާނިސްތާނަކީ އައިސީގެ ފުލް މެމްބަރު ގައުމުތަކެވެ.

އޭޝިއާ ސަރަހައްދުގެ އެސޯސިއޭޓް ގައުމުތަކުން ހޮވި އެންމެ މޮޅު 20 ބެޓްސްމަނުންގެ ތެރޭގައި ރިޝްވާން ހިމެނުނީ މިދިޔަ އަހަރުގެ ޓީ20 މެޗުތަކުގައި އެންމެ ގިނަ ލަނޑު ހެދި ކުޅުންތެރިންގެ ތެރޭގައި ހިމެނުމުންނެވެ.

އެގޮތުން ރިޝްވާން ވަނީ މިދިޔަ އަހަރުގެ ތެރޭގައި ޓީ20 ގެ 11 މެޗެއް ކުޅެފަ އެވެ. އަދި އެ މެޗުތަކުގެ ތެރޭގައި 245 ލަނޑު އޭނާ ވަނީ ހަދާފައެވެ. އެއީ އެވްރެޖްކޮށް މެޗެއްގެ މައްޗަށް 25.50 ލަނޑެވެ. ރިޝްވާން އެއް މެޗެއްގައި އެންމެ ގިނައިން ހެދިފައިވަނީ 67 ލަނޑެވެ.

ރިޝްވާން ހޯދި ކާމިޔާބީއަށް ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހްލޫފް ވަނީ މަރުހަބާ ދަންނަވާފައެވެ.

އުމުރުން 20 އަހަރުގައި ކްރިކެޓް ކުޅެން ފެށި ރިޝްވާނަކީ ކަނާތުން ކުޅޭ ބެޓްސްމަނެކެވެ. މިހާރު އުމުރުން 26 އަހަރުގެ ރިޝްވާން ރާއްޖޭގެ ގައުމީ ޓީމުން ޖާގަ ހޯދާފައިވަނީ 2012 ވަނަ އަހަރެވެ. އޭގެ ފަހުން ބަރާބަރަށް ގައުމީ ޓީމުން ޖާގަ ހޯދަމުން އަންނަ ރިޝްވާން އެންމެ ފަހުން ކުޅުނު ބައިނަލްއަގުވާމީ މުބާރާތަކީ ފެބްރުއަރީ މަހު އޮމާނުގައި އޮތް ވެސްޓާން ރީޖަން ޓީ20 ކްރިކެޓް މުބާރާތެވެ.

- ކޮމެންޓް