ކ. މާލެ
|
14 މެއި 2020 | ބުރާސްފަތި 14:44
މިޑްފީލްޑަރު ޓޮޝީކީ އޮކަމޯޓޯ: ޖަޕާނަށް ދާން ފުރާފައިވަނީ ބުރާސްފަތި ދުވަހުގެ ވަގުތެއްގައި
މިޑްފީލްޑަރު ޓޮޝީކީ އޮކަމޯޓޯ: ޖަޕާނަށް ދާން ފުރާފައިވަނީ ބުރާސްފަތި ދުވަހުގެ ވަގުތެއްގައި
އެފްއޭއެމް
ޓޮޝީކީ އެނބުރި ޖަޕާނަށް
ޓޮޝީކީ އެނބުރި ޖަޕާނަށް ދާން ފުރައިފި
މި ސީޒަނުގެ ފުޓްބޯޅަ ސީޒަންގެ ބާކީބައި ވަނީ ކެންސަލް ކޮށްފައި
ޓޮޝީކީ ވަނީ އީގަލްސްގެ އިތުރުން ނިލަންދުއަށް ކުޅެފައި

ލޯނު އެއްބަސްވުމެއްގެ ދަށުން ކްލަބު އީގަލްސް އަށް ކުޅުނު މިޑްފީލްޑަރު ޓޮޝީކީ އޮކަމޯޓޯ އޭނާގެ އުފަން ގައުމު ކަމަށްވާ ޖަޕާނަށް ދިޔުމަށް ފުރައިފި އެވެ.

ކޮރޯނާވައިރަސް (ކޮވިޑް-19) އާ ގުޅިގެން ވައިގެ ދަތުރުތައް ހުޓާލާފައިވުމާ ގުޅިގެން، ބުރާސްފަތި ދުވަހުގެ ވަގުތެއްގައި ޓޯޝީކީ ޖަޕާނަށް ދާން ފުރީ ދެ މަހެއްހާ ދުވަހު މާލޭގައި ބަންދުވެ ހުރުމަށްފަހު އެވެ. ޖަޕާނުގެ ނަރީތާއަށް ދިޔުމަށް ޓޮޝިކީ ފުރާފައި ވާއިރު، އޭނާ އުފަން ގައުމަށް ދާނީ ސްރީލަންކާ މަގުންނެވެ.

ޖަޕާނު އެމްބަސީގެ އެހީތެރިކަމާއެކު ޖަޕާނުގެ ރައްޔިތުން އެނބުރި ގައުމަށް ގެންދިޔަ ފްލައިޓުގައި ޓޮޝީކީ ފުރިއިރު، 2019/2020 ވަނަ އަހަރުގެ ފުޓުބޯޅަ ސީޒަންގެ ބާކީ ބައި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ވަނީ ކެންސަލް ކޮށްފައެވެ. ފުޓްބޯޅަ ސީޒަންގެ ބާކީބައި ކެންސަލް ކުރީ އެފްއޭ ކަޕްގެ ބައެއް މެޗުތައް ކުޅުމަށް ފަހު އެވެ.

ރާއްޖެ.އެމްވީ އާ ވާހަކަދައްކަމުން ޓޮޝީކީ ބުނީ ޖަޕާނަށް ފުރައިގެން ދިޔައިރު ވެސް، އީގަލްސް އިން އޭނާއަށް ލިބެން ޖެހޭ މުސާރަ އަދި ލިބިފައި ނުވާ ކަމަށެވެ. އެކަމަކު މުސާރަ ދޭނެ ކަމަށް އީގަލްސް އިން ބުނެފައިވާ ކަމަށްވެސް ޓޮޝީކީ ބުންޏެވެ.

ނިލަންދޫ ސްޕޯޓްސް ކްލަބުގެ ލޯނު އެއްބަސްވުމެއްގެ ދަށުން އީގަލްސްއާ ޓޮޝީކީ ގުޅުނީ ދިރާގު ދިވެހި ޕްރިމިއަރ ލީގުގެ ފަހު ބުރަށެވެ. އޭގެ ކުރިން ނިލަންދޫ ސްޕޯޓްސް ކްލަބުގައި ވެސް މޮޅު ކުޅުމެއް ދެއްކި ޓޮޝީކީ ވަނީ، އޭއެފްސީ ކަޕުން އީގަލްސް އަށް ފުރަތަމަ ފަހަރަށް ޖާގަ ހޯދައި ދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފަ އެވެ. އޭއެފްސީ ކަޕުން މުޅިން އަލަށް އީގަލްސް އަށް ފުރުސަތު ލިބުނީ ދިވެހި ޕްރިމިއަރ ލީގުގެ ދެވަނަ ހޯދުމުންނެވެ.

ރާއްޖެ އައުމުގެ ކުރިން، ތައިލެންޑުގެ ޓީމަކަށް ކުޅުނު ޓޮޝީކީއަކީ ކުރިން ސްޕެއިންގެ ކަޓަލޫނިއާ އަށް ނިސްބަތްވާ ބައެއް ކްލަބުތަކުގައި ޓްރަޔަލްތަކެއް ފުރިހަމަކޮށް ބައެއް މެޗުތައް ވެސް ކުޅެފައިވާ ކުޅުންތެރިއެކެވެ.

- ކޮމެންޓް