މެދުކަނޑާލާފައިވާ ޕޯޗުގަލް ޕްރިމިއަރ ލީގު ޖޫން މަހުގެ ހަތަރުވަނަ ދުވަހު ފަށަން ނިންމައިފި އެވެ.
ނޮވެލް ކޮރޯނާވައިރަސް (ކޮވިޑް-19) އާ ގުޅިގެން ޕޯޗުގަލް ލީގު މެދު ކަނޑާލާފައި ވަނީ މަރޗު މަހުގެ 12 ވަނަ ދުވަހު އެވެ. ލީގު އަލުން ފަށާނެ ތާރިޚެއް ޕޯޗުގީޒް ފުޓްބޯލް ފެޑެރޭޝަނުން ނިންމީ އަންނަ މަހުން ފެށިގެން ކުޅިވަރު ހަރަކާތްތައް ފެށުމުގެ ހުއްދަ ޕޯޗުގަލްގެ ބޮޑު ވަޒީރު އެންޓޯނިއޯ ކޮސްޓާ ދެއްވުމާ ގުޅިގެންނެވެ.
އެހެންކަމުން ޖޫން މަހުގެ ހަތަރުވަނަ ދުވަހު ލީގު ކުޅުން އަލުން ފަށާއިރު، ލީގު ކުރިއަށްދާނީ ދަނޑަށް ސަޕޯޓަރުން ނުވައްދައި މެޗުތައް ކުޅޭ ގޮތަށެވެ.
ޕޯޗުގަލްގެ ލީގު މެދުކަނޑާލިއިރު، އެއް ޕޮއިންޓުގެ ތަފާތުން ލީގުގެ އެއްވަނައިގައި އޮތީ ޕޯޓޯއެވެ. ދެވަނައިގައި ބެންފީކާ އޮތްއިރު، ކޮންމެ ޓީމަކަށްވެސް އަދި ބާކީ 10 މެޗު އެބައޮތެވެ.
ޕޯޗުގަލް ލީގު ފަށަން ނިންމިއިރު، ދެން ޔޫރަޕުން ލީގުތައް އަލުން ފަށަން ނިންމާފައި ވަނީ ޖަރުމަން ލީގާއި ޑެންމާކް ލީގުގެ އިތުރުން ތުރުކީ ލީގުންނެވެ. ޖަރުމަން ލީގު މިމަހުގެ 16 ވަނަ ދުވަހު ފަށާއިރު، ޑެންމާކް ލީގު ފެށުމަށް ތާވަލުކޮށްފައިވަނީ މި މަހުގެ 28 ވަނަ ދުވަހެވެ. އަދި ތުރުކީ ލީގު ފަށަން ނިންމާފައި ވަނީ ޖޫން މަހުގެ 12 ވަނަ ދުވަހު އެވެ.
މީގެ އިތުރުން އިނގިރޭސި ޕްރިމިއަރ ލީގު ޖޫން މަހު އަލުން ފެށުމުގެ ހުއްދަ އިނގިރޭސިވިލާތުގެ ސަރުކާރުން ދީފައިވާއިރު، ސްޕެނިޝް ލީގާއި އިޓާލިއަން ލީގު ޖޫން މަހު ފަށަން އަންނަނީ މަސައްކަތް ކުރަމުންނެވެ. އަދި ޖޫން މަހުގެ ހަވަނަ ދުވަހު ކްރޮއޭޝިއާ ލީގު ފަށަންވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ.