ކ. މާލެ
|
12 މެއި 2020 | އަންގާރަ 14:52
ކުޅުންތެރިން އެކަނި ކުރިއަށް ގެންދިޔަ ތަމްރީނުތަކުގެ ތެރެއިން ޔުވެންޓަސްގެ ގޯލްކީޕަރު ޖިއަންލުއިޖީ ބުފޮން
ކުޅުންތެރިން އެކަނި ކުރިއަށް ގެންދިޔަ ތަމްރީނުތަކުގެ ތެރެއިން ޔުވެންޓަސްގެ ގޯލްކީޕަރު ޖިއަންލުއިޖީ ބުފޮން
ގެޓީ އިމޭޖަސް
ކުޅުންތެރިން އެކުގައި ތަމްރީނުތައް ހެދުން
ކުޅުންތެރިން އެކުގައި ތަމްރީނުތައް ހެދުމުގެ ހުއްދަ އިޓަލީގެ ސަރުކާރުން ދީފި
މިމަހުގެ 18 ވަނަ ދުވަހުން ފަށައިގެން ކްލަބުތަކުގެ ކުޅުންތެރިންނަށް އެކުގައި ތަމްރީނުތައް ހެދޭނެ
މީގެ ކުރިން މިމަހުގެ ހަތަރުވަނަ ދުވަހު ވަނީ ކުޅުންތެރިން އެކަނި ތަމްރީނުތައް ހެދުމުގެ ހުއްދަ ދީފައި

މިމަހުގެ 18 ވަނަ ދުވަހުން ފެށިގެން ކުޅުންތެރިން އެކުގައި ތަމްރީނުތައް ހެދުމުގެ ހުއްދަ އިޓަލީގެ ސަރުކާރުން ދީފި އެވެ.

ކުޅުންތެރިން އެކުގައި ތަމްރީނުތައް ހެދުމުގެ ހުއްދަ އިޓަލީގެ ސަރުކާރުން ދޭން ނިންމިއިރު، މީގެ ކުރިން މިމަހުގެ ހަތަރުވަނަ ދުވަހު ވަނީ ކުޅުންތެރިން އެކަނި ތަމްރީނުތައް ހެދުމުގެ ހުއްދަ ދީފައެވެ. އެއާއެކު އިޓާލިއަން ލީގުގެ ކްލަބުތަކުން ވަނީ ކުޅުންތެރިން ކޮރޯނާވައިރަސް (ކޮވިޑް-19) އަށް ޓެސްޓު ކުރުމަށްފަހު، ކުޅުންތެރިންނަށް އެކަނި ތަމްރީނުތައް ހެދުމުގެ ފުރުސަތު ދީފައެވެ.

އެގޮތުން ދާދި ފަހުން ހެދި ޓެސްޓު ތަކުން ސަމްޕްޑޯރިއާގެ ހަތަރު ކުޅުންތެރިއަކާއި ޓޮރީނޯގެ ކުޅުންތެރިއެއްގެ އިތުރުން ފިއޮރެންޓީނާގެ ތިން ކުޅުންތެރިއަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ.

މިމަހުގެ 18 ވަނަ ދުވަހުން ފަށައިގެން ކުޅުންތެރިން އެކުގައި ތަމްރީނުތައް ހެދުމުގެ ހުއްދަ އިޓަލީގެ ސަރުކާރުން ދިންއިރު، މިދިޔަ ހަފުތާގައި އިޓާލިއަން ފުޓްބޯލް ފެޑެރޭޝަނާއި އެ ގައުމުގެ ޓެކްނިކަލް ސައިންޓިފިކް ކޮމިޓީ ގުޅިގެން ވަނީ ކުޅުންތެރިން އެކުގައި ތަމްރީނުތައް ހަދަން ވަކި އުސޫލުތަކެއް ކަނޑައަޅާފައެވެ.

އިޓަލީގެ ކުޅިވަރާ ބެހޭ ވަޒީރު ވިންޗެންޒޯ ސްޕަޑަފޯރާ އާއި ސިއްހަތާ ބެހޭ ވަޒީރު ރޮބާޓޯ ސްޕެރަންޒާ އެކުގައި ނެރުނު ބަޔާނެއްގައި ވަނީ ކުޅުންތެރިން އެކުގައި ތަމްރީނުތައް ފަށާއިރު، ކަނޑައަޅާފައިވާ އުސޫލުތަކަށް ބޯލެނބުމަށް ކްލަބުތަކަށް އިލްތިމާސް ކޮށްފައެވެ. އަދި އިޓާލިއަން ލީގުގެ އެއްވެސް ކްލަބެއްގެ ކުޅުންތެރިއަކު ކޮވިޑް-19 އަށް ދެން ޕޮޒިޓޮވް ވެއްޖެ ނަމަ، އެ ކްލަބެއްގެ ސްކޮޑު އެއްކޮށް 14 ދުވަހަށް އައިސޮލޭޝަނަށް ބަދަލުކުރާނެ ކަމަށްވެސް ވަނީ ބުނެފައެވެ.

ކޮވިޑް-19 އާ ގުޅިގެން މާޗު މަހުގެ ނުވަވަނަ ދުވަހު އިޓާލިއަން ލީގުގެ ކުޅުން މެދުކަނޑާލިއިރު، ޖޫން މަހުގެ ދެވަނަ ދުވަހު ލީގުގެ ކުޅުން އަލުން ފަށަން އަންނަނީ މަސައްކަތް ކުރަމުންނެވެ.

މީގެ ކުރިން އިޓާލިއަން ލީގުގެ ހުރިހާ ކްލަބަކުން ވަނީ ލީގު ފުރިހަމަ ކުރަން ރުހުން ދީފައެވެ. އަދި އިޓާލިއަން ފުޓްބޯލް ފެޑަރޭޝަނުގެ ރައީސް ގެބްރިއަލީ ގްރަވީނާ ވަނީ އެއްވެސް ހާލަތެއްގައި ލީގު ކެންސަލް ނުކުރާނެ ކަމަށް ވިދާޅުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް