ޖޫން މަހު އިނގިރޭސިވިލާތުގައި ކުޅިވަރު ހަރަކާތްތައް އަލުން ފެށުމުގެ ހުއްދަ ސަރުކާރުން ދީފި އެވެ.
އިނގިރޭސިވިލާތުން ލޮކްޑައުންގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދިނުމަށް ބޮޑު ވަޒީރު ބޮރިސް ޖޯންސަން އެކުލަވާލި ޕްލޭން ހޯމަ ދުވަހު އާންމުކުރިއިރު، މި ޕްލޭންގައި ވަނީ ޖޫން މަހުގެ އެއްވަނަ ދުވަހުގެ ކުރިން އެ ގައުމުގައި އެއްވެސް ކުޅިވަރު ހަރަކާތެއް ނުބޭއްވޭނެ ކަން ހާމަކޮށްފައެވެ. އެކަމަކު އެއަށްފަހު ސަޕޯޓަރުން ނުވައްދައި، އެ ގައުމުގައި ކުޅިވަރު ހަރަކާތްތައް އަލުން ފެށޭނެ ކަމުގެ ހުއްދަ ވަނީ ދީފައެވެ.
ޖޫން މަހު ކުޅިވަރު ހަރަކާތްތައް އަލުން ފެށުމުގެ ހުއްދަ އިނގިރޭސިވިލާތުގެ ސަރުކާރުން ދިންއިރު، ކޮރޯނާވައިރަސް (ކޮވިޑް-19) އާ ގުޅިގެން މެދުކަނޑާލާފައިވާ ޕްރިމިއާ ލީގުގެ މެޗުތައް ސަޕޯޓަރުން ނުވައްދާ ކުޅޭގޮތަށް ޖޫން މަހުގެ 8 ވަނަ ދުވަހު ފަށައި، ޖުލައި މަހުގެ 27 ވަނަ ދުވަހަށް ލީގު އެއްކޮށް ފުރިހަމަކުރަން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ލީގު ކުރިއަށް ގެންދިޔުމަށް ހުރިހާ ކްލަބުތަކުން މިހާރު ވަނީ އެއްބަސްވެފައެވެ.
މި ސީޒަނުގައި ޕްރިމިއާ ލީގުގައި ބާކީ ނުކުޅެ އޮތް 92 މެޗު ކުރިއަށްގެންދާނެ ގޮތަކާ މެދު ކްލަބުތަކާ މީގެ ކުރިން މަޝްވަރާކުރިއިރު، ރިޕޯޓުތައް ބުނާގޮތުން ޕްރިމިއާ ލީގުން މިހާރު ހުށަހަޅާފައިވަނީ ތަފާތު 10 ދަނޑެއްގައި މެޗުތައް ކުޅޭށެވެ. އެ ދަނޑުތައް އިޚުތިޔާރުކުރުމުގައި ގޮތެއް ނިންމާނީ ކްލަބްތަކުންނެވެ. މި ގޮތަށް ކުރިއަށްދާއިރު އެއްވެސް ޓީމަކަށް އެ ޓީމުގެ އަމިއްލަ ދަނޑުގައި މެޗެއް ކުޅުމުގެ ފުރުސަތެއް ނުލިބޭނެ އެވެ.
ޕްރިމިއާ ލީގު އަލުން ފަށަން މަސައްކަތް ކުރަމުން އަންނައިރު، މީގެ ކުރިން ބައެއް ކްލަބުތަކުން ވަނީ ކުޅުންތެރިންނަށް ޓްރެއިނިން ސެންޓަރުގައި އެކަނި ތަމްރީނުތައް ހެދުމުގެ ފުރުސަތު ދީފައެވެ. ރިޕޯޓުތައް ބުނާ ގޮތުން މި މަހުގެ 18 ވަނަ ދުވަހުން ފެށިގެން ޕްރިމިއާ ލީގުގެ ކްލަބުތަކުން ކުޅުންތެރިން އެކުގައި ތަމްރީނުތައް ފަށާނެއެވެ.
މާޗު މަހުގެ 8 ވަނަ ދުވަހު ޕްރިމިއާ ލީގު ކުޅުން ހުއްޓާލިއިރު، ލީގުގައި ވާދަކުރާ 20 ޓީމުގެ ތެރެއިން 16 ޓީމަކަށް ބާކީ އޮތީ 9 މެޗެވެ. ދެން އޮތް 4 ޓީމަށް 10 މެޗު އެބައޮތެވެ.
ލީގު މެދުކަނޑާލިއިރު އެއްވަނައިގައި 82 ޕޮއިންޓާއެކު ލިވަޕޫލް އޮތީ 25 ޕޮއިންޓުގެ ލީޑަކާ އެކު އެވެ. ލީގު ކަށަވަރުކުރަން ލިވަޕޫލަށް ބޭނުންވަނީ އެންމެ 6 ޕޮއިންޓެވެ.