ގައުމީ ޓީމުތަކުގެ ކުޅުންތެރިން މާޔޫސްކޮށްނުލާ، ކުޅުންތެރިންނަށް ހައްލެއް ހޯދައިދިނުމަށް ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ގޯލްކީޕަރު އިމްރާން މުހައްމަދު ގޮވާލައިފި އެވެ.
ނޮވެލް ކޮރޯނާވައިރަސް (ކޮވިޑް19) އާ ގުޅިގެން ގައުމީ ޓީމުގެ ކުޅުންތެރިންނަށް ދެމުން އައި އެލަވަންސް މިހާރު ދެމުން ނުދާކަން ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަޚްލޫފް މީގެ ކުރިން ވަނީ ހާމަކުރައްވާފައެވެ. ވަޒީރު ވިދާޅުވީ ގައުމީ ޓީމުގެ 328 ކުޅުންތެރިންނަށް، ކޮންމެ މަހަކު 1.4 މިލިޔަން ރުފިޔާ އެލަވަންސްގެ ގޮތުގައި ދެމުންދާ ކަމަށެވެ. އަންހެން އަދި ފިރެހެން ކުޅުންތެރިން ތަފާތު ކުރުމެއް ނެތި ކޮންމެ މަހަކު 5،000 ރުފިޔާ ދެމުންދާއިރު، އެއީ ކުޅުންތެރިންގެ މުސާރައެއް ނޫން ކަމަށާއި، އެއީ ކުޅުންތެރިން ގައުމީ ޓީމަށް އެރުމާއެކު، ކުޅުންތެރިންގެ ހާޒިރީއާއި ފަރިތަކުރުންތައް ދާ ގޮތަށް ބެލުމަށް ފަހު ދެވޭ އެއްޗެއް ކަމަށް ވަޒީރު ވިދާޅުވިއެވެ. އެހެންކަމުން މި ދުވަސްވަރު ފަރިތަނުކުރާތީ އެލަވަންސް ނުދޭ ކަމަށް ވަޒީރު ވިދާޅުވިއެވެ.
އެއާއެކު ބައެއް ކޯޗުންނާއި ކުރީގެ ކުޅުންތެރިން އަންނަނީ ސޯޝަލް މީޑިއާގައި އެކަމާ ދެކޮޅަށް ވާހަކަދައްކަމުންނެވެ.
ރާއްޖޭގައު އުފެދުނު އެންމެ މޮޅު ގޯލްކީޕަރު އަދި މިހާރު ގައުމީ ފުޓްބޯޅަ ޓީމުގެ ގޯލްކީޕަރު ޓްރޭނަރުގެ އެސިސްޓަންޓުގެ މަގާމު އަދާކުރަމުން އަންނަ އިމްރާން ކުރި ޓްވީޓެއްގައި ބުނެފައިވަނީ 'ލޮކްޑައުން'ގެ ސަބަބުން ފަރިތަ ނުކޮށް ތިބި ގައުމީ ޓީމުގެ ކުޅުންތެރިންނަށް ކޮންމެވެސް ހައްލެއް ހޯދައިދިނުމަށް އެދޭ ކަމަށެވެ. އަދި ކުޅުންތެރިން މާޔޫސްކޮށްނުލާ، ކޮންމެވެސް ހައްލެއް ހޯދައިދިނުން މުހިންމު ކަމަށް ދެކޭ ކަމަށްވެސް ވަނީ ބުނެފައެވެ. މި ޓްވީޓުގައި އޭނާ ވަނީ ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަޚްލޫފް ޓެގު ކޮށްފައެވެ.
ގައުމީ ޓީމުތަކުގެ ކުޅުންތެރިންނަށް ހައްލު ހޯދައިދިނުމަށް އިމްރާން ގޮވާލިއިރު، މީގެ ކުރިން ޓީސީ ސްޕޯޓްސް ކްލަބުގެ ކުރީގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) އާއި ގައުމީ ޓީމުގެ ކުރީގެ ޑިފެންޑަރު ސަބާހް މުހައްމަދު އިބްރާހިމް (ސޮބާ) ވެސް ވަނީ ކުޅުންތެރިންނަށް އެލަވަންސް ދޭން ގޮވާލާފައެވެ.
ރާއްޖޭގައި ކޮވިޑް-19 ހަލުވިކަމާއެކު ފެތުރެމުންދާއިރު، ކޮވިޑް-19 ގުޅިގެން ރާއްޖޭގެ ހުރިހާ ކުޅިވަރު ހަރަކާތްތަކެއް ވަނީ މެދުކަނޑާލާފައެވެ. އެގޮތުން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން 2019/2020 ވަނަ އަހަރުގެ ފުޓްބޯޅަ ސީޒަންގެ ބާކީބައި ކެންސަލް ކުރިއިރު، އެހެން ހުރިހާ ކުޅިވަރު އެސޯސިއޭޝަނަކުން ވަނީ ކުޅިވަރު ހަރަކާތްތަކާއި ގައުމީ ޓީމުތަކުގެ ފަރިތަކުރުންތައް މެދުކަނޑާލާފައެވެ.